އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި އާއިލާއެއް އެއްކޮށް ޝަހީދުކޮއްލައިފިއެވެ. އެއާއިލާގައި ހިމެނެނީ ފިރިހެނަކާއި އޭނާގެ މާބަނޑު އަނބިމީހާ އާއި އެދެމަފިރިންގެ ހަތަރު ދަރިންނެވެ.

ޣައްޒާގެ ރިޕޯޓުތައް ބުނާ ގޮތުގައި މިއާއިލާގެ މެންބަރުން ޝަހީދުވެފައި ވަނީ އެމީހުން ދިރިއުޅޭ ގެއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައެވެ.

މިހަމަލާގައި ޝަހީދުވެފައި ވަނީ އުމުރުން 39 އަހަރުގެ ރަފާތު މުހައްމަދު އިސްމާއީލް އަލް-ތާނީ އާއި 37 އަހަރުގެ ރާވިޔަތު ފަތުހީ އާއި އެމީހުންގެ ހަތް އަހަރުގެ ދަރިފުޅު އިސްމާއީލާއި ހައަހަރުގެ ދަރިފުޅު އަދުހަމާއި ފަސް އަހަރުގެ ދަރިފުޅު އަމީރާއި ހަތަރު އަހަރުގެ ދަރިފުޅު މުހައްމަދެވެ.

އިސްރާއީލްގެ މި ލާއިންސާނީ ހަމަލާގައި މިއާއިލާގެ އެއްވެސް މީހަކު ސަލާމަތްވެފައެއް ނުވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 200 އެންހާ މީހުން، އެމީހުންގެ ގެތަކުން ނިކުމެ ޣައްޒާގައި ހުންނަ އދ.ގެ ސްކޫލަކުން ވަނީ ހިމާޔަތްހޯދާފައެވެ. ނަމަވެސް މިފަދަ ތަނަކަށް ވެސް އިސްރާއީލުން ހަމަލާ ނުދޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ ހޮސްޕިޓަލަކަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާތަކެއް ދީފައެވެ. އެހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދެއް އަދި ކަށަވަރެއް ނުވެއެވެ.