ބޯޓު ދަތުރުކުރަން ދިޔަ މީހަކު ކަނޑާ ސަޅިބައިސާތަކާ ދައްކާ ފޮނި ވާހަކަ ރަމްޒުކޮށްދޭ ދިވެހި ފިލްމެއްގެ މަންޒަރުތަކެއް މީސްމީޑިޔާގައި ދައުރުވެ އެވެ. އެއަށް ޖޯކު ޖަހާ މަލާމަތްކޮށް ހަދައެވެ. އޭގައި އުޅޭ "ޕްރިންސް" ނަމަކަށް ކިޔާ މީހަކު ބުނާތީ އިވެއެވެ. ކޮފީ ބޯލެއް ގިނަކަމުން ސިރިންޖުން ލޭނަގަން އުޅުނަސް ހަމަ ދަމާލީ އަންނަނީ ކޮފީއެވެ! އާދެ "ދަމާލީ، ކޮފީ!" މިފަދައިންނެވެ. އެއީ ހެއްވާ މަޖާ ފިލްމެކެވެ. އެ ފިލްމުގައި މިފަދައިން ސިފަކޮށްފައި އޮތީ ސަމާސާކޮށް މީހުން ހެއްވާލުމުގެ ބޭނުމުގައެވެ. އެކަމަކު ހަގީގަތުގައިވެސް ހަމަ ދަމާލާއިރަށް "ކޮފީ" އަތުވެދާނެއޭ ބުނުމުން ހައިރާނެއް ނުވާނެ ހެއްޔެވެ؟

މި ވާގޮތަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. ޖުމުލަކޮށް ބުނާނަމަ އަހަރެމެން ކައި ބޮއެ އުޅޭ ކޮންމެ އެއްޗެއްގެ އަސަރު، ލޭގެ ތެރެއަށް ފޯރާނެއެވެ. ހަމަ އެއުސޫލުން މީހަކު މާ ގިނައިން ކޮފީ ބޮއެ އުޅޭނަމަ، އޭގެ އަސަރުވެސް ލޭގެ ތެރެއަށް ކުރާނެއެވެ. އާދައިގެ ކޮފީ ތައްޓެއް ބޯލާ މީހަކު، އޭނާ ކޮފީ ބޮއެ ނިންމާލާތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ތެރޭ، އޭގައި ހުންނަ ކެފެއިންގެ މާއްދާ ލޭގެ ތެރެއަށް ނަގާނެއެވެ. އެތައް ގަޑިއިރެއް ވަންދެން ލޭގެ ތެރޭގައި ކެފެއިން ދައުރުކުރާނެއެވެ. އަދި މި ކެފެއިން އަހަރެމެންގެ ފުރަމެއިން ސާފުކޮށް ފުރާނާއިރު، ޕެރަޒެންތައިން، ތިއޮބްރޮމިން އަދި ތިއޮފިލިން ނަމަކަށް ކިޔާ މާއްދާތަކަކަށް ބަދަކުލޮށް ކުދި ކުދިކޮށްދެއެވެ. އެހެނަސް މި މާއްދާތަކުގެ އަސްލު ގުޅިފައި މި ހުންްނަނީ ކުރިން ބޮވުނު ކޮފީ އާއެވެ.

އާއްމުކޮށް ހަދާ ލޭގެ ޓެސްޓުތަކުން މި މާއްދާތަކާއި "ކޮފީ" ގެ އަސަރު ފެންނަން ނުހުރެދާނެއެވެ. އެހެނަސް އެކަންކަމަށް ހާއްސަކޮށް އަދި ބައެއްކަހަލަ ފޮރެންސިކް ޓެސްޓުތަކުން މި މާއްދާތައް ސާފުކޮށް ފެންނާން ހުންނާނެއެވެ. އަދި އޭނާ އެއްމެ ފަހުން ކޮފީއެއް ބޮއެފައިވާނަމަ އެ ބޮއުނު އިރަކާއި މިންވަރެއްވެސް ހޯދާ ބެލުމުގެ ކުޅަދާނަކަން އަދު ވަނީ ލިބިފައެވެ. 

ކަންމިހެން ހުރުމާއި އެކު، ބޮޑެތި ޖޯޑުތަކުގައި ފެންބޯ އުސޫލުން ކޮފީ ބޯ މީހެއްނަމަ، އޭނާގެ ލޭގެ ތެރޭގައި ކެފެއިން އަދި އިސްވެ ބުނެވުނު މާއްދާތައް ގިނަ އަދަދަކަށް ފެންނަން ހުންނާނެއެވެ. ބޯޓުދަތުރު ކުރި "ޕްރިންސު" ބުނިފަދައިން ލޭގެ ތެރެއިން "ކޮފީ" ފެނިދާނެއެވެ. ހަމަ ދަމާލާއިރަށް "ކޮފީ" އައިސްދާނެއެވެ. އަސްލަކީ އަންނަނީ ހަމަ ލެއެވެ. އެކަމަކު އެ ލޭގައި ކޮފީގެ އަސަރާއި ކޮފީގެ މާއްދާތަކާއި އެ މާއްދާތަކުގެ އިތުރު މާއްދާތައް ގިނައެވެ. މިކަން ލޭގެ ޓެސްޓެއް ނުކޮށް ދެނެގަނެވޭނެ ގޮތެއްވެސް އެބަ އޮތެވެ.

އާއްމުކޮށް މީހަކު ކޮފީ ބޮއެ އުޅޭ މިންވަރަށްވުރެ ގިނައިން، އެއްފަހަރާ ކޮފީ ބުއިމަށްފަހު، ޖެހިގެން އެއްމެ އަވަހަށް ކުޑަކަމުދާ ދެތިން ފަހަރަކު، ކުޑަކަމުދާ ތަކެތީގައި ކޮފީގެ ވަސް އެކުލެވިގެންދާނެއެވެ. އެހެނީ ގުރުދާގެ ތެރެއިން ލޭ ސާފުކޮށް ފުރާނާއިރު، ކެފެއިން އަދި އިސްވެ ބުނެވުނު މާއްދާތައް ބޭރުކޮށްދޭ އިރު، އޭގެ އަސަރު ކުޑަކަމުދާ ތަކެތީގައިވެސް ހުންނާނެއެވެ. ވަސް އެކުލެވިގެން އެ ދަނީ އެ މާއްދާތަކުގެ ސަބަބުންނެވެ.

 

ހަވާލާ: މެޑްސްކޭޕް - ކެފެއިން ޓޮކްސިސިޓީ ވޯކްއަޕް (2025)