އަނދިރިކަމުގެ ތެރެއަށް އެއްލާލެވިފައިވާ މާލެއެއް ފެނިދާނެތީ ރައްޔިތުން ތިބީ އެކަމާއި ނުހަނު ކަންބޮޑުވެފައެވެ. ހަމަހިމޭންކަމުގެ ތެރޭގައި ވެސް ކުއްލިއަކަށް ހެނދުނު ހެނދުނާ އިވެނީ "ކަރަންޓް ހިނގައްޖެ!" މި އަޑެވެ. މިއީ މިހާރު މާލެއާއި އައްޑޫގެ ގިނަ ސަރަޙައްދުތަކެއްގައި ހަފްތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށް އާންމުވެފައިވާ މަންޒަރެވެ. ބައްޔަށް ބޭސް ކާ އުސޫލުންނެވެ. ކަރަންޓު ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، އޭގެ ސަބަބުން އުފެދޭ ކަންބޮޑުވުންތައް އިންތިހާއެވެ. މާލެއަށް އަނދިރި ރޭތައް މާގިނައިން މިންވަރު ނުވިޔަސް، މި ލިޔުމުގައި މި ކުލަކޮށްދެނީ ކަރަންޓް ކެނޑޭ ވަގުތުތަކުގައި ދިރިއުޅުން ކަޑައްތު ކުރަންވީ ޚިޔާލީ މަންޒަރުތަކެވެ.
ކަރަންޓު ކެނޑޭ ސަބަބުތައް
ޖަނަރޭޓަރުތަކުގެ މައްސަލަތަކާއި، މެއިންޓެނަންސްގެ ދަތިތަކާއި، ތެލުގެ އަގު ބޮޑުވުމާއި، އިންޖީނުގެތަކުގެ ވަސީލަތްތައް މަދުވެފައި ފެންވަރު ދަށްވެފައިވުމަކީ ކަރަންޓު ކެނޑުމުގެ މައިގަނޑު ސަބަބުތައް ކަމަށް ބެލެވެ އެވެ. ވިއްސާރަ މޫސުމުގައި ވެސް ކަރަންޓު ކެނޑޭ ހާލަތްތައް މެދުވެރިވެ އެވެ. އެހެނަސް މިއީ މާލެއަށް އާންމު ކަމެއް ނޫނެވެ. އެކަމަކު ވިއްސާރަ ވިޔަސް ނުވިޔަސް އައްޑޫ ސިޓީގެ ރައްޔިތުން މިކަމެއް ތަހައްމަލުކުރާތާ އަހަރުތަކެއް ފާއިތުވެއްޖެއެވެ. ގަޑި ދެ ގަޑިއިރެއް ވަންދެން ކަރަންޓް ކެނޑިގެން އެކަމުގެ ހިތާމައިގައި އައްޑޫގެ މޭޔަރު ޢަލީ ނިޒާރުގެ އުދާސްތައް ސޯޝަލް މީޑިއާއަށް ބަންޑުންކުރާ މަންޒަރު ނޫސްތަކުގެ ސުރުހީތަކުން ކިތަންމެ ފަހަރަކު ފެނެއެވެ.
އަނދިރި ދުނިޔޭގެ އުފާވެރިކަން
އައްޑޫ އިން ކަރަންޓު ދާ ވަގުތުތަކުގައި ތަންގަނޑު އެންމެން އެކަކު އަނެކަކު ކައިރިން ކަރަންޓު އަންނާނެ ވަގުތު ހޯދުމަށް ފެނަކައާއި ސުވާލުކުރުމަށް އެއްގަލަކަށް އަރައެވެ. ކުއްލިއަކަށް ކަރަންޓް ކެނޑުމުގެ ހިތްދަތިކަމަށް އާދަވެފައިވާ އެ ސިޓީގެ ރައްޔިތުން މިހާރު އެކަމަކަށް މާކަށް ބޮޑު ހާސްކަމެއް ނުތަނަވަސްކަމެއް ނުދައްކައެެވެ. ދަންވަރު ކަރަންޓު ގޮއްސިއްޔާވެސް އެެއްގެއިން އަނެއް ގޭގެ ޖޯލިފަތިތަކުން ރަހުމަތްތެރިކަން ބަދަހިކުރާ މަންޒަރު ވެސް ފެނިފައި އެބަހުއްޓެވެ. ބުނަން މި އުޅޭ އެއްޗަކީ ކަރަންޓު ނެތް ވަގުތުތަކުގައި ވެސް އުފާވެރި ވަގުތުތަކެއް ހޭދަކުރެވިދާނެ ކަމެވެ. ގޭގައި ތިބެގެން ވާހަކަދައްކައި، ކުޅިވަރު ކުޅެ، ފޮތް ކިޔައި، ނުވަތަ ގޯތިތެރޭގައި އިށީނދެ ހަނދުމަތައް އާކުރެވިދާނެއެވެ. މިއީ ފޯނާއި ޓީވީން ދުރުވެ، އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ރީތި ފުރުޞަތެކެވެ. އަދި ސްކްރީން ޓައިމް މަދުކޮށްގެން ލޮލަށް އަރާމެއް ދޭން ވެސް ރަނުގެ ފުރުސަތެކެވެ. ކާބަފައިންގެ ޒިކުރާ އައުކޮށް އެ މާޒީ ހަނދާންކޮށް އެހާލަށް ޝުކުރުވެރިވާންވެސް މިއީ ހެޔޮ ފުރުސަތެކެވެ. އާނއެކެވެ! އުނދަގޫވާނެއެވެ. އަހަރެމެންނަށް އުނދަގޫވާނެއެވެ. އެހެނަސް އެ އުނދަގުލުގެ ތެރެއިން، އެ އަނދިރިކަމުގެ ތެރެއިން މި ހޯދޭ އުފާވެރިކަމުގެ އަލިކަމަކީ ހިތްތަކުގައި ދިއްލައިލެވޭ ފާނޫޒުބައްތިއެއްފަދަ އެއްޗެކެވެ.
ކަރަންޓާ ނުލައި ދިރިއުޅެން ދަސްކުރަމާ!
ކަރަންޓު ނެތް ވަގުތުތަކުގައި ދިރިއުޅުން ފަސޭހަކުރުމަށް އަޅުގަނޑުމެންނަށް ބައެއް ކަންތައްތައް ކުރެވިދާނެއެވެ.
ފައިސާ ހުރިއްޔާ ސޯލާގެ ޚިދުމަތްތައް ހޯދުމަށް ހިތްވަރުކުރެވިދާނެއެވެ. ރޭގަނޑު ގަޑީގައި ކަރަންޓު ދާ ވަރުން އައްޑޫގެ ރައްޔިތުން ހަމަ ގައިމުވެސް ތިބެނީ ކޮންމެ ގެއެއްގައި ފްލޭޝްލައިޓް ބަހައްޓައިގެންނެވެ. ކަރަންޓް ނެތް ހާލަތަކަށް ހަތިޔާރު އުކުޅަށް ޖެހުމަށް އުއްބަތިތައް ހިފައިގެންނެވެ. ފޯނުން މަސައްކަތްތައް ކުރަންޖެހޭ މީހުން ތިބެނީ ޕަވަރ ބޭންކުތައް ޗާޖުކޮށްފައި ބަހައްޓައިގެންނެވެ. ދިލަ އަތްވާއި ހޫނުން ކަރުތެރެ ތެންމާލުމަށް ފެންފުޅިތައް ފިނިކޮށް ބަހައްޓައިގެންނެވެ. ކުއްލިއަކަށް ކަރަންޓް އަނބުރާ އައިސްދާނެ ވަގުތަކަށް ތައްޔާރުވެ ތިބުމަށް އޭސީއާއި އައިސް އަލަމާރީގެ ސްވިޗްތައް ނިވާލާފައި ތިބެއެވެ. އެތައް ދުވަހަކުން ދާ އޮހޮރުވައިގެން ހޯދާ އިލެކްޓްރިކް ސާމާނުތައް ހަލާކުވެދާނެ ކަމުގެ ބިރުވެރިކަން ހިތަށް އަރުވަމުންނެވެ.
އާނއެކެވެ! ކަރަންޓު ގޮސްފިނަމަ ހާލަކީ މިއީއެވެ! ދެން ދަސްކުރަންވީ ކޮން ކަމެއްތޯއެވެ؟ ދަސްކުރަންވީ ކަރަންޓާ ނުލާ އުޅޭށެވެ. ހުން އަންނާނެކަމަށް ރަޖާ ލާންވީއެވެ. ހިނގައިދާނެއެވެ. އެ ދަނީއެވެ. ކަރަންޓަކީ އެފަދަ އެއްޗެވެ. އެހެން ކަމުން ގޮސްދާނެ ކަމަށް އަބަދު ތައްޔާރުގައި ތިބޭށެވެ. އެމެޖެންސީ ލައިޓު ތަކާއި ބެޓެރި ފަންކާތަކުގެ ސަފުތައް އަލަމާރި ތެރޭގައި ރުކުރުވާލާފައި ބަހައްޓާށެވެ. ބާލިދީއެއް ޓައްޕެއް ކީއްކުރަން ގެރިކިރު ހުސްކުރި ދަޅެއް ވިޔަސް، ފާހަނާ ތެރެއަށް ވައްދާ ފެންފޮދެއް ފުރާފައި އަބަދުމެ ބަހައްޓާށެވެ. ހާޖަތަކަށް ދާންޖެހޭނީވެސް ކޮންއިރަކު ކަމެއް ނޭނގެއެވެ! ބައެއް ހާލަތްތަކުގައި އެޔެކޭ ކަރަންޓެކޭ ވާ ތަފާތެއްވެސް ނެތްވިއްޔާއެވެ!
މިޒާތެއްގެ ވިސްނުމެއް އިސްކޮށްގެން، ބުއްދިވެރިކަމާއެކު ހުސިޔާރުވެގެން ނޫނީ ކަރަންޓާ ނުލާ ދިރިއުޅުންވާނީ ބޮޑު ގޮންޖެހުމަކަށެވެ! ހިތް ނުތަނަސްވެ، ހާޖަތަކަށް ދާންޖެހި، ލޭ މައްޗަށް ގޮސްފައިވާ މީހާއަށް މުސީބާތެކޭވެސް ބުނެވިދާނެއެވެ! އަހަރެމެންނަށް އޮތީ ތައްޔާރުވެގެން ތިބުމެވެ! ތައްޔާރުވެގެން ތިބެއްޖެނަމަ، ކަރަންޓާ ނުލާ އަހަރެމެންނަށް އުޅެވިދާނެއެވެ!
އަލިކަމުގެ އުއްމީދު
ސަރުކާރުން ވަނީ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެފައެވެ. އާ ޖަނަރޭޓަރުތައް ގެނައުމާއި، އިންޖީނުގެތައް އަޕްގްރޭޑްކުރުމާއި، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ތަޢާރަފުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެއެވެ.
ކަރަންޓަކީ މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. ނަމަވެސް، ކަރަންޓު ނެތް ވަގުތުތަކުގައި ވެސް އުފާވެރިކަމާއެކު ދިރިއުޅެވޭނެ ގޮތްތައް ހުރިކަން ހަނދާންކުރަން ޖެހެއެވެ. އަދި މިފަދަ ދަތި ވަގުތުތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ، ކެތްތެރިކަމާއެކު ކުރިއަށް ދިއުމަކީ މުހިންމު ކަމެކެވެ. އެނގޭ ހެއްޔެވެ! އަޑުގަދަކޮށް މީސްމީޑިޔާގައި ގިނަ ޕޯސްޓުތަކެއް ކުރިއެއް ކަމަކު، އެކަމާ ބިރަކުން ކަރަންޓެއް ނާންނާނެއެވެ! އެހެނަސް އެ ގެނެވޭތޯ މަސައްކަތްކުރާ މީހުން ކެނޑިނޭޅި އެ ގެނެވޭތޯ އުޅޭނެއެވެ! އެހެނީ ކަރަންޓު ކެނޑެނީ އެމީހުން އިސްތިސްނާވާ ގޮތަކަށް ނޫނެވެ! ގެއްލުމެއް ދެރައެއް އަދި މާޔޫސްކަމެއް ލިބުނަސް ލިބޭނީ އެމީހުންނާ އެމީހުންގެ އާއިލާތައްވެސް ޝާމިލުވާހެނެވެ! އެހެންކަމުން ކެތްތެރިވާށެވެ! ކަރަންޓު އަންނާނެއެވެ! އައުމާ ދިއުމަކީ ދުނިޔޭގެވެސް އާދައެއްތާއެވެ! ކަރަންޓާ ނުލާވެސް އުޅެލަން ދަސްކުރަން ޖެހޭނެއެވެ! އަހަރެމެންގެ ކާބަފައިން އުޅުނީ ތިޔަ ބުނާ ކަރަންޓާވެސް ނުލައެވެ!