މާޗާއަކީ ޖަޕާނުގެ ސަގާފަތާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ، ޚާއްޞަ ބާވަތެއްގެ ގްރީން ޓީއެކެވެ. ނަމަވެސް، ފަހަކަށް އައިސް މާޗާގެ ސަޕްލައި ދަށްވަމުން ދިއުމާއެކު، މިއީ ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލައެއްބާއެވެ؟ މާޗާއިން ލިބޭ ގިނަ ފައިދާތަކުގެ ސަބަބުން ރާއްޖޭގައިވެސް މިހާރު މި ފަތް އެކި ގޮތްގޮތަށް ބޭނުންކުރެއެވެ. މާޗާއަކީ ސިއްހަތަށާއި ހަންގަނޑަށް ނުހަނު ފައިދާހުރި އެއްޗަކަށްވުމުގެ ސަބަބުން މާޗާ ބިއުޓީ ޕްރޮޑަކްޓްސްއާއި ކާބޯތަކެތި މިހާރު ވަރަށް މަގްބޫލެވެ. ދުބާއީ ޗޮކްލެޓް ރާއްޖޭގެ ވައިގައިހިފިގޮތަށް މާޗާ ސައި، މާޗާ ލާޓޭ، މާޗާ ކޭކް، ކުކީސް، ޖެލާޓޯ އަދި ތަފާތު ޕްރޮޑަކްޓްތައް ދިވެހި ޖެންޒީ ކުދިން ގޮސްއުޅޭ ތަންތަނުގައި ގިނަވެފައިވެ އެވެެ.

މާޗާ ސަޕްލައި ދަށްވުމުގެ ސަބަބުތައް
މާޗާ ސަޕްލައި ދަށްވަމުން ދިއުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދަނޑުވެރިންގެ އާބާދީ މަދުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ދުނިޔޭގެ ފެންވަރުގައި މާޗާއަށް އޮތް ޑިމާންޑް އިތުރުވުން ހިމެނެއެވެ. ޖަޕާނުގެ މާޗާ ދަނޑުވެރިންގެ އުމުރު މައްޗަށް ދިއުމާއި، ޒުވާން ޖީލު މާޗާ ދަނޑުވެރިކަމަށް ޝައުގުވެރިކަން ކުޑަވުމަކީވެސް މިކަމަށް އަސަރުކުރާ ކަންކަމެވެ.

ޖަޕާނުގެ މާޗާ އެކްސްޕޯޓް
ޖަޕާނުން މާޗާ އެކްސްޕޯޓްކުރާ މިންވަރު ވަނީ ފާއިތުވި 10 އަހަރުގެ ތެރޭގައި 2 ގުނައަށްވުރެ އިތުރުވެފައެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާޗާއަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން އައިސްފައިވާ ބަދަލެކެވެ. ނަމަވެސް، މި އިތުރުވުމާއެކު އުފެއްދުންތެރިކަން އެއްވަރަކަށް އިތުރުނުވުމުގެ ސަބަބުން، ސަޕްލައި ޗެއިންއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެ އެވެ.

މާޗާ ހެއްދުމުގެ ޚާއްޞަ ގޮތްތައް
މާޗާ ހައްދަނީ ވަރަށް ޚާއްޞަ ގޮތަކަށެވެ. ގަސްތައް ހެދުމުގެ ފަހު މަރުހަލާގައި ގަސްތައް ހިޔާކޮށް، އަވީގެ އަސަރު ކުޑަކޮށްދެއެވެ. މިގޮތަށް ހެއްދުމުން ކްލޮރޮފިލްގެ މިންވަރު އިތުރުވެ، ފަތްތަކުގެ ފެހިކަން ގަދަވެ އެވެ. މި މަސައްކަތަކީ ވަރަށް ގިނަ ވަގުތާއި މަސައްކަތް ބޭނުންވާ ކަމަކަށްވުމާއެކު، ދަނޑުވެރިން މަދުވުމުން އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރުކުރެއެވެ.

ފަތުރުވެރިކަމުގައި މާޗާ
ޖަޕާނަށް އަންނަ ފަތުރުވެރިންގެ މެދުގައި މާޗާއަށް ވަރަށް ބޮޑު ޑިމާންޑެއް އޮވެއެވެ. މާޗާގެ ސަޕްލައި ދަށްވުމާ ގުޅިގެން، ޖަޕާނުގެ ބައެއް ކެފޭތަކާއި ރެސްޓޯރަންޓްތަކުން ވަނީ ފަތުރުވެރިންނަށް މާޗާ ވިއްކާ މިންވަރު މަދުކޮށްފައެވެ. މިގޮތަށް އަމަލުކުރަމުންދަނީ އެގައުމުގެ ސަރުކާރުގެ އަމުރަށެވެ. މިއީ ޖަޕާނުގެ ލޯކަލް މާކެޓަށް އިސްކަންދިނުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ. 

ކުރިމަގު
މާޗާގެ ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ޖަޕާނުގެ ސަރުކާރުން ވަނީ އާ ޓެކްނޮލޮޖީ ތަޢާރަފުކުރުމާއި، ޒުވާނުން މި ދާއިރާއަށް ޝައުގުވެރިކުރުވުމަށް އެކި ޕްރޮގްރާމްތައް ފަށާފައެވެ.