ޓޫރިޒަމް މިނިސްޓަރު ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމް އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ނިންމައިފިއެވެ.
ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން އެގޮތަށް ނިންމީ ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
2008 ވަނަ އަހަރު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރގެ މަޤާމް މައުސޫމް ވަނީ އަދާކުރައްވާފައެވެ. އަދި 2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަޤާމުތަކާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑް މެންބަރުކަމުގެ މަޤާމުވެސް ޑރ. މައުސޫމް ވަނީ ފުރުއްވާފައެވެ.
ޑރ. މަޢުޞޫމް އެންމެފަހުން އަދާކުރެއްވި މަޤާމުތަކުތެރޭގައި، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމު ވެސް ހިމެނެއެވެ.
އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބްރިމިންގްހަމް އިން ޑޮކްޓަރ އޮފް ފިލޮސޮފީ، އަރބަން އެންޑް ރީޖަނަލް ސްޓަޑީޒް ޙާޞިލުކުރައްވާފައިވާ އިރު، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އުލްސަރ އިން ހޮޓެލް އެންޑް ކޭޓަރިންގގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް ވެސް ޑރ. މައުސޫމް ޙާޞިލުކުރައްވާފައިވެއެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި މީގެކުރިން ހުންނެވީ އަލީ ވަހީދުއެވެ. އޭނާ އެ މަގާމުން ވަކިކުރެއްވީ ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން މިދިޔަ މަހުގެ ކުރީކޮޅުއެވެ.
ރައީސް ސޯލިހު، އަލީ ވަހީދު މަގާމުން ވަކިކުރެއްވުމުން އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުލެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއެވެ.
