ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު، "ދަރުމަވަންތަ" ރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިކަމަށްޓަކައި ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތަށް ރައީސް މުޢިއްޒު ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ދިފާޢީ ވަޒީރު މުޙައްމަދު ޢައްސާން މައުމޫން އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ޤައުމީ ދިފާޢީ ބާރާ ޙަވާލުކޮށްދެއްވީ، ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒްއެވެ. ޤައުމީ ދިފާޢީ ބާރުގެ ފަރާތުން މަނަވަރާ ޙަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރުގެ ނަން ކަޝްފުކޮށްދެއްވައި، މަނަވަރުގެ ޚިދުމަތް ފެށުމުގެ ލިޔުމާއި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ޙަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި މަނަވަރާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކާފައިވެ އެވެ. ރައީސް މުޢިއްޒު ވަނީ މަނަވަރު ބައްލަވާލައްވައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި އަސްކަރިއްޔާއަށް އިތުރުކުރެވިގެންދިޔަ އެންމެބޮޑު އުޅަނދެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލްކަންހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.