މާލެއަށް ނިސްބަތްވާ މަރްޔަމް ޝަފިއްޔާ ސްޓެއިންހިލްބަރއަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ އަންހެން މުވައްޒަފެކެވެ. އަދި ސޯޝަލް މީޑިއާ އިންފްލުއެންސާއެއް ވެސް މެއެވެ. ޝަފިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ އިސް މަޤާމުތަކުގައި މަސައްކަތްކުރަން ފެށި ދިވެހި އަންހެނުންގެ ތެރެއިން އެކަކެވެ. ދާއިރާގެ އިތުރުން ޝަފިއްޔާ ދެން އެންމެ މަޝްހޫރުވީ ސޯޝަލް މީޑިއާގައި އެހެން މީހުންގެ ހައްގުތަކަށް ވަކާލާތު ކުރާ އިންފްލުއެންސާއްގެ ގޮތުގައެވެ. އަންހެނުންގެ ދުވަހުގައި ސައިކަލްގެ ހިދުމަތް ދިނުމާއި އަންހެނުންގެ ހައްގުތަކާއި ގުޅުންހުރި މުޒާހަރާތަކަށް ނުކުމެ އަޑުއުފުލާ މީހެއްގެ ގޮތުގައި ޝަފިއްޔާ ފެނިގެންދާނެއެވެ. އެހެން މީހުންނަށް އެހީވުމުގެ ފަހަތުގައި ރިޒޯޓްގެ ޑިޕާޓްމެންޓް ހެޑެއްގެ ގޮތުގައި މަސައްކަތްކުރާ ޝަފިއްޔާ ދޭން ބޭނުންވާ މެސެޖްތަކަކީ ކޮބާ ކަމާއި ދޭތެރޭ "ތީރު" އިން އޭނާއާއި ހާއްސަ އިންޓަވިއުއެއް ކުރީމެވެ.
ހަޔާތުގެ ފެށުން
މަރްޔަމް ޝަފިއްޔާ ސްޓެއިންހިލްބަރ، މި ނަން އަޑު އިވުމުން އަހަރެމެންގެ ހިތުގައި އެންމެ ފުރަތަމަ އުފެދޭ ސުވާލަކީ މިއީ ބިދޭސީއަކަށް ކިޔާ ނަމެއް ބާއެވެ؟ އެކަމަކު މިއީ ސައްތައިން ސައްތަ ދިވެހި އަންހެން ކަނބަލެކެވެ. ޝަފިއްޔާ ސްޓެއިންހިލްބަރ ދުނިޔެއަށް އުފަންވީ މަރްޔަމް ޝަފިއްޔާގެ ނަމުގައެވެ. ޝަފިއްޔާ މައުލޫމާތުދިން ގޮތުގައި އޭނާ ދުނިޔެއަށް އުފަންވީ ބައްޕައެއްގެ ނަމަކާއި ނުލާއެވެ. އޭނާގެ މަންމަ އެކަމަށް ތައުބާވެ ހެދުމުންވެސް، މީހުންގެ ފުރައްސާރައިން ދުވަހަކުވެސް ޝަފިއްޔާއަކަށް ސްކޫލު ދައުރުގައި މިންޖުވުމެއް ނުލިބުނެވެ. މީގެ ކުރިން އެވާހަކަތަކުން ޝަފިއްޔާގެ ހިތަށް އަސަރުތަކެއް ކުރިއެވެ. އެކަމަކު އޭނާގެ މަންމަގެ ބުރަ މަސައްކަތާއި ޝަފިއްޔާގެ ހިތްވަރުން މިއަދު ޝަފިއްޔާ ސްޓެއިންހިލްބަރގެ ނަން ގޫގަލްގައި ޖަހާލުމުން، ރާއްޖޭގެ ރިޒޯޓް ދާއިރާގައި ޝަފިއްޔާގެ ނަމަކީ ވަކި ކުޑަ ނަމެއް ނޫންކަން އަޅުގަނޑަށް ދޭހަވިއެވެ. މީހުން ކިޔާ އެއްޗެއްސަށް އަޅާނުލާ ކުރިއަށް ދިއުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު އޭނާއަކީ ހޮޓެލް ޖެން ބައި ޝަންގްރިއްލާގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިންއެވެ.
އާއިލާގެ ހައްގުގައި ރިޒޯޓަށް
އުމުރުން 16 އަހަރުގައި ގްރޭޑް 10 ނުނިންމާ، ޝަފިއްޔާ ރިޒޯޓް ދާއިރާއަށް ވަނުމަށް ކުރި ދަތުރު ވަކި ފަސޭހައެއް ނޫނެވެ. ޝަފިއްޔާއަކީ ސްކޫލުގައި ވަރަށް މޮޅަށް ކިޔަވަމުންދިޔަ ދަރިވަރެކެވެ. އެކަމަކު ބައްޕައެއްގެ އަޅާލުމަކާ ނުލާ ބޮޑުވަމުންދިޔައީތީ އޭނާއަށް ސްކޫލުގައި އެކި މީހުންގެ ފަރާތުން ބުލީކުރުމާއި ކުރިމަތިލާންޖެހުނެވެ. ދަރިފުޅަށް ރަނގަޅު ދިރިއުޅުމެއް ލިބުމަށް ދުއާކުރަމުންދިޔަ އޭނާގެ މަންމަ ހަމަހިލާ އޭނާ ރިޒޯޓަށް ދާން ގަބޫލެއްނުވިއެވެ. ޝަފިއްޔާ ކިޔާދިން ގޮތުގައި އޭރު 2002 ވަނަ އަހަރުގައި އޭނާ ރިޒޯޓްގައި މަސައްކަތްކުރަން ފެށީ މަންމައަށް ނާންގާއެވެ. އެކަމުގެ ސަބަބުން ދެމައިންގެ މެދުގައި މައްސަލަ ޖެހުނު ކަމަށް ޝަފިއްޔާ ބުންޏެވެ. އެކަމަކު އޭނާ މިފަދަ ފިޔަވަޅެއް އެޅީ މަންމައާއި ކޮއްކޮމެންގެ ހައްގުގައި ކަމަށް ޝަފިއްޔާ ކިޔާދިނެވެ. ޝަފިއްޔާ ބުނީ އޭރު އޭނާގެ ކޮއްކޮމެންގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖައްސަން މާލީގޮތުން ވަރަށް ބޮޑަށް ދަތިވިކަމަށެވެ. އެހެންކަމުން، ރިޒޯޓް ދާއިރާއަށް އޭނާ ކުރިމަތިލީ މަންމައާއި ކޮއްކޮމެންގެ މާލީ ތަކުލީފުތައް ފިލުވުމުގެ ނިޔަތުގައެވެ. ޝަފިއްޔާ އެންމެ ފުރަތަމަ މަސައްކަތްކުރީ އެފް އެންޑް ބީ ވެއިޓްރެސްއެއްގެ ގޮތުގައެވެ. އޭރު ރިޒޯޓްތަކަށް ވަޒީފާއަށް ނިކުންނަ ދިވެހި އަންހެނުން ވަރަށް މަދެވެ. އެހެންކަމުން އަންހެނަކަށްވީތީ ޝަފިއްޔާއަށް ވެސް ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ފަހަތް ނުބަލާ ކުރި އެ ދަތުރަށް މިހާރު 20 އަށް ވުރެ ގިނަ އަހަރު ވެއްޖެއެވެ. ޝަފިއްޔާ ވަނީ އެކި ބައިނަލްއަގްވާމީ ހޮޓެލް ޗެއިންތަކުގައޮ ހައުސްކީޕިން، ފްރަންޓް އޮފީސް، ސޭލްސް އެންޑް އިވެންޓް މެނޭޖްމެންޓް، ރިޒަވޭޝަންސް އެންޑް ރެވެނިއު މެނޭޖްމެންޓް ޑިޕާޓްމެންޓްތަކުގައި މަސައްކަތްކޮށްފައެވެ.
ސްޓެއިންހިލްބާގެ ނަން
މިހިސާބުން ޝަފިއްޔާގެ ނަމުގެ ފަހަތަށް ސްޓެއިންހިލްބާ އައިގޮތް ބުނެދޭނަމެވެ. ޝަފިއްޔާގެ ނަމުގެ ފަހަތަށް ސްޓެއިންހިލްބަރ އިތުރުކުރަން ނިންމީ އޭނާގެ ހަޔާތުގެ ބައިވެރިޔާއާ ކައިވެނިކުރި ހިސާބުންނެވެ. ޝަފިއްޔާގެ ފިރިމީހާއާއި އޭނާއާއި ބައްދަލުވީ ރިޒޯޓް ދާއިރާގައި މަސައްކަތްކުރަނިކޮށެވެ. ޝަފިއްޔާގެ ފިރިމީހާއަކީ ވެސް ރިޒޯޓެއްގެ އިސް މަގާމެއް ފުރަމުން ދާ ޖަރުމަނު މީހެކެވެ. މިހާރު ދެމީހުންގެ ކައިވެންޏަށް ދެކުދިން ވެސް ލިބިފައިވެ އެވެ. ޝަފިއްޔާ ބުނީ އޭނާއާއި ރެއިނަރ ސްޓެއިންހިލްބަރއާއި ކައިވެނިކުރީ ސްޓެއިންހިލްބަރ އިސްލާމްދީން ގަބޫލުކުރުމަށްފަހުގައި ކަމަށެވެ. އެންމެ ދަތި އުނދަގޫ ދުވަސްތަކުގައި އޭނާއަށް އެންމެ ހިތްވަރުދިނީވެސް ފިރިމީހާއާއި މަންމަ ކަމުގައި ޝަފިއްޔާ ބުންޏެވެ.
އަންހެނުންނަށް އެހީތެރިވުން
ޝަފިއްޔާ ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރަން ބޭނުންވާ އަންހެނުންނަށް އެކި ގޮތްގޮތުން އެހީތެރިވެވަޑައިގެންފައެވެ. މީގެ އިތުރުންވެސް، ޝަފިއްޔާ ދަނީ ޓިކްޓޮކް އިންފްލުއެންސާއެއްގެ ގޮތުގައި އަންހެނުންނާއި ގުޅުންހުރި އެކި ކަންކަމުގައި އަޑު އުފުލަމުންނެވެ. އަންހެނުންނަށް އެހީތެރިވުމުގެ އިތުރުން އޭނާ ދަނީ ކުދި ވިޔަފާރިވެރިންނަށް ވެސް އިންފްލުއެންސާގެ ރޯލުން އެހީތެރިވަމުންނެވެ. މިފަދަ ފަރާތްތަކުގެ ވިޔަފާރި ގިނަ ބަޔަކަށް އެނގޭނެ ގޮތަށް ޕްރޮމޯޓްކުރުމަށް ޝަފިއްޔާ މަސައްކަތްކުރަމުންފާ ކަމަށް ބުނެފައިވެ އެވެ. އެހެން އިންފްލުއެންސަރުންނާ ހިލާފަށް ޝަފިއްޔާ މި މަސައްކަތް ކޮށްދެނީ ހިލޭ ސާބަހަށް ކަމަށް ބުނެފައިވެ އެވެ.
އަމިއްލަ ފައިމައްޗަށް ތެދުވުމަށްފަހު އެހެން މީހުން ބާރުވެރިކުރުވާނެ މަގާމެއްގައި ހުންނަން އަޅުގަނޑު ބޭނުންވީ. އެހެންކުދިން ކުރިއަރުވަދޭން މެންޓަރވެސް ކޮށްދެން. ބަދަލެއް ގެނެވޭނީ ވަރަށް ކެތްތެރިކަމާއި ހިތްވަރާއެކު

ޝަފިއްޔާގެ ވާހަކައަކީ ވަރަށް ގިނަ މީހުންނަށް އިބްރަތްތެރި ވާހަކައެެކެވެ. ދިވެހިރާއްޖޭގައި އެންމެ ގިނަ ވަޒީފާތައް އުފެދިފައިވާ އެެއް ސިނާއަތަކީ ފަތުރުވެރިކަމުގެ ދާއިރާއެވެ. އެކަމަކު މި ދާއިރާގައި މަސައްކަތްކުރަން ބޭނުންވާ އަންހެނުން އަދިވެސް މަދެވެ. ޝަފިއްޔާ ދައްކުވައިދޭ ގޮތުގައި މި ދާއިރާގައި އަންހެނުންނަށް ވެސް ކާމިޔާބީ ހޯދޭނެއެވެ. އަދި ރަނގަޅު އުޅުމެއްގައި މަސައްކަތް ކުރެވޭނެ ކަމަށްވެސް އޭނާ ގަބޫލުކުރެއެވެ. އޭނާގެ އަމާޒަކީ ޓޫރިޒަމް ދާއިރާގައި އިތުރު އުސްމިނަކަށް ވާސިލުވުމެވެ. އަދި އަންހެނުންނަށް މި ދާއިރާގައި އިތުރު ފުރުސަތުތައް ލިބިގެންދިއުމެވެ. އެކަން ވުމަށްޓަކައި މިދާއިރާއަށް އަންހެންކުދިން ވަނުމާއި ދޭތެރޭ އޮންނަ ޖެހިލުންވުންތައް ކުޑަވުމަކީ ޝަފިއްޔާ އަބަދުވެސް އެދޭ ދެކެން ބޭނުންވާ ދުވަހެކެވެ.