ކޯނު އަސްޕަރސަމް ނުވަތަ ގާޑަން ފިނިހަކައިން ބޭރުވާ ސްލައިމްއަކީ ބިއުޓީ އިންޑަސްޓްރީގައި އެންމެ މަޤްބޫލު އެއް މާއްދާއެވެ. މި ރިޕޯޓުގައި އަލިއަޅުވާލާނީ މި މާއްދާގެ ބޭނުންތަކާއި، ހަންގަނޑަށް މިއިން ލިބޭ ފައިދާތަކަށެވެ.
ކޯނު އަސްޕަރސަމްއަކީ ގާޑަން ސްނެއިލްގެ ގޮތުގައި އާންމުކޮށް ފެންނަ ފިނިހަކައިގެ ބާވަތެކެވެ. މިއީ ރާއްޖެއިން ވެސް ފެންްނަ އެއްޗެއް ކަމަށް ބެލެވެ އެވެ. މި ފިނިހަކަ އުފައްދާ ސްލައިމްގައި ހިމެނޭ ޚާއްޞަ ޕްރޮޓީންތަކާއި، އެންޓި-އޮކްސިޑެންޓްސް، ހައިލިއުރޮނިކް އެސިޑް އަދި ކޮލެޖަން ފަދަ މާއްދާތަކަކީ ހަންގަނޑަށް ވަރަށް ފައިދާހުރި މާއްދާތަކެކެވެ. އަދި މިއީ މޫނުގައި ނަގާ ރޫތައް އޮމާންކޮށްދީ، ހަންގަނޑު އަލުން ތާޒާކުރުމާއި މުސްކުޅި ނުކުރުވުމަށް ތަފާތު ޒީނަތްތެރިކަމުގެ އުފެއްދުންތަކުގައި އެކި މިންވަރަށް ބޭނުންކުރެއެވެ. ކޮލެޖެންއަކީ ދިވެހިންނަށް އައު އެއްޗެއް ނޫނެވެ. ރާއްޖޭގެ ބާޒާރުގައި މިހާރު ފިނިހަކައިގެ ސްލައިމް އަޅާފައިވާ ތަފާތު ބިއުޓީ ޕްރޮޑަކްޓްސް ފެންނަން ހުރެއެވެ.
ހަންގަނޑަށް ލިބޭ މައިގަނޑު ފައިދާތައް
ކޯނު އަސްޕަރސަމް ސްލައިމްގެ ސަބަބުން ހަންގަނޑަށް ލިބޭ ފައިދާތަކުގެ ތެރޭގައި:
- ހަންގަނޑު ޒުވާންވުން
އުމުރުގެ ސަބަބުން ހަންގަނޑުގައި ނަގާ ރޫތައް ކުޑަވުން
ހަންގަނޑުގެ ތެތްކަން ދެމެހެއްޓުން
ހަންގަނޑުގެ ޓެކްސްޗަރ ރަނގަޅުކުރުން
ބިއުޓީ ޕްރޮޑަކްޓްސްގައި ބޭނުންކުރާ ގޮތް
މިހާރު ބިއުޓީ އިންޑަސްޓްރީގައި ކޯނު އަސްޕަރސަމް ސްލައިމް ބޭނުންކުރެވެނީ ތަފާތު ގޮތްގޮތަށެވެ. އޭގެ ތެރޭގައި:
- ފޭޝަލް ކްރީމްތައް
ސީރަމްތައް
މޮއިސްޗަރައިޒަރތައް
އައި ކްރީމްތައް
ފޭޝަލް މާސްކްތައް
މަޤްބޫލުވެފައިވާ މިންވަރު
ފާއިތުވި އަހަރުތަކުގައި ކޯނު އަސްޕަރސަމް ސްލައިމް ބޭނުންކޮށްގެން އުފައްދާ ބިއުޓީ ޕްރޮޑަކްޓްސްއަށް ވަނީ ވަރަށް ބޮޑު މަޤްބޫލުކަމެއް ލިބިފައެވެ. ޚާއްޞަކޮށް ކޮރެއާ އަދި ފްރާންސްގެ ސްކިންކެއަރ ބްރޭންޑްތަކުން މި މާއްދާ ބޭނުންކޮށްގެން އުފައްދާ ބާވަތްތަކަށް ވަނީ ބޮޑު ޑިމާންޑެއް އުފެދިފައެވެ. ޖަޕާނުގެ ސެލޫންއާއި ސްޕާތަކުގައި މި ފިނިހަކަ މޫނުގައި އަރުވައިގެން ފޭޝަލް ހައްދައެވެ. ފިނިހަކަ ފޭޝަލްއަކީ ޖަޕާނުގައި ވަރަށް މަގްބޫލު ފޭޝަލްއެކެވެ.
ދިރާސާތަކުން ދައްކާ ނަތީޖާ
ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި ކޯނު އަސްޕަރސަމް ސްލައިމްގައި ހިމެނޭ އެލެންޓޮއިން، ކޮލެޖަން އަދި އިލާސްޓިން ފަދަ މާއްދާތަކަކީ ހަންގަނޑު އާރާސްތުކޮށް، ހަންގަނޑުގެ ސެލްތައް އައުކުރުމަށް އެހީތެރިވާ މާއްދާތަކެކެވެ. މީގެ އިތުރުން، މި ސްލައިމްގައި ހިމެނޭ ގްލައިކޮލިކް އެސިޑްގެ ސަބަބުން ހަންގަނޑުގެ މަތީ ފަށަލަ ރީޖެނެރޭޓްވެ، އާ ސެލްތައް އުފެދުމަށް މަގުފަހިވެ އެވެ. ގްލައިކޮލިކް އެސިޑަކީ ވަރަށް ގިނަ ފިލްމީ ފަންނާނުންގެ ހަންގަނޑު އަލިކޮށް، ހަންގަނޑުގެ ޒުވާންކަން ދަމަހައްޓަން އިންޖެކްޓްކުރާ މާއްދާއެކެވެ. އެހެން ނަމަވެސް ފިނިހަކަ ސްލައިމްއަކީ އެއަށްވުރެ މާ ރައްކާތެރި އެއްޗެއް ކަމަށް ތަފާތު އެކްސްޕެރިމެންޓްތަކުން ދައްކާފައިވެ އެވެ.
ކޯން އަސްޕަރސަމް ސްލައިމްއަކީ ހަންގަނޑަށް ލިބޭ ފައިދާތަކުގެ ސަބަބުން ބިއުޓީ އިންޑަސްޓްރީގައި އިތުރަށް ކުރިއަރަމުންދާ މާއްދާއެކެވެ. ސައިންޓިފިކް ހޯދުންތަކާއި ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާތަކުން ދައްކާ ގޮތުގައި މިއީ ހަންގަނޑަށް ވަރަށް ފައިދާހުރި އަދި ރައްކާތެރި މާއްދާއެކެވެ.