އިންޑިއާ މީހުންނަކީ ފައިސާ ރައްކާ ކުރުމުގައި އެފަދަ ދެވަނައެއް ނެތް ބަޔެކޭ ބުނާ އަޑު ފަހަރެއްގައި އަޑު އަހާފާނެ ކަންނޭނގެއެވެ. އެއީ އިންޑިއާ މީހުން ފަހުރުވެރިކަމާއިއެކު ގަބޫލުކުރާ އެއް ވާހަކައެކެވެ. ގިނަ ދުވަސް ވަންދެން އެއްޗެހީގެ ބޭނުން ހިފުން ފަދަ ކަންތައްތައް މިއީ އެގައުމުގެ މީހުންނަށް އާންމު ކަމެކެވެ. އިންޑިއާ މީހުންނަށް ދުނިޔޭގައި ލެއްވިހާ އެއްޗެއްގެ މުހިންމުކަން އިހުސާސްވާކަން ގައިމެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކީ އިންޑިއާއެވެ. ވުމާއެކު، ދުނިޔޭގެ އެންމެ ގިނައިން ކުނި ބޭރުވާނެ ގައުމަކީ އިންޑިއާ އޭ ބުނުމުން ހައިރާންވާކަށް ނުޖެހެއެވެ. އިންޑިއާއިން އަހަރެއްގެ މައްޗަށް 3.5 މިލިއަން ޓަނުގެ ކުނި އުފައްދަ އެވެ.
މި ރިޕޯޓްގައި މި ބަލާލަނީ ކުނި ރިސައިކަލްކޮށްގެން ކުނިންވެސް ބޮޑު އާމްދަނީއެއް ހޯދާ މި ގައުމުގެ ސިނާއަތުގެ ބައެއް ވާހަކަތަކަށެވެ. ޕްލާސްޓިކް ބޫޓުން ފެށިގެން ކާބަން ޓައިލްސް، މިހެން ގޮސް އިންޑިއާގައި ކުނިން އުފައްދާ ބާވަތްތަކުގެ އަދަދު ނުކިޔޭނެ އެވެ.
ފެކްޓްރީތަކުގެ ދުންވެސް ބޭކާރުކޮށްގެން ނުވާނެ ކަމަށް އިންޑިއާ މީހުން ދެކެއެވެެ. މި ދައްކަނީ އިންޑިއާ ސަރުކާރުން ކުރާ ކަންކަމުގެ ވާހަކައެއް ނޫނެވެ. އިންޑިއާގެ ބައެއް އާންމުން ވަނީ ފެކްޓްރީތަަކުން ބޭރުވާ ދުމުން ޓައިލްސް އީޖާދުކޮށްފަ އެވެ. މިފަދަ އެތައް މިސާލެއްގެ ވާހަކަ ދެއްކިދާނެއެވެ. އިންޑިއާއިން ބޭރުކުރާ ބައެއް ޓެޑީ ބެއާތަކުގެ އެތެރޭގައި ހުރީ ކޯޗެއްކަން ބުނެލިޔަސް، އަޑުއަހާ މީހެއްގެ އަނގަމަތީގައި އަތް އަޅާ ވަރުވާނެ އެވެ. އިންޑިއާގެ ކުނި ހޮވާ ބައެއް ވަނީ ޓެޑީ ބެެއާގެ އެތެރެއަށް ކަފައިގެ ބަދަލުގައި ބޭނުންކޮށްފައިވާ ސިނގިރެޓްގެ ފިލްޓާގައި ހުންނަ ބައި އަޅާފަ އެވެ. ބޭނުންކޮށްފައިވާ ސިނގިރެޓްގެ ފިލްޓާ ޕްރޮސެސް ކުރުމަށްފަހު އެ އެއްޗެހިން މަދިރި މަރާ ބޭސްވެސް އުފައްދާ ހަދަ އެވެ. ކޯޑް އެފޯޓް ނަމަަކަށް ކިޔާ ކުންފުންޏެއް އިންޑިއާގެ މަގުމަތިން ސިނގިރެޓް ހޮވާ މީހުންނަށް ފައިސާދީ ހަދަ އެވެ. ބޭނުންކޮށްފައިވާ ސިނގިރެޓް ކިލޯއެއް 300 ރުޕީސްގެ މަގުން އެކުންފުނިން ގަނެ ހަދަ އެވެ.
ޕްލާސްޓިކް ފެންފުޅިއާއި ޕްލާސްޓިކް ކޮތަޅު ބޭނުންކޮށްގެން އުފައްދާ އެންމެ ބޫޓެއް ވެސް އިންޑިއާއިން ވިއްކަނީ 110 ޑޮލަރަށެވެ. ޕްލާސްޓިކް ކޮތަަޅު ބޭނުންކޮށްގެން އުފައްދާ މި ބޫޓުތައް އުފައްދާ ފަރާތެއް ކަމުގައިވާ ސަރައުއްދީން މި އެއްޗެހި އުފައްދަނީ އެއްވެސް ކެމިކަލްއެއް ބޭނުންނުކޮށްކަން ފާހަގަކޮށްލަންޖެހެއެވެ. އޭގައި އެއްވެސް ކެމިކަލްއެއް ނާޅާތަނަކަށް ހޫނުފެން ބޭނުންކޮށްގެން އެެ އެއްޗެހި ރަނގަޅަށް ސާފުވެސް ކުރެ އެވެ.
އިންޑިއާއަކީ ދުނިިޔޭގެ އެންމެ ގިނައިން ހަކުރު އުފައްދާ ގައުމެވެ. ހަކުރު އުފައްދަން ބޭނުންކުރާ އުއްދަނޑިން ހަކުރު އުފެއްދުމަށްފަހު ބޭރުވާ ބަގޭސްއިން އިންޑިއާ ފެކްޓްރީތަކުން ހަކަތަ އުފައްދާކަން އެނގޭތޯއެވެ؟ މި ތަކެތި އަންދައިގެން ފޮސިލް ފިއުލްގެ ބަދަލުގައި ބޭނުންކުރެވޭނެ ހަކަތަ އުފެއްދުމުގެ ހުށިޔާރުކަން އިންޑިއާ މީހުން ނޫން އެހެން ބައެއްގެ ސިކުނޑިއަށް އައިސްފައިނުވޭ ކަންނޭނގެއެވެ. އޭގެ އެއްބައިން ކަރަންޓު އުފެއްދުމަކުން އަދި މީގެ ބޭނުން ފުދުނީކީއެއް ނޫނެވެ. މި ބަގޭސްއަކީ ފައިބާ މޯލްޑް އުފެއްދުމަށް ރަނގަޅު އެއްޗެއްކަމަށް އެގައުމުގެ ބައެއް ކަމާއި ގުޅުންހުރި މާހިރުން ހޯދާފައިިވެ އެވެ. ޔާޝް ޕައްކާގެ ނަމުން އުފެއްދި ފެކްޓްރީން ވަނީ ޒަމާނުއްސުރެ އުއްދަނޑީގެ ކުނިން ކަރުދާސް އުފައްދާފަ އެވެ. ނަމަވެސް، ދިމާވި ޓެކްނިކަލް މައްސަލަތަކާއި ގުޅިގެން އެ މަސައްކަތް މުޅިން ހުއްޓުނެވެ. އެހިސާބުން އެ ކުންފުނިން ވަނީ އުއްދަނޑީގެ އެހެން ބޭނުމެއް ވުޖޫދުކުރެވޭތޯ މަސައްކަތްކޮށްފައެވެ. އެ މަސައްކަތުގެ ނަތީޖާ ފެނި، މިއަދު އެ ކުންފުނިން ވަނީ އުއްދަނޑި ޕަލްޕް ބޭނުންކޮށްގެން ސްޓައިރޯފޯމް މޯލްޑް އުފައްދާފަ އެވެ. މިހާރު "ޗަކް" ބްރޭންޑުގެ ނަމުގައި އެކުންފުނިން ދަނީ ކަރުދާސް ތަށި އުފައްދަމުން ނެވެ.
އިންޑިއާގެ ކުނީގެ އެއްބައި އެގައުމުގެ ކޯރުތަކަށް އަޅާކަން މިއީ ސިއްރެއް ނޫނެވެ. އިންޑިއާގެ ކޯރުތަކަކީ އެމީހުން އަޅުކަން ކުރަން ބޭނުންކުރާ ތަންތަނެވެ. ކޮންމެދުވަހަކުވެސް އެތައް މިލިއަން މީހުން އިންޑިއާގެ ކޯރުތަކަށް މާ އަޅާ ހަދަ އެވެ. ޕޫލް ނަމަކަަށް ކިޔާ އެއް ކުންފުންޏަކުން ދަނީ އެ މަލުން ދުންދަނޑި އުފައްދަމުން ނެވެ.
ތަރުކާރީ ބަޔޯގޭސް. މި ބާވަތުގެ އެއްޗެއް އުފެއްދޭނީ ހަމަ އިންޑިއާއަށެވެ. އިންޑިއާގައި ހަލާކުވެގެން އުކާލާުް ތަރުކާރީންް މީހުން ދަނީ ބަޔޯގޭސް އުފައްދަމުން ނެވެ. އޭގެއިންވެސް އިލެކްޓްރިސިޓީ އުފެއްދުމުގެ ގާބިލުކަން އެބަހުރި ކަން އިންޑިއާއަށް ވަނީ ދެނެގަނެވިފަ އެވެ.