މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ(އެމް.ޑަބްލިޔު.އެސް.ސީ) އިން އއ. ހިމަންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، އިފްތިތާޙްކޮށްފިއެވެ.
ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
މި މަޝްރޫޢުގެ ދަށުން، ހިމަންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. މީގެ އިތުރުން، ފެންރައްކާ ކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައް ވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. އަދި ހަމަ މިއާއިއެކު، ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް މި މަޝްރޫޢުގެ ދަށުން ވަނީ ފޯރުކޮށްދީފައެވެ.
ހިމަންދޫގެ ފެނާއި ނަރުދަމާ މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 65.83 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ ސަބަބުން ހިމަންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.