ކައިވެންޏަކީ މުގައްދަސް ގޮށެކެވެ. އެ ގޮށް ޖަހާފައި ހުންނަންވާނީ ވަރަށް ވަރުގަދަކޮށެވެ. އެހެން ނޫނީ އެ ގޮށް ފަސޭހައިން މޮހައިގެންދާނެއެވެ. ކައިވެންޏަކާއި ހަމައަށް ދާނީ ވަރަށް ބައިވަރު ވައުދާއި އަހުދުތަކަށްފަހުއެވެ. ކަން މިހެން އޮތް ހިނދު، ކައިވެނި ވެވޭ ހިސާބުން، ކުރިން ކުރި ހުރިހާ މަސައްކަތެއް ހުއްޓާލަން ޖެހުނީ ކަމަށް ހީނުކުރާށެވެ. ކައިވެނި ދެމެހެއްޓުމަކީ ކައިވެނިކުރުމަށްވުރެ އުނދަގޫ ކަމެކެވެ. ކައިވެނިކުރުމުގެ ކުރިން ފޮޅުނުހާ މާތައް ކުރިއަށްވުރެ ގަދައަށް ފޮޅުވަން ޖެހެއެވެ. މާ ފަސޭހައިން ހިންދަމާލާ ކަންފަސޭހަ ކުރެވޭ ގޮތް ވެއްޖެއްޔާމު ތި ކައިވެނީގެ އެކްސްޕަޔަރީ ތާރީޚު އަތުވެދާނެއެވެ. ތިރީގައި މި ވަނީ ކައިވެންޏެއް ދެމެހެއްޓުމަށްޓަކައި ކުރަންވީ ކަންތައްތަކެވެ. މި ކަންކަމަކީ މަޝްހޫރު ރިލޭޝަންޝިޕް އެކްސްޕާޓެއްގެ ދުލުން ބަޔާންކޮށްދީފައިވާ މުހިންމު ނުކުތާތަކެކެވެ.
1. ތެދުވެރިކަން
ތެދުވެރިކަމަކީ ކައިވެނީގެ ގުޅުމެއްގެ އެންމެ މުހިންމު އަސާސެވެ. ދެމަފިރިން އެކަކު އަނެކަކަށް ތެދުވެރިވުމަކީ އިތުބާރު ބިނާކުރުމަށް އެޅޭ އެންމެ ވަރުގަދަ ބިންގަލެވެ. ކުދިކުދި ކަންކަމުގައިވެސް ތެދުވެރިވުމަކީ މުހިންމު ކަމެކެވެ.
2. ޖިމާއުވުން
ޖިންސީ ގުޅުމަކީ ދެމަފިރިންގެ ގުޅުން ވަރުގަދަކޮށް، ލޯބި އިތުރުކޮށްދޭ ކަމެކެވެ. މިކަމުގައި ދެމަފިރިން އެކަކު އަނެކަކުގެ ބޭނުންތަކަށް އިޙްތިރާމްކޮށް، އެއްބަޔަކު އަނެއްބަޔަކަށް އަޅާލުން މުހިންމެވެ. ދެމީހުން ބޭނުންވާ ކަންކަމުގައި ތެދުވެރިވުން ވެސް މުހިންމެވެ. ހައްލުތައް ހޯދުން ލާޒިމެވެ. ކިތަންމެ ބުރަކޮށް އުޅުނަސް މިކަމަށް ވަގުތު ނުދީފިނަމަ، ދެމީހުން 'ފްރެންޑް ޒޯން' ވުން މާބޮޑަށްވެސް އެކަށީގެންވެ އެވެ.
3. މުއާމަލާތްކުރުން
. ދެމަފިރިން އެކަކު އަނެކަކާ ވާހަކަދައްކައި، އިޙްސާސްތައް ޙިއްސާކޮށް، މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރަންވާނެއެވެ. ގިނަ ފަހަރާއި ދެމަފިރިއެއްގެ މެދުގައި މައްސަލަ ޖެހެނީ މާ މޮޅެތި އުންމީދުތައް ބަހައްޓައިގެން އެކަމެއް ހާސިލުނުވުމުންނެވެ. އަދި އެކެއްގެ ހުރި ކުޑަ މައްސަލައެއް އަނެކާއާއި ހިއްސާކުރަން ފަސްޖެހި އެންމެ ފަހުން އެކަންތައް ފަޅަފަޅައިގެންދާ ހިސާބުންނެވެ. އެއްވެސް މީހަކީ 'މައިންޑް ރީޑަރ' އެއް ނޫންކަން ދަންނަންވާނެ އެވެ.
4. 'ސްޕޭސް'
އެކަކު އަނެކަކަށް އިޙްތިރާމްކުރުމަކީ ދެމަފިރިންގެ ގުޅުމެއްގައި ކޮންމެހެން ހުންނަންޖެހޭ ސިފައެކެވެ. މީގެ ތެރޭގައި އެކަކު އަނެކަކުގެ ޚިޔާލުތަކަށާއި، އިޙްސާސްތަކަށް އަދި ޒާތީ މިނިވަންކަމަށް އިޙްތިރާމްކުރުން ހިމެނެއެވެ. ކޮންމެ މީހަކަށްވެސް ބައިވެރިޔާއާއި ނުލާ އަމިއްލަ ކަންކަން ކުރުމަށް ވަގުތާއި ޖާގަ ބޭނުންވެ އެވެ. ދެމަފިރިން އެކަކު އަނެކަކަށް އަމިއްލަ ވަގުތު ދިނުމަކީ މުހިންމު ކަމެކެވެ. މިއީ އަމިއްލަ ޝަޚްޞިއްޔަތު ދެމެހެއްޓުމަށް މުހިންމު ކަމެކެވެ. ތިބާ ދެކެ އޭނާ އެންމެ ފުރަތަމައިނުން ވެސް ލޯބި ވީ ތިބާގެ އަމިއްލަ ޝަހްސިއްޔަތާއި ތިބާގެ ހުރި ތަފާތު ކަންކަމާއި ގުޅިގެންކަން ހަނދާނަށް ގެންނަންވާނެއެވެ.
5- "މަންމައެއް ހެން އުޅުން"
މަންމަ ކިތަންމެ ވަރަކަށް ހަޅޭއްލަވާފައި މިވެނި ކަމެއް އެވެނި ގޮތަކަށް ކުރާށޭ ބުންޏަސް، މަންމައާއި އޮންނަ ގުޅުން ވަތްކެއް ނުވާނެއެވެ. އެއާއި ހިލާފަށް ބައިވެރިޔާ އެގޮތަށް އުޅެންޏާމު އޭނާ ދެކެ ވާ ފޫއްސެއް ވަރިއާއި ހަމައަށް ގެންގޮސްފާނެއެވެ. ހަމަ އެގޮތަށް އޭނާގެ މަންމަ އޭނާ މާ ލޯބިން 'ބޭބީ'ކޮށް ގެންގުޅޭ ގޮތަށް ތިބާވެސް އޭނާ ކުރަން ޖެހޭ ކަންކަން މާ ބޮޑަށް ކޮށްދީ މާ ބޮޑަށް އަޅާލުންދީ، އޭނާ ކަންކަމުން ރައްކާ ކުރަން އުޅެފިއްޔާ އޭނާއަށް އެކަން ވާނީ ތުރާލަކަށެވެ.
6- ގުޅުމުގެ ކުރިއެރުން
ކާވެނީގެ ގުޅުމަކީ ދުވަހުން ދުވަހަށް ކުރިއަރަމުންދާންޖެހޭ އެއްޗެކެވެ. މީގެ ތެރޭގައި އާ ކަންކަން ތަޖުރިބާކުރުމާއި، އެކުގައި ކުރިއަށް ދިއުމުގެ ލަނޑުދަނޑިތައް ކަނޑައެޅުން ހިމެނެއެވެ.