ސްޓެލްކޯގެ އިންޖިނިއަރުންނަށާއި މުވައްޒަފުންނަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ޝުކުރާއި ތައުރީފް ރައްދުކުރައްވައިފިއެވެ.
ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ މަސައްކަތަށް ތައުރީފް ކުރައްވާ، އެމްޑީ ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން މިއަދު ކުރެވުނު މޭޖަރ މެއިންޓަނަންސް މަސައްކަތް މިއަދު ހެނދުނު 08:43 ގައި ވަނީ ކާމިޔާބުކަމާއިއެކު ނިންމާލެވިފައި ކަމަށެވެ. އަދި މަސައްކަތް ނިމޭނެކަމަށް ކުރިން ލަފާކުރެވިފައިވާ 10:00 ގެ ކުރިން މި މަސައްކަތް ނިންމާލައި، ހުރިހާ ކަސްޓަމަރުންނަށް އަލުން ކަރަންޓު ދެވިފައިމިވަނީ ސްޓެލްކޯގެ ޚިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ޤާބިލްކަމާއި ހީވާގިކަމުން ކަމަށް އެމްޑީ ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ސްޓެލްކޯގެ އެމްޑީ ވިދާޅުވީ މިހާ އަވަހަށް މަސައްކަތް ނިންމާލެވުނީ މަސައްކަތުގެ އަޚުލާޤާއި، އެ މަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ޤައުމަށް ޚިދުމަތްކުރުމުގެ މަތިވެރި ރޫޙު އެމުވައްޒަފުން ކިބައިގައި ހުރުމުން ކަމަށެވެ. އެހެންކަމުން މި މަސައްކަތުގައި ބައިވެރިވި މުޅި ޓީމަށް އައްސަރިބަހާއި ސާބަސް ދަންނަވާކަމަށް ވިދާޅުވެފައިވެ އެވެ.
އެމްޑީ ފަހުމީ ވަނީ މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގްރޭޓަރ މާލެ ސަރަޙައްދުގެ ކަސްޓަމަރުންގެ ފަރާތުން ސްޓެލްކޯއަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެންމެހާ ކަސްޓަމަރުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރުވެސް ދަންނަވާފައެވެ.
