ގްރީން ޓީއަކީ ގިނަ ސިއްޙީ ފައިދާތަކެއް ލިބޭ އެއްޗެއް ނަމަވެސް، ބައެއް ސިއްޙީ ހާލަތްތައް މެދުވެރިވާ މީހުންނަށް ގްރީން ޓީ ބޭނުންކުރުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. ތިރީގައި މިވަނީ ގްރީން ޓީ ބޭނުންކުރުން އެކަށީގެން ނުވާ 6 ބާވަތެއްގެ މީހުންނާއި އޭގެ ސަބަބުތަކެވެ.

1. ބަނޑުގެ މައްސަލަ ހުންނަ މީހުން
ގްރީން ޓީގައި ޓެނިން އެކުލެވޭތީ، ގޭސްޓްރިކް އެސިޑް އިތުރުވެ، އަލްސާ ކަހަލަ ބަނޑުގެ މައްސަލަތައް އިތުރަށް ގޯސްވެދާނެއެވެ. އަދި ހަޖަމު ނުވުމާއި، ބަނޑުގައި ރިހުމާއި މޭނުބައިކުރުން އިތުރުވެސް ވެދާނެއެވެ. ހަޖަމްކުރުމުގެ މައްސަލަ ހުންނަ މީހުން ހުސް ބަނޑާހުރެ ގްރީން ޓީ ބޯކަށް ނުވާނެއެވެ. މިފަދަ މީހުން ގްރީން ޓީ ބޯންވާނީ ކެއުމަށްފަހުއެވެ. 

2. ދަގަނޑުގެ ބައި މަދު މީހުންނާއި އެނީމިއާ ހުންނަ މީހުން
ގްރީން ޓީގައި އެކުލެވޭ ޓެނިންސްގެ ސަބަބުން ހަށިގަނޑަށް ދަގަނޑު އަދި ކެލްސިއަމް ފޯރުވުން ދަށްވެ އެވެ. އެހެންކަމުން އެނީމިއާ ހުންނަ މީހުންނާއި ދަގަނޑުގެ މިންވަރު ދަށް މީހުން ގްރީން ޓީ ބޭނުންކުރުމުން އެ މައްސަލަ އިތުރަށް ގޯސްވެދާނެއެވެ. ގައިގައި ވަރުދެރަވާނަމަ ގްރީން ޓީ ބޭނުންކުރުން ބުއްދިވެރިއެއް ނޫނެވެ. 

3. މާބަނޑު މީހުންނާއި ގާތުންދޭ މީހުން
ގްރީން ޓީގައި އެކުލެވޭ ކެފީންގެ ސަބަބުން ބަނޑުގައި އޮންނަ ކުއްޖާއަށް އަސަރުކޮށްފާނެއެވެ. އަދި ގާތުންދޭ މައިންނަށް ވެސް ކެފީންގެ ސަބަބުން ކުއްޖާއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ. މީގެ އިތުރުން ގްރީން ޓީގައި އެކުލެވޭ ބައެއް ކެމިކަލްތަކުގެ ސަބަބުން ކުއްޖާއަށް ފޮލިކް އެސިޑް ފޯރުވުން ދަށްވެދާނެއެވެ. ފޮލިކް އެސިޑަކީ ކުއްޖާގެ އުފެދުމަށް ވަރަށް މުހިންމު އެއްޗެކެވެ. މިއީ މާބަނޑު އިރުގައި ޑޮކްޓަރުން ކޮންމެހެންވެސް މާބަނޑު މީހުންނަށް ކެއުމަށް އިރުޝާދުކުރާ ބޭހެކެވެ. 

4. ކެފީންއަށް ބަލިކަށި މީހުން
ގްރީން ޓީގައި ކެފީން އެކުލެވޭތީ، ކެފީންއަށް ހަށިގަނޑު ބަލިކަށި މީހުންނަށް ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ތެރޭގައި ނިދުމުގެ މައްސަލަ، ބްލަޑް ޕްރެޝަރ މައްޗަށް ދިއުން، ހިތްތެޅުން އަވަސްވުން ފަދަ މައްސަލަތައް ހިމެނެއެވެ. މާ ގިނައިން ކެފީން ބޭނުންކޮށްފިއްޔާ ފެންބޮވާފައި ބޮލަށް ބަރުވުމާއި ބޯ އެނބުރުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ. 

5. ކުޑަކުދިން
ކުޑަކުދިންގެ ހަށިގަނޑު ކެފީންއަށް ވަރަށް ސެންސިޓިވްވާތީ، ގްރީން ޓީ ބޭނުންކުރުމުން ނިދުމުގެ މައްސަލަ، ކަންފަތް ރިހުން، ބަނޑުހައިހޫނުކަން އަދި ބޮލުރިހުން ފަދަ މައްސަލަތައް ދިމާވެދާނެއެވެ.

6. ބައެއް ބާވަތުގެ ސިއްޙީ މައްސަލަތައް ހުންނަ މީހުން
ހިތުގެ ބަލި، ލޭގެ ޕްރެޝަރ، ލޮލުގެ މައްސަލަ އަދި ކިޑްނީގެ މައްސަލަ ހުންނަ މީހުން ގްރީން ޓީ ބޭނުންކުރުމުގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އަދި ބައެއް ބޭސްތަކާއެކު ގްރީން ޓީ ބޭނުންކުރުމުން ނޭދެވޭ ރިއެކްޝަންތައް އުފެދިދާނެއެވެ.

މީގެ އިތުރުންވެސް، މިއީ ހާސްކަމުގެ އުދަނގޫތަކާއި، ލޭއައުމުގެ އުދަނގޫތަކާއި، ހިތުގެ މައްސަލަތައް ނުވަތަ ހަކުރުބަލި ހުންނަ މީހުންގެ އަލާމާތްތައް ގޯސްކޮށްފާނެ ބުއިމެކެވެ. އައިބީއެސް ނުވަތަ ބޭރަށްހިންގުން ހުންނަ މީހުން އިތުރަށް ބޭރަށް ހިންގުމަށްވެސް މަގުފަހިކުރުވައެވެ. އަދި ގްލޯކޮމާ ޖެހިފައިވާ މީހުންގެ ލޮލުގެ ޕްރެޝަރު މަތިކޮށްދީ، ފުރަމޭގެ ބަލި ގޯސްވެދާނެ ކަމަށާއި ހާއްސަކޮށް ކޮންސެންޓްރޭޓެޑް އެކްސްޓްރެކްޓްގެ ސިފައިގައި ކެއުމުން ވެސް ފުރަމޭގެ ބަލި ގޯސްވެދާނެ ކަމަށް ބައެއް ސިއްހީ ރިޕޯޓްތަކުން ފާހަގަކުރެއެވެ. އޮސްޓިއޯޕޮރޮސިސް (ކަށީގެ މައްސަލައެއް) ހުންނަ މީހުން ވެސް މި ސައި ބޭނުންކުރުމުގައި ސަމާލުވާން ޖެހެއެވެ. ސަބަބަކީ ގްރިން ޓީ ބުއިމުން ކުޑަކަމުދާތަކެތީގެ ތެރެއިން ހަށިގަނޑުން ކެލްސިއަމް ބޭރުވާނެ އެވެ.

ނިންމާލުމުގެ ގޮތުން ދަންނަވާނީ، ގްރީން ޓީ ބޭނުންކުރުމުގެ ކުރިން އަމިއްލަ ސިއްޙީ ހާލަތަށް ރިއާޔަތްކޮށް، ބޭނުންވެއްޖެ ހިނދެއްގައި ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. ދުވާލަކު 2-3 ތަށްޓަށްވުރެ ގިނައިން ގްރީން ޓީ ބުއިން އެހާ އެދެވިގެން ނުވެއެވެ.