ދުޅަހެޔޮ މުޖުތަމަޢެއް އޮތް ޤައުމެއްގެ ގޮތުގައި ދެމިއޮންނަން އަދުގެ ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، 71 ރަށެއްގައި އައުޓްޑޯ ޖިމްތައް ޤާއިމްކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.
އިއްޔެ ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އިން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަދި، އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު އެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން، ބައެއް ރަށްތަކުގައި އައުޓްޑޯ ޖިމް ޤާއިމުކުރުމަށްފަހު މިހާރު ދަނީ އެތަންތަނުގެ ބޭނުންކުރަމުންނެވެ.
މި ފަހަރު އެޗްޑީސީއާ ހަވާލުކުރި 71 ރަށާއެކު، އިތުރު 38 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ކުޅިވަރު ވުޒާރާ އިން މަޢުލޫމާތުދެއެވެ.
ދެހާސް ސައްބީސް ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ޤާއިމްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.