އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް، ހުރިހާ މީޑިއާތައް ގުޅިގެން އިސްރާއިލާއި ދެކޮޅަށް ތެދުވުމަށް ބައިނަލްއަގުވާމީ މީޑިއާއެއް ކަމަށްވާ އަލްޖަޒީރާއިން ގޮވާލައިފިއެވެ.
އަލްޖަޒީރާއިން މިގޮތަށް ގޮވާލާފައިވަނީ ބައިނަލްއަގުވާމީ ގިނަ މީޑިއާތަކުން މަސައްކަތް ކުރަމުން އަންނަ ޣައްޒާގައި ހުންނަ "އަލް-ޖަލާ" ޓަވަރަށް އިސްރާއީލުން ހަމަލާދީ އެ އިމާރާތް ބިމާ ހަމަކޮށްލުމުންނެވެ.
އަލްޖަޒީރާއިން ބުނެފައިވަނީ އެމީހުން ކުރަމުން އަންނަ މަސައްކަތް ނުހުއްޓާނެ ކަމަށާއި ކޮންމެ ގޮތެއް ހަދައި ވެސް އިސްރާއީލުގެ ސަރުކާރުން އެކަމަށް ޒިންމާ ނަގަންޖެހޭނެ ކަމަށެވެ. އަދި އެކަމާއި އެއްބައިވުމަށް ހުރިހާ މީޑިއާތަކާއި އިންސާނިއްޔަތަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން އިސްރާއީލާއި ދެކޮޅަށް ތެދުވުމަށް އަލްޖަޒީރާއިން ވަނީ ގޮވާލާފައެވެ.
އެ މީޑިއާއިން ބުނެފައިވަނީ އިސްރާއިލުން ދިން އެހަމަލާއަކީ ޣައްޒާގައި ދެމުން އަންނަ ހަމަލާ ދުނިޔޭގެ އެކި ހިސާބުތަކަށް ދެން ގެނެސް ނުދެވޭނެ ގޮތަށް މުޅި މީޑިއާތަކަށް ދީފައިވާ ހަމަލާއެއް ކަމަށެވެ. އެހަމަލާ ދިން ނަމަވެސް، ބައެއް މީޑިއާތަކުން މިހާރު އަންނަނީ މަސައްކަތް ކުރުމަށް އިތުރު ތަނެއް ބަލަމުން ކަން ފާހަގަ ކޮށްލެވެއެވެ.
