ކުޑަކުއްޖަކަށް ދެރަގޮތެއް ވާކަށް އެކަކުވެސް ނޭދޭނެއެވެ. އެކުދިން ހިތުގާޖެހޭފަދަ އެއްވެސް އަމަލެއް އެއްވެސް އިންސާނަކު ކުރާތީ ދެކޭކަށްވެސް ލާހިކެއް ނޫނެވެ. ނަމަވެސް މި ފަނާކުރަނިވި ދުނިޔޭގައި ކަރުނައިގެ ފެން، އެ ލޯތަކުން ނުހިކޭ މައުސޫމު ލޯތަކެއް ވާކަން އަބަދުވެސް ހަދާންކުރަންޖެހޭނެއެވެ. މިއީ މިފަދަ މައުސޫމު ކުއްޖެއްގެ ވާހަކައެވެ. ޣައްޒާއަށް އުފަން މައުސޫމު ފުރާނައެއް އެޅި ހިތްދަތި ކަރުނަތަކެއްގެ ޖަޒުބާތީ ވާހަކައެކެވެ.
އަމާންކަމެއް އަދި ހިމާޔަތެއް ނެތް މާހައުލެއްގައި އުޅެބޮޑުވި މިސްހާތުގެ(އަސްލުނަމެއްނޫން) އުމުރުން 10 އަހަރެވެ. އޭނާއަކީ ދުނިޔެއަށް ލޯހުޅުވި ކަންކަމުގައި ހައްގާއި ބާތިލު ވަކިވާ ވަރުގެ ކުއްޖެކެވެ.
މިސްހާތަކީ ޣައްޒާގެ މަދަރުސާ އަކުން ކިޔަވަމުން އައި ދަރިވަރެކެވެ. ލޯބިލޯބި އާއިލާއެއްގެ އެންމެ ހަގު ކުއްޖާއެވެ. އޭނާގެ ދޮއްޓަށް އެއާއިލާގައި ތިން ކުދިން "ތިއްބެވެ".
ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ފަހުދިހައަކީ އެ މައުސޫމު ފުރާނައަށް ތަދާއި ވޭން ކުރިމަތިކުރުވާ ދުވަސްތަކެކެވެ. އިސްރާއީލު ސިފައިންގެ ހަމަލާތަށް ޣައްޒާއަށާއި އަޤްޞާ އަށް އަމާޒުކުރަމުން ދަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ފާއިތު ވި އަހަރުތަކުގައި މިސްހާތުގެ އެ ލޯބި އާއިލާގެ ތިންބެއިން ވަނީ ޝަހީދުކޮށްލާފައެވެ. މި އަހަރުގެ ރަމަޟާންމަހާއި ބައްދަލުކުރި އިރު އެ ލޯބިލޯބި އާއިލާގައި ތިބީ އެންމެ ތިންމީހުންނެވެ. މިސްހާތުގެ ބައްޕައާއި އޭނާގެ ލޯބިވާ މަންމައެވެ.
ތަދާއިވޭނަކީ ޣައްޒާގެ ކުޑަކުދިންނަށް އައު ތަކުލީފެއްނޫނެވެ. ކޮންމެ ދުވަހެއްމެ އިރު އަރާ އޮއްސެނީ އެ މައުސޫމުލޯތަކުން ކަރުނައިގެ ކޮންމެސް މިންވަރެއް ހިލުވާފައެވެ.
މިއަހަރުގެ ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގައި އިސްރާއީލުގެ ސިފައިން ޣައްޒާއަށް ދިން ލާއިންސާނީ ހަމަލާތަކުގައި މިސްހާތުގެ ލޯބިވާ މަންމަ ޝަހީދުކޮއްލީ އޭނާގެ ބޮޑުދައިތަގެ ގޭގައި އިންދައެވެ. މިސްހާތަށް މި ހަބަރު ފޯރުކޮށްދިނީ އޭނާގެ ބައްޕައެވެ. މިސްހާތުގެ ކެތްގަދަ ހިތަށް ވާންވީ ގޮތްވެސް ނޭނގުނެވެ. ހުއްޓެންވީކަމެއް ނުވަތަ ބާރަށް ތެޅެންވީކަމެއް ނޭނގުނެވެ. އޭނާއަށް އަޑުން އަޑުނަގާ ރޯން ފެށުނެވެ. ހިފެހެއްޓުމެއް ނެތް ކަރުނަތަށް އެ މައުސޫމު ލޮލުން އޮހޮރިގެންދިޔައީ އޭނާގެ ބައްޕައަށް އިތުރު ހިތްދަތިކަމާއި ހިތާމަ ކުރިމަތިކުރުވަމުންނެވެ. ހަމީހުންގެ އެ ލޯބިލޯބި އާއިލާގައި މިއަދު ބާކީ ތިބީ އެންމެ ދެމީހުންނެވެ.
މިސްހާތުގެ މަންމަ ޝަހީދުކޮށްލިތާ ދެވަނައަށްވީ ދުވަހު އޭނާގެ ބައްޕަވެސް މިދުނިޔެ ދޫކޮށް ދާންޖެހުނީ އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކެއްގައެވެ. އެ ބައްޕަގެ ފުރާނަ ނެތް މަސްގަނޑު އަނިޔާތަކާއި އެކީ އެ މައުސޫމު ލޮލަށްވަނީ ފެނިފައެވެ. އެ ފުރާނަ ނެތް މަސްގަނޑު ވަޅުލުމަށް ގެންދެވުނު މަގުމަތީ މިސްހާތުގެ ދެލޯ ކަރުން ވަނީ ތެމި ފޯވެފައެވެ. ދެލޯ ވަޅުވަދެ މުޅި މޫނުމަތީގައި ވަނީ މާޔޫސްކަމާއި ނޮޅިވެރިކަމާއި ހިތްދަތިކަމެވެ. އެހާލުގައިވެސް އެފަކީރުގެ ބައްޕަގެ މަސްގަނޑުގެ އެންމެ އަރިހުގާ ސާބިތުވެ ހުރި އެކަކީ އެ މައުސޫމު މިސްހާތެވެ.
ހިތާމައިގެ މައްޗަށް ހިތާމައެވެ. އެއްވެސް ކުށަކާއި ނުލާ މުޅި ދުނިޔޭގައި އެކަނިވެރިވީއެވެ. ދުނިޔޭގައި ދެން އުޅުމުގެ އިތުރު ބޭނުމެއް އޮތްކަމުގެ އިހުސާސް އެ މައުސޫމު ހިތުން ފުހެވިއްޖެއެވެ. އެސްފިޔަ ޖަހަންވެސް ދަތިވެއްޖެއެވެ. އަރު ބެދި ފެންފޮދެއްވެސް ނުދިރެއެވެ. ބިރުވެރިކަމާއި ނާމާންކަން މުޅި ހިތް ފުރާލައިފިއެވެ. ނަމަވެސް ދެންވެސް މިސްހާތައް އޮތީ އުންމީދުކުރުމުވެ. ހިތްވަރު ކުރުމެވެ. ދުނިޔޭގައި ހުރީތީ މައިންބަފައިންނަށް ހެޔޮދުއާ ކޮށްދިނުމެވެ.
މިއީ އުމުރުން 10 އަހަރުގެ މައުސޫމު ފުރާނައެއް ތަހައްމަލު ކުރަމުންދާ ހިތްދަތި ހާލެވެ. މާތް ﷲ! އެ ފުރާނައަށް ކެތްތެރިކަން ދެއްވާ، ޣައްޒާގެ ރައްޔިތުންނަށް ކާމިޔާބާއި ކެތްތެރިކަން މިންވަރުކުރައްވާށި!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން