މިއަދު މުޅި ރާއްޖެއިންވެސް އިވޭ އެއް އަޑަކީ އޭޓީއެމް ގެ އަޑެވެ. ތަރައްގީ އާއި ތަހުޒީބުގައި ދިވެހިން މި ފަހަކުން ހޯދައިގަތް އެއްމެ ގިނަ އަދި އެއްމެ ބޮޑު ކުރިއެރުމަކީވެސް ގިނަ އޭޓީއެމް ތަކެއް މުޅި ރާއްޖޭގައި ހުޅުވި އޭގެ ބޭނުން ކުރެވެމުން ދިއުމެވެ. މުޅި ރާއްޖޭގެ އިގްތިސާދީ ގޮތުން ކުރިއަރާ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ލުއިފަސޭހަ ދިރިއުޅުމެއް ބިނާކޮށް އާރާސްތު ކުރުމަށް އޭޓީއެމްތަކަކީ ޖަޒީރާ މި ކުދި ރަށްރަށަށް ހަމަ ކޮންމެހެން ބޭނުންވި އެއްޗަކަށް ވެއްޖެއެވެ. ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މިހާރު، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި އެމަނިކުފާނު އަރާވަޑައިގަންނަވާ ގިނަ ރަށްރަށުގައި އޭޓީއެމްގެ ހިދުމަތް އެ ގެންދަވަނީ އިފްތިތާހު ކުރައްވަމުންނެވެ. ތަރައްގީގެ މި ބޮޑު ޕްރޮޖެކްޓަށް މުޅި ރާއްޖޭގެ ރައްޔިތުންގެ ތައުރީފު ދަނީ ލިބެމުންނެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ދިވެހިންނާ ނުހަނު ގާތުން މަސައްކަތްކުރައްވާ ރައީސެކެވެ. ދިވެހި ބަހަށާއި ސަގާފަތަށާއި ތަރިކައަށްވެސް އެހާމެ ލޯބި ކުރައްވައެވެ. އެގޮތުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއެއް އުފައްދަވާ ދިވެހި ޢިލްމުގައި ފުންނާބު އުސް ބޭފުޅަކު އެ ވުޒާރާގެ ވަޒީރަކަށްވެސް ވަނީ ހަމަޖައްސަވާފައެވެ. އަދި މި ވުޒާރާގެ އިސްނެންގެވުމާއި ތައުލީވީ ވުޒާރާއި ގުޅިގެން ރާއްޖޭގެ ސުކޫލުތަކުގައި ގައުމިއްޔަތު މާއްދާވެސް މިއަދު ވަނީ ކިޔަވައިދޭން ފަށާފައެވެ. އަދި މީގެ އިތުރުން މި ވުޒާރާއިން ދަނީ ގިނަ އައު ދިވެހި ބަސްތަކެއްވެސް އުފައްދަމުންނެވެ.

ކަންމިހެން ހުރުމާއި އެކު، އަދި މި ސަރުކާރުގެ އިގްތިސާދީ ވަރުގަދަ ސިޔާސަތެއްގެ ދަށުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިމެ އޭޓީއެމްގެ ހިދުމަތް ދިނުމަށް ކުރެވޭ ބިޔަ ބޮޑު މަސައްކަތުގައި އޭޓީއެމްތައް ހުޅުވަމުން ދާއިރު، އާއްމުންގެ ގިނަ ބަޔަކު ކުރާ އެއް ސުވާލަކީ އޭޓީއެމް އަށް ކިޔާނެ ދިވެހި ބަހެއް ނެތީތޯއެވެ؟ އާދޭހެވެ! އިގްތިސާދީ މި ބިޔަ ބޮޑު މަޝްރޫއުގެ ތެރެއިން ދިވެހި ބަހަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާނަމަ، މި މަޝްރޫއު އިތުރަށް ފުރިހަމަ ވީހެވެ. އެހެނީ ދިވެހި ބަހަށް ހާއްސަ ވުޒާރާއެއްވެސް އޮތަތީއެވެ.

އޭޓީއެމް އަށް ދިވެހިން ކިޔާ ނަމެއް ހޯދަން، އަޅުގަނޑު ކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ. އެހެނަސް ދިވެހި ބަހެއް ނެތީއެކޭ ނުބުނާނަމެވެ. ފަހަރުގައި އަޅުގަނޑަށް ނުފެނުނީ ކަމަށް ވެދާނެއެވެ. އައު ދިވެހި ބަސްތައް އުފައްދާ ހާއްސަ މިނިސްޓްރީއެއް އޮތް އިރު، އޭޓީއެމް އަށް ކިޔާނެ ދިވެހި ބަހެއްވެސް އުފައްދަވާފައި އޮންނާނެ ކަމަށް ގަބޫލު ކުރަމެވެ. ނެތްނަމަ އޭޓީއެމްއަށް ކިޔާނެ ދިވެހި ނަމެއް ހޯދަން އެބަޖެހެއެވެ. އެހެނީ އޭޓީއެމްތައް ވެގެން މި ދަނީ ރާއްޖޭގެ އިގްތިސާދުގައި ފާހަގަ ކުރެވޭ ބޮޑު ދައުރެއް އަދާކުރާ އެއްޗަކަށެވެ. އަދި އެތައް ބައިވަރު އޭޓީއެމްތަކެއް ހުޅުވި ހިދުމަތް ދެވިގެން ދާއިރު، ގައުމިއްޔަތަށް އެހާ އިސަކަންދޭ ސަރުކާރެއް އޮވެމެ، އޭޓީއެމްއަށް ދިވެހިން ކިޔާނެ ނަމެއް އޮތުން ވަރަށްވެސް މުހިއްމެވެ. ހަމަ ގައިމުވެސް އެއިރުން އެ ނަމެއް ތާރީހުގެ ތެރެއަށް ވަދެގެން ދާނެއެވެ. އަދި އެ ނަމަކާއި މެދު މުޅި ގައުމު ފަހުރުވެރިވާނެއެވެ. އަދުގެ ސަރުކާރަށް، ނުކިޔާވަރަށް ސަނާ ކިޔާނެއެވެ. މިއީ ދިވެހިންނެވެ. މިއީ ދިވެހީންގެ ރާއްޖެއެވެ.