އިންސާނީ ހަޔާތުގައި އަބުރަކީ ވަރަށް މުހިންމު އަދި އަގުބޮޑު އެއްޗެކެވެ. އެއީ ކޮންމެ އިންސާނަކުވެސް ފަހުރުވެރިވާ، އޭނާގެ ޝަރަފު ކަމުގައި ބަލާ ކަންކަމެވެ. އެހެންކަމުން، އަބުރުގެ މާނަ ދެނެގަތުމާއި، އެއަށް ރައްކާތެރިވުމުގެ މުހިންމުކަން ދެނެގަތުމަކީ ކޮންމެ މުޖުތަމަޢެއްގައިވެސް މުހިންމު ކަމެކެވެ.
"އަބުރު" މިބަހުގެ މާނައަކީ އިންސާނާ ފަހުރުވެރިވާ، އޭނާގެ ޝަރަފު ކަމުގައި ބަލާ ކަންކަމެވެ. މިއީ މީހެއްގެ ނަން ބޮޑުވުމާއި، އޭނާގެ ހެޔޮކަމާއި، މީސްތަކުންގެ ހިތުގައި އޮންނަ އިތުބާރާއި ޤަދަރަށް ދެވޭ ނަމެކެވެ. އިސްލާމީ ދިރިއުޅުމުގައި އަބުރަކީ ދީނާއި އަޚްލާޤީ ރިވެތި ސިފަތަކާ ގުޅިފައިވާ ކަމެކެވެ.
އަބުރާ ގުޅިފައިވާ އަނެއް ދެ ބަހަކީ "އަބުރު ހިފެހެއްޓުން" އަދި "އަބުރާ ބެހުން" އެވެ. "އަބުރު ހިފެހެއްޓުން" މިބަހުގެ މާނައަކީ އިންސާނާ ފަހުރުވެރިވާ، އޭނާގެ ޝަރަފު ކަމުގައި ބަލާ ކަންތައްތަކަށް އުނިކަމެއް ލިބޭފަދަ އެއްޗެއް ނުބުނުން ނުވަތަ ނުކުރުން، ނުވަތަ އެކަންކަމަށް ރައްކާތެރިވުމެވެ. މީގެ ތެރޭގައި ދޮގު ހެދުމާއި، ޚިޔާނާތްތެރިވުމާއި، ނޭދެވޭ އަމަލުތަކުން ދުރުހެލިވުން ހިމެނެއެވެ. އަމިއްލަ ނަފްސުގެ އަބުރު ހިފެހެއްޓުމަކީ މީހާގެ ޒާތީ ކަރާމާތް ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
"އަބުރާ ބެހުން" މި ބަހުގެ މާނައަކީ އިންސާނާ ފަހުރުވެރިވާ، އޭނާގެ ޝަރަފު ކަމުގައި ބަލާ ކަންތައްތަކަށް އުނިކަމެއް އަންނާނެފަދަ ބަހެއް ބުނުން ނުވަތަ ކަމެއް، އެހެން މީހަކު ކުރުމެވެ. މިސާލަކަށް، ދޮގު ބަހަނާ ދެއްކުމާއި، ބޭއަދަބީ ބަސް ބުނުމާއި، ނުޙައްޤުން މީހެއްގެ މައްޗަށް ތުހުމަތުކުރުން ފަދަ ކަންކަމެވެ. އިސްލާމްދީނުގައި ޣީބަބުނުމާއި ދޮގު ތުހުމަތުކުރުން ވަނީ ވަރަށް ބޮޑަށް މަނާކުރައްވާފައެވެ.
އަބުރަކީ މިއީ ކަމުގައިވާ އިރު، އިންސާނާ ކުރާ ކުށްތައް ބަލާ، ޝަރީޢަތްކޮށް، ކުށްކުށަށް އަދަބުދީ ހެދުމަކީ އަބުރާބެހުން ކަމުގައި ވާނެހެއްޔެވެ؟ މި ސުވާލަކީ ވަރަށް މުހިންމު ސުވާލެކެވެ. ކުށް ކުރީ އޭނާއެވެ. އޭނާގެ އަމަލުތަކުގެ ސަބަބުން އެހެން މީހުންނަށް ގެއްލުންވެ، މުޖުތަމަޢުގެ ހަމަޖެހުން ނަގާލެވޭނެއެވެ. ކުށްތަކުން އެހެން މީހުންނާއި މުޖުތަމަޢު ސަލާމަތްކުރުމުގެ ޒިންމާ އުފުލާ އިދާރާތައް އެބަހުއްޓެވެ. ޤާނޫނީ ނިޒާމުގެ ދަށުން ކުށްކުރާ މީހުންނަށް އަދަބު ދިނުމަކީ، މުޖުތަމަޢުގެ ހަމަޖެހުން ދެމެހެއްޓުމަށާއި، ކޮންމެ މީހެއްގެވެސް ހައްޤު ރައްކާތެރިކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އެހެން މީހުންގެ އަބުރު ރައްކާތެރިކުރުމުގެ ނަމުގައި މިފަދަ ކުށްތަކުގެ ވާހަކަ ނުދައްކާ ސިއްރުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެހެނީ، ކުށެއް ސިއްރުކުރުމަކީ، އެ ކުށްކުރި މީހާއަށް އިތުރަށް ކުށް ކުރުމަށް ހިތްވަރު ދެވޭނެ ކަމެކެވެ. އަދި އެހެން މީހުންނަށް އެ ކުށުގެ ގެއްލުން ލިބި، އެމީހުންގެ އަބުރު ނަގާލެވޭނެއެވެ. މިގޮތަށް ސިއްރުކުރުމުން ދެން ގެއްލިދާ ކިތައް އަބުރު އޮވެދާނެތޯއެވެ؟ ޝަރީޢަތްތައް ހިންގައި، ކުށްތަކަށް އަދަބު ދިނުމަކީ ކުށްކުރި މީހާގެ އަބުރާ ބެހުން ކަމުގައި ނުބެލެވޭނެއެވެ. ބަދަލުގައި، އެއީ އިންސާފު ޤާއިމުކުރުމާއި، މުޖުތަމަޢުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެކެވެ. އަބުރުގެ ހަޤީޤީ މާނައަކީ ހެޔޮގޮތުގައި ދިރިއުޅުމާއި، ހެޔޮކަންކުރުމާއި، އެހެން މީހުންނަށް އަނިޔާ ނުކުރުމެވެ. އެހެންކަމުން، ކުށަކަށް އަދަބު ދިނުމަކީ، ކުށްކުރި މީހާގެ ނުރަނގަޅު އަމަލުތައް ހާމަކުރުން ކަމުގައި ނޫންނަމަ، އޭނާގެ އަބުރާ ބެހުން ކަމުގައި ނުވާނެއެވެ. އެއީ އޭނާ ކުރި ކުށުގެ ޙައްޤު ނަތީޖާއެވެ.
އަބުރަކީ ވަގުތީ ޝަރަފެއް ނޫނެވެ. އެއީ ދާއިމީ އަދި ހަޤީޤީ ރިވެތި ސިފަތަކުން ފުރިގެންވާ ހަރުދަނާ އަމިއްލަ ނަފްސެކެވެ. މުޖުތަމަޢެއްގައި އަބުރުވެރިކަން ދެމެހެއްޓުމަށްޓަކައި، ކޮންމެ މީހަކުވެސް އަމިއްލަ ނަފްސުގެ އަބުރަށް ރައްކާތެރިވެ، އެހެން މީހުންގެ އަބުރަށް އިހުތިރާމްކޮށް، ޢަދުލު އިންސާފު ޤާއިމުކުރުމަށް މަސައްކަތް ކުރަންވާނެއެވެ. އަދުލު އިންސާފަށް ގޮވާލާ ވަކާލާތުކޮށް، އެ އިންސާފު ގާއިމުކުރުމަކި އަބުރާ ބެހުމެއް ނޫނެވެ. އެއީ އަބުރުތައް ރައްކާތެރިކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ. މިކަން ރަނގަޅަށް ހަނދާންކުރާށެވެ!