ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއާއި އިންޑިޔާގެ ގުޅުން އިތުރަށް ބަދަހިވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު މިގޮތަށް ވިދާޅުވީ އިންޑިޔާއިން ފާހަގަކުރަމުންދާ އެގައުމުގެ މިނިވަން ދުވަހާއި ގުޅުވައިގެން ފޮނުއްވި މެސެޖްގައެވެ.
ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވައި ހިއްސާކުރެއްވި އެ މެސެޖުގައި އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިއާ ސަރުކާރާއި، އެޤައުމުގެ ރައްޔިތުންނަށް ވަނީ، ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
އެމަނިކުފާނުގެ މެސެޖުގައި، އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގައި ޚާއްސަ ބައިވެރިއެއްކަމުގައި ފާހަގަކުރައްވައި، މިއަދު ފާހަގަކުރަމުންދާ މިނިވަންކަމަކީ އިންޑިއާގެ ރައްޔިތުންގެ ރޫޙާއި ކާމިޔާބީގެ ނިޝާނެއްކަމުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދެޤައުމުގެ މެދުގައި އޮތް އިސްތިރާޖީ ގުޅުން ވޭތުވެދިޔަ ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންގޮސްފައިވާ ކަމަށާއި، މިއީ އެތައް އަހަރެއްގެ މައްޗަށް ބިނާވެފައިވާ ބަދަހި ގުޅުމެއް ކަމުގައި، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހިނގާ 2025 ވަނަ އަހަރަކީ، ދެޤައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.