އިސްރާއީލުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް އެ ޤައުމުން ކުރަންޖެހޭކަމަށާއި އެއީ އެ ޤައުމަށް ލިބިފައިވާ ޙައްޤެއްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. އޭނާ އެ މޭރުމުން ވާހަކަދެއްކެވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ހަމަލާތައް ފާއިތުވި ދުވަސްތަކުގެ ތެރޭގައި އިތުރުވެފައިވަނިކޮށެވެ.
އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ބައިޑަންވަނީ ހަމަނުޖެހުން ވަރަށް އަވަހަށް ނިމޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. ނަތަންޔާހޫއާ ދެއްކެވި ވާހަކަފުޅަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހަމަނުޖެހުން އަވަހަށް ނިމޭނެކަމަށް ބައިޑަން އުންމީދުކުރައްވާ ސަބަބު ސާފުކޮށްދީފައެއްނުވެއެވެ. ނަމަވެސް އޭނާ ވިދާޅުވީ ހަމަނުޖެހުން ހުއްޓުވުމަށް އެމެރިކާގެ ސަރުކާރުން އިސްރާއީލާއި ސަޢުދީ ޢަރަބިއްޔާއާއި މިޞްރާއި ޔޫއޭއީއާ މަޝްވަރާ ކުރަމުންދާކަމަށެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓު ހައުސުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ފަލަސްތީނުގެ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދެމުންދާ ރޮކެޓު ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވާކަމަށެވެ. އަދި އެމެރިކާގެ ތާއީދު އަބަދުވެސް އިސްރާއީލަށް އޮންނާނެކަމަށާއި އިސްރާއީލުގެ ދިފާއުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ޙައްޤު އެ ޤައުމަށް އޮންނާނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ.
އެމެރިކާއަކީ މިދެގައުމުގެ ހަމަނުޖެހުންތައް ކޮންޓްރޯލުކުރުމުގައި ބޮޑުބާރެކެވެ. އެހެނީ އިސްރާއީލުން އެމެރިކާގެ ބަސް އަހާތީއެވެ. މީގެ ކުރިންވެސް އެމެރިކާގެ އަމުރަށް އިސްރާއީލުން ވަނީ ހަމަލާތައް މެދުކަނޑާލާފައެވެ.
