ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުޞޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން އިންސައްތައެއް އެކަށައަޅުއްވައި މީޑިއާތަކަށް ހަމަޖެއްސެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން އެކުލަވާލެއްވި އުޞޫލެކެވެ. އެގޮތުން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުޞޫލު  ވަނީ ސަރުކާރު ގެޒެޓުގައި އާންމުކުރައްވާފައެވެ.

ރައީސް މުޢިއްޒު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އިންތިޤާލީ މަރްޙަލާގައި، ރާއްޖޭގެ ހުރިހާ މީޑިއާތަކާއެކު "މީޑިއާ ގުންޒަރު"ގެ ނަމުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ މީޑިއާގެ ކަންކަން ގެންދާނެގޮތުގެ ޚިޔާލު ހޯއްދަވައި، މީޑިއާތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލުހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން މީޑިއާތަކަށް ދެއްވާފައެވެ. އެގޮތުން އެ ރޭ އެމަނިކުފާނު ވަނީ މީޑިއާތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭންގެ ތެރެއިން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް ދައުލަތުގެ ބަޖެޓުން އިންސައްތައެއް ކަނޑައަޅުއްވައި، އެ މިންވަރު މީޑިއާތަކަށް ހަމަޖެއްސެވުމުގައި ދެފުށް ފެންނަ، ޒިންމާދާރު އުޞޫލެއް އެކުލަވާލައްވާނެކަން އިޢުލާންކުރައްވާފައެވެ.

މިއަދު ގެޒެޓުކުރެވުނު މި އުޞޫލުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހާ އުޞޫލުތަކާއި މިންގަނޑުތައް ބަޔާން ކުރައްވާފައިވެ އެވެ. މި އުޞޫލާއެކު، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވި ގޮތަށް، މިއަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 (ސުމެއް ޕޮއިންޓު އެކެއް) އިންސައްތައަށް ވާ މިންވަރަށް ފައިސާ ދޫކުރަން ކަނޑައަޅާފައިވެ އެވެ. މިއާއެކު ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުޞަޠު ދެފުށްފެންނަ، ޒިންމާދާރު އުޞޫލެއްގެ ތެރެއިން ފުރަތަމަ ފަހަރަށް ހުޅުވިގެން ދާނެއެވެ.