ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އިއްޔެ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރާއި ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރަކީ، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ވަރުގަދަ ގުޅުން ދައްކުވައިދޭ ރަމްޒެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒް ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ އަދި ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.