މީހުން ބުނެއުޅެ އެއް ނޫންތޯއެވެ؟ ލޯބިވާ މީހާގެ ހަގީގީ ސިފަ އެނގޭނީ ކައިވެނިކުރީމައެވެ. އެކަމަކު ކައިވެނިކުރީމަ ވެސް ބައެއް މީހުންގެ އަސްލު ޝަހްސިއްޔަތު ނޭނގިފައި ހުރެދާނެއެވެ. ބުޅާ ގޯނިން ބޭރުވާން ފަހަރެއްގައި އެތައް އަހަރެއް ނަގާފާނެއެވެ. ލޯބިވާ މީހާ ކިތަންމެ ވަގުތު ދިނަސް ކިތަންމެ ހަގީގީ މަންޒަރެއް ދެއްކިޔަސް އޭނާ ވާ ލޯބީގެ ފަހަތުގައި އެހެން މަގްސަދެއް އޮވެދާނެއެވެ. ބައެއް މީހުންނަކީ އެންމެ މީހަކަށްޓަކައި ހިތުގެ ސިއްކައެއް ޖެހިފައި ތިބޭ މީހުންނެވެ. ލޯބި ދޭ އެހެން މީހަކު އައުމަކުން ސިއްކަ ފިލައިގެނެއް ވަކި ނުދާނެއެވެ. ނުވަތަ އެކި މީހުންގެ ފަރާތުން ވަގުތީ ލޯބި ހޯދަން ބޭނުންވާ ބަޔަކަށް ވެދާނެއެވެ. 

"ކައިވެނިކުރާނީ ލޯބިވާތީ ނޫންތޯއެވެ". ރަނގަޅު ވާހަކައެކެވެ. އެއްވެސް މީހަކު ވަރިވާކަށް ކައިވެންޏެއް ނުކުރާނެއެވެ. ތެދެކެވެ. އެކަމަކު މި ކެހިވެރި ދުނިޔޭގައި 'އުޅެން ފަސޭހައަކަށް' ކައިވެނިކުރާ މީހުން މަދެއް ނޫނެވެ. އަތް ފުނާ އަޅަމުންދަނިކޮށް އުމުރު ދެބައިވެދާނެތީ ބިރުން މީހަކާ ކައިވެނީގެ ގޮތުން ގުޅޭ މީހުން މަދެއް ނޫނެވެ. ކުލި ނުދައްކާ އުޅުމުގެ ބޭނުމުގައި ކުލި ދެއްކުމުގެ ބުރަ ނުއުފުލާ ތަނަވަސް އާއިލާއަކާ ގުޅެން ބޭނުންވާ ފިރިހެނުން ވަކި މަދެއް ނޫނެވެ. އެމީހުންގެ ގިރިޓީ ލޯބި ދެނެގަންނަން ވަކި ފަސޭހައެއް ނުވާނެއެވެ. އެކަމަކު ފަރުދާގެ ފުރަގަހުގައި އެހެން މީހުންނާ ކައިވެނިން ބޭރުން ގުޅުން ބޭއްވުމަށް މިފަދަ ބޭވަފާތެރިން ލަހެއް ފަހެއް ނުކުރާނެއެވެ. ވީމާ ހަގީގީ ލޯބި ދެނެގަނެ އޭގެ އަގު ވަޒަން ކުރާ ބަޔަކަށްވުމަށް ކޮންމެމީހަކުވެސް އަޒުމް ކަނޑައަޅަމާ ހެއްޔެވެ.

ކޮންމެ މީހެއްގެ ހަޔާތަށްވެސް އެމީހެއް ދެކެ ރޮމޭންޓިކްކޮށް ގަޔާވާ މީހުން އަންނާނެއެވެ. އެކަމަކު އޭގެ ތެރެއިން ހަގީގީ ލޯބިވެރިން ދެނެގަތުމަށް ވަރަށް ވިސްނަން ވާނެއެވެ. މާ ސީރިއަސް ނޫން މީހުން ލިސްޓުން އުނިކުރަން އެބަ ޖެހެއެވެ. ތިރީގައި މި ހިމަނާލަނީ ކެހިވެރި މީހުންނާއި ހަގީގަތަށް ލޯބިވާ މީހުންގެ ތަފާތު ދެނެގަތުމަށް އޮސްޓްރޭލިޔާގެ ޑޭޓިން ކޯޗެއް އެކުލަވާލާފައިވާ ލިސްޓެކެވެ. 


1. އެމީހެއްގެ ހަޔާތުގެ ލަނޑުދަނޑިތަކާއި ހުރިހާ ކަމެއްގައި އެމީހެއްގެ ޚިޔާލު ހިއްސާކުރާނެއެވެ.

 އޭނާގެ ހަޔާތުގެ ލަނޑުދަނޑިތަކާ ކޮންމެ މައުޟޫއުއެއްގައިވެސް އޭނާގެ ރައުޔު އޮތް ގޮތް ތިބާއާ ހިއްސާކުރަން އޭނާއަށް ފަސޭހަވާނެއެވެ. އުފާވެރި ވަގުތުތަކާއި ދެރަވާ ވަގުތުތަކުގައި ތިބާ ބައިވެރިކުރުވާނެއެވެ. އެއާ ހިލާފަށް ބޭވަފާތެރި މީހުންނަކީ ތިބާއާ މުއާމަލާތް ކުރަން ބުރައަކަށް ހަދައިގެން އުޅޭ މީހުންނެވެ. އެމީހުންނަށް ޝައުގާއެކު ވާހަކަދެއްކޭނީ ހިތުން ޖާގަ ހޯދި އެހެން ލޯބިވެރިޔާއާއެވެ. 

2. ތިބާގެ ދިރިއުޅުން ފަސޭހަކޮށްދިނުމަކީ އެމީހަކަށް ލިބޭ އުފަލެކެވެ.

އެއީ ކިތަންމެ ކުޑަ ކަމެއް ކަމުގައިވިޔަސް އެކަން ތިބާއަށް އެއްވެސް ބުރަހިތެއް ނުބަހައްޓާ، ހެޔޮހިތުން ކޮށްދޭނެއެވެ. މިސާލަކަށް ތިބާއާ އެއްކޮށް ފިހާރަތަކަށްދާއިރު ތިބާގެ ކޮތަޅުތައް އޭނާ އަހާލުމަކާ ނުލާ އުފުލައިދޭނެއެވެ. 

3. ފެންނަ ރަނގަޅު ކަންތައްތަކާ މެދު ތައުރީފުކުރާނެއެވެ.

 ތިބާގެ ފަރާތުން އޭނާއަށް ކަމުދާ ހުރިހާ ކަންކަމާ ބެހޭގޮތުން ތައުރީފު ކުރާނެއެވެ. މީގެ ތެރޭގައި ހަމައެކަނި ބޭރުފުށުގެ ރީތިކަމެއް ނުހިމެނެއެވެ. ފޭކު ލޯބިވެރިޔެއް ވެއްޖެއްޔާ މީހުން ހައްދަން ގެންގުޅޭ އެންމެ މޮޅު އުކުޅަކީ އެމީހެއްގެ ލޮލާ ތުންފަތް ނުވަތަ އެހެން ބޭރުފުށުގެ ސިފައަކަށް ތައުރީފުކުރުމެވެ. ކަމެއް ޖެހުނީމަ ތައުރީފު ކުރާނެއެވެ. ނަމަވެސް ތިބާ ދެކެ ލޯބިވާ މީހަކަށް ތިބާ ކުރާ ކުޑަކަންކަމާއި ތިބާގެ އުޅުމުގައި ހުންނަ ސާދާކަން ފާހަގަކުރެވޭނެއެވެ. 

4. ލޯބީގެ ޒުވާބު

ހިތްހަމަނުޖެހުމެއް އުފެދޭ ހިނދު، ހަނުހުރުމުގެ ބަދަލުގައި އެކަމާމެދު މަޝްވަރާކޮށް، އަނެކާގެ ނަޒަރިއްޔާތު އޮޅުންފިލުވަން މަސައްކަތްކުރާނެއެވެ. ހަމަ އެގޮތަށް، ކަމަކާ ހިތްހަމަނުޖެހުމުން ރުޅި އައިސްގެން ވާހަކަނުދެއްކުމުގެ ބަދަލުގައި ޒުވާބުކޮށްގެންވިޔަސް ތިބާގެ ނަޒަރިއްޔާތު އެނގެން މަސައްކަތްކުރާނެއެވެ. ތިބާ ދެކެ ލޯބިވާ ކަމަށް އެކްޓް ކުރާ މީހަކު ކުދިކުދި އަރާރުންވުންތަކުގައި ތިބާ ތަޅުވާ، ވާހަކަ ނުދައްކަން އިހްތިޔާރުކުރާނެއެވެ. ނަމަވެސް ތިބާ ދެކެ ލޯބިވާ މީހަކު ރުޅިއައިސްފައި ހުރެގެންވިޔަސް މައްސަލަ ހައްލުކުރަން މަަސައްކަތްކުރާނެއެވެ. 

5.  ދެކޭގޮތް ސާފުކޮށް، ޖެހިލުންވުމެއްނެތި ހާމަކުރާނެއެވެ.

 ތިބާ އޭނާ އަތުން ގެއްލިދާނެކަމުގެ ބިރުވެރިކަން ހިއްސާކުރުމަށްވެސް ފަސްޖެހުމެއް ނުވާނެއެވެ. ތިބާއާ ދޭތެރޭ ދެކޭގޮތް އެއްވެސް ޖެހިލުންވުމެއްނެތި ހާމަކުރާނެއެވެ. އޭނާއަށް އެނގުނު ގޮތަކަށް ބަޔާންކޮށްދޭނެއެވެ. ތިބާ ގެއްލިދާނެތީ ހިތް ބިރުގަންނަކަމާ މި ހުރިހާ ވާހަކަތައް ހިއްސާކުރާނެއެވެ. އެކަމަކު ތިބާ ދެކެ ފޫހިވާ މީހަކު އުޅޭނީ މާ 'ގައްޑާ' ވެގެންނެވެ.

6- ހަނދާންކުރުން 

ސްކޫލުގައި ކިތަންމެ ވަރަކަށް ދަސްކުރިޔަސް ހަނދާން ނުވާ ފިލާވަޅުތައް ހުރެއެއް ނޫންތޯއެވެެ.؟ އެގޮތަށް އެވަނީ އެންމެ ފޫހިވާ މާއްދާ ކިޔަވަން މަސައްކަތްކުރާއިރު ނޫންތޯއެވެ. ހަަމަ އެގޮތަށް، މީހެއް ދެކެ ލޯބިވެވިއްޖެއްޔާ މާކަށް ބޮޑު މަސައްކަތަކާ ނުލާ އެމީހެއްގެ ހުރިހާ ކަމެއް މަޑުމަޑުން ދަސްވެވޭނެއެވެ. ތިބާ ދެކެ ލޯބި ނުވާ މީހަކަަށްވާނަމަ ތިބާ ދައްކާ ވާހަކަތައް ހަނދާނަށް ނުގެނެވޭނެއެވެ. ކޮންމެ އިންސާނެއްގެ ސިކުނޑިއަށް ހަނދާން ކުރެވޭނީ އެމީހެއްގެ ޝައުގު އޮންނަ ކަންކަމެވެ. 

7- ގާތްމީހުންނާ ބައްދަލުކުރުވާނެއެވެ.

 ތިއީ ސީރިއަސް ގުޅުމެއްނަމަ ތިބާ ރައްޓެހިންނަށް ތައާރަފްކުރާނެއެވެ. ހަމަ އެގޮތަށް އާއިލާ މެންބަރުންނާވެސް ބައްދަލުކުރުވާނެއެވެ. ތިބާއާއި ދޭތެރޭ އޭނާ ގެންގުޅޭ ހިތެއް ތިބާއަށްވުރެ ބޮޑަށް އޭނާގެ އާއިލާ މީހުންނަށް އެނގޭނެއެވެ. އެހެންކަމުން އޭނާގެ އާއިލާއާ ރައްޓެހިން ތިބާ ބީރައްޓެހި ނުކުރުވަންޏާ، ތިޔައީ ހަގީގީ ލޯތްބެއް ކަމަށް ގަބޫލުކުރަމާ ހެއްޔެވެ.


މި ނިޝާންތަކަށް ބަލާއިރު، ހަގީގީ ލޯތްބަކީ ހަމައެކަނި ބަހުން ފާޅުކުރާ އިހްސާސެއް ނޫނެވެ. އެއީ އަމަލީގޮތުން ދައްކުވައިދޭ، އަނެކާގެ އުފަލާއި ހިތްހަމަޖެހުމަށް އިސްކަންދޭ، އަދި ތެދުވެރި މުވާސަލާތަކަށް ބާރުއަޅާ ކަންކަމެވެ.