އިންޑިއާއިން ކޮވިޑު ޖެހިގެން މަރުވާ އިންސާނުންގެ ހަށިތައް ގަންގާ ކޯރަށް އަޅާ މައްސަލަތަކެއް ތިލަ ވެއްޖެއެވެ.

އިންޑިއާގެ ރިޕޯޓުތައް ބުނާ ގޮތުގައި އެގައުމުގައި ކޮވިޑު ޖެހިގެން މަރުވާ މީހުންގެ ހަށިތައް ނައްތާލާނެ ގޮތެއް ނެތިގެން ގިނަ ބައެއްގެ ހަށިތައް ގަންގާ ކޯރަށް އަޅާފައިވެއެވެ.

ގަންގާ ކޯރަށް މަރުވެފައިވާ މީހުންގެ ހަށިތައް އަޅަމުންދާ މައްސަލާގައި އިންޑިއާގެ ބިހާރު ސްޓޭޓްގެ އެމްޕީ، ޖަނަރްދަން ސިންގް ވިދާޅުވީ އެ ސްޓޭޓުގައި މީހުން އެންދުމަށް ބޭނުންވާ ވަރަށް ދަރު އެބަހުރި ކަމަށާއި އެގޮތަށް ކޯރަށް ހަށިތައް އުކާލުން އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. ޖަނަރްދަން ވަނީ މަރުވާ މީހުންގެ ހަށިތައް ނައްތާލެވެން ނެތް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގު ކުރައްވާފައެވެ. 

އިންޑިއާގެ ރިޕޯޓުތައް ބުނާ ގޮތުގައި އެމްބިއުލަންސް ޑްރައިވަރެއް މަރުވެފައިވާ މީހެއްގެ ހަށިގަނޑު ކޯރަށް އެއްލާލާ މަންޒަރު ފެންނަ ވީޑިއޯއެއް މިފަހުން ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. މި ވިޑިއޯއިން ފެންނަނީ ބްރިޖެއްގެ މަތިން ގަންގާ ކޯރަށް އެމްބިއުލަންސް ޑްރައިވަރ، އިންސާނެއްގެ ހަށިގަނޑު ވައްޓާލާތަނެވެ. 

އިންޑިއާގެ ކޮވިޑުގެ ހާލަތު ގޯސްވެފައިވާއިރު އެގައުމުން ބަލީގައި ދުވާލަކު އެތައް ހާސްބަޔަކު ދަނީ މަރުވަމުންނެވެ.