މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އާއި މިއުޒީޝަން ޢަބްދުލްބާސިތު (ބާޗީ)ގެ ނާނާ އަލްބަމް "އުދުހިލާ" މިހާރު ލަވަފޮށިން އަޑުއަހާލެވޭނެއެވެ.

މިމަހުގެ 12 ވަނަ ދުވަހު ރިލީޒްކުރި މި އަލްބަމް ނެރެދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދެވެ. ޖުމްލަ 8 ނާނާ ހިމެނޭ މި އަލްބަމްގެ 6 ނާނާއަކީ މުޅިން އަމިއްލަ ރާގުގެ ނާނާތަކެވެ. ދެން ހިމެނެނީ ކުރީގެ ލަވަކިޔުންތެރިޔާ އަލްމަރުޙޫމް ޖަމީލާ ސަލީމް (ޖޭމު ދޮންކަމަނަ)ގެ އަޑުން އިވިގެންދިޔަ "މަޑުން މި އޮވެ ނިދާލާތޯ"ގެ ކަވަރ ވާޝަންއެއްގެ އިތުރުން އިންސްޓްރޫމެންޓަލް ޓްރެކެކެވެ.

މި އަލްބަމްގެ ނާނާތައް ލިޔެފައިވަނީ ޖަޢުފަރު ޢަބްދުއްރަޙުމާން، މުޙައްމަދު ޢަބްދުލްޣަނީ (ތޭރަވާ)، މަރިޔަމް އުނޫޝާ (ކިޑީ)، ޢަބްދުލްބާސިތު (ބާޗީ)، މީފީ، ނަސްމާ އަދި އުނޫޝާގެ ފިރިމީހާ އިބްރާހީމް ހަމީޝްއެވެ.

"މަޑުން މި އޮވެ ނިދާލާތޯ" ފިޔަވައި ހުރިހާ ނާނާއެއްގެ ރާގު، އުނޫޝާއާއި ބާޗީ ހަދާފައިވާއިރު އެ ނާނާ ފިޔަވައި ހުރިހާ ނާނާއެއްވެސް ކިޔާފައިވަނީ އުނޫޝާ އަމިއްލައަށެވެ. އެ ނާނާ ކިޔާފައިވަނީ އުނޫޝާ އޭނާގެ މަންމަ ޝަފީޤާ ޢަބްދުއްލަތީފްއާއި އެކުގައެވެ. އެ ނާނާއަކީ އަލްމަރުޙޫމް ޖަމީލާ ސަލީމްގެ ޅެމެކެވެ.

"އުދުހިލާ އަލްބަމަކީ އަޅުގަނޑުގެ ދަރިފުޅަށް އިންތިޒާރު ކުރިއިރު، އެ އުފާވެރި ޚަބަރާއި އެ އުފާވެރި އިހުސާސްތަކާ އެކީ އަޅުގަނޑު ކިޔާލި ނާނާތަކެއް. އަޅުގަނޑުގެ އެދުމަކީ މި އުފަލުގައި، ހުރިހާ ބެލެނިވެރިންނާ ކުޑަކުދިން ބައިވެރިވުން." އުނޫޝާގެ ދަރިފުޅު އުޒޯމާ އިބްރާހީމް ހަމީޝްގެ ދެވަނަ އުފަންދުވަހު ނެރުނު އުދުހިލާ އަލްބަމްއާއި ބެހޭގޮތުން އުނޫޝާ ބުނެފައިވެއެވެ.

"އުދުހިލާ" އަލްބަމްއަކީ ދިވެހިބަހުން ހުރި ނާނާތައް މަދުކަމާއިއެކު ދިވެހިބަހަށްވެސް ޚިދުމަތެއް ކޮށްދިނުމަށް ކުރި މަސައްކަތެއް ކަމަށް އުނޫޝާގެ ފިރިމީހާ އަދި މެނޭޖަރު އިބްރާހީމް ހަމީޝް ބުނެފައިވެއެވެ. އަދި މިއީ ޖީލުތަކަކަށް ދެމިގެންދާނެ ނާނާތަކެއް ކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

"އުދުހިލާ"ގެ ވީޑިއޯ ލަވަތައް އުފެއްދުމުގެ މަސައްކަތްވެސް ގްރެފިކް ޑިޒައިނަރުންނާއި ދިވެހި އާޓިސްޓުންނާއި ގުޅިގެން ކުރިއަށް ގެންދާއިރު އޭގެ ތެރެއިން 3 ލަވަ މިހާރު ވަނީ އުނޫޝާ ރަސްމީ ޔޫޓިއުބް ޗެނަލްގައި ރިލީޒްކޮށްފައެވެ.

"އުދުހިލާ"ގެ މެއިން ސްޕޮންސަރަކީ އެސްޓީއޯއެވެ. ކޯ ސްޕޮންސަރުންނަކީ އެލް މޯބައިލް، ލައިފް ސަޕޯޓް އަދި ވާދީ ޓްރޭޑާރސްއެވެ. ސަޕޯޓިންގ ޕާޓްނަރަކަށް ދޯ.އެމްވީ ހަމަޖައްސާފައިވާއިރު ގިފްޓް ޕާޓްނަރަކީ އޭސް ހާޑްވެއަރއެވެ. ވީއޯޑީ ޕާޓްނަރަކީ ދިރާގެވެ. ސައުންޑް އެންޑް ލައިޓްސް ޕާޓްނަރަކަށް އޮފީޝަލް އިވެންޓްސް ހަމަޖައްސާފައިވާއިރު، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ ޕާޓްނަރަކީ ކުޑަ ރިޗާޑް ފޮޓޯސްއެވެ. ޕްރޮޑަކްޝަން ޕާޓްނަރުންނަކީ ސައުންޑް ސްކޮޑް ޕްރައިވެޓް ލިމިޓެޑް، ގޮރިއްލާސެލްސް، ލޫޕްކްރާފްޓް އަދި ޑިޖިޓަލްމޭޑްއެވެ.

އުނޫޝާއާއި ބާޗީ ވަނީ މި އަލްބަމް އުފައްދައި ރިލީޒްކުރުމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި "ޑޮޖިޓަލްމޭޑް" އާއި އިންސްޓަގްރާމް ޕޭޖް "ދަ ކޮންސެޕްޓް.އެމްވީ" އަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފައިވެއެވެ.