ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ތައް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން، އިތުރު 63 ރަށެއްގައި އެފަދަ ސެންޓަރުތައް ޤާއިމުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.
އިއްޔެ ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އިން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަދި، އެމްއޭސީއެލްގެ އެއްބަސްވުމުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު އެވެ.
މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ ދާއިރާތަކެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުތަކުގެ އިތުރުން، ކުޅިވަރު ވުޒާރާއިން މިހާތަނަށް ވަނީ، 87 ރަށެއްގައި އެފްއާރްސީއެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައެވެ. މީގެތެރެއިން، ބައެއް މަޝްރޫޢުތައް ނިމިފައިވާއިރު، 28 މަޝްރޫޢެއްގެ މަސައްކަތް މިވަގުތު ކުރެވެމުންދާ ކަމަށް ކުޅިވަރު ވުޒާރާއިން މަޢުލޫމާތުދެއެވެ.
އަދުގެ ސަރުކާރުގެ އަމާޒަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމަށްވާ ދެ އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަސީލަތްހަމަ އެފްއާރުސީތައް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމާލުމެވެ.