މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން އއ. ފެރިދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، އިފްތިތާޙްކޮށްފިއެވެ.
ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
މިމަޝްރޫޢުގެ ދަށުން، ފެރިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. މީގެ އިތުރުން، ފެންރައްކާ ކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައް ވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. އަދި ހަމަ މިއާއި އެކު، ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް މި މަޝްރޫޢުގެ ދަށުން ވަނީ ފޯރުކޮށްދީފައެވެ.
ފެރިދޫގެ ފެނާއި ނަރުދަމާ މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 69.33 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ ސަބަބުން ފެރިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.
