އިންސާނާގެ ދިރިއުޅުމަށް ބޭނުންވާ މުދަލާއި ފައިސާ ހޯދުމަކީ، އަޅުގަނޑުމެންގެ ދީނުގައިވެސް ބާރު އަޅުއްވާފައިވާ ކަމެކެވެ. ނަމަވެސް މުދާ ހޯދާ ގޮތާއި އެކަމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ސައްހަ ކަމަކީ، ވަރަށް މުހިންމު ކަމެކެވެ. މާތް ﷲ ވަނީ ހަލާލު ގޮތުގައި މަސައްކަތްކޮށް، ރަނގަޅު ގޮތުގައި މުދާ ހޯދުމަށް އަމުރު ކުރައްވާފައެވެ. އަދި ހައްގު ނޫން ގޮތްތަކުން މުދާ ހޯދުމަކީ ދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑު ކުށެކެވެ. "ހައްގު ގޮތުގައި ނޫނީ ބައިރުފިޔާވެސް ނުހޯދައްޗޭ!" މި ބަހަކީ ކޮންމެ މުސްލިމަކުވެސް އަމިއްލަ ނަފްސަށް ހަނދާންކޮށްދޭންޖެހޭނެ މުހިންމު ނަސޭހަތެކެވެ.
ހައްގު ނޫން ގޮތުގައި މުދާ ހޯދުމަކީ، އެކަމުގެ ނުބައިކަން ދެދުނިޔޭގައިވެސް ފެންނަން ހުންނާނެ ކަމެކެވެ. ވައްކަން ކުރުމާއި، މަކަރާއި ހީލަތުން މީސްތަކުންގެ މުދާ އަތުލުމާއި، ރިޝްވަތު ދިނުމާއި ނެގުމާއި، ހަރާމް މުއާމަލާތްތަކުން ފައިސާ ހޯދުން ހައްގު ނޫން ގޮތްތަކުގެ ތެރޭގައި ހިމެނެއެވެ. މިފަދަ ގޮތްގޮތުން ހޯދާ މުދަލުގައި ބަރަކާތެއް ނުވާނެއެވެ. އަދި އެ މުދަލުން ދިރިއުޅޭ މީހާގެ ދުޢާ އިޖާބަ ނުކުރައްވާނެ ކަމަށްވެސް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ހަދީޘް ކުރައްވާފައި ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. މުޖުތަމަޢުގައި ވައްކަމާއި، މަކަރާއި، ރިޝްވަތު ފެތުރިއްޖެނަމަ، އަމާނާތްތެރިކަން ގެއްލި، އިތުބާރު ނެތި، އިންސާފު ކުޑަވެ، މުޖުތަމަޢުގެ ހަމަޖެހުން ނަގާލައެވެ. މިފަދަ ކަންކަމުން ހޯދާ ފައިސާއިން ދަރީންނަށް ކާންދީފިނަމަ، އެ ކުދިންގެ ސިކުނޑިތައް ހަރާބުވެ، ހެދި ބޮޑުވަނީ ހަރާމް ކެއުމަކުން ކަމަށްވުމުން، އެ ކުދިންގެ ދިރިއުޅުމަށް އެކަމުގެ ނޭދެވޭ އަސަރުކޮށް، ހެޔޮ ގޮތްގޮތަށް ވިސްނުމުގެ ގާބިލިއްޔަތުކަން ކުޑަވެގެން ދިއުމަކީވެސް ވެދާނޭ ކަމެކެވެ.
މުދާ ހޯދުމުގައި ހައްގު ނޫން ގޮތްތަކުގެ ތެރޭގައި ހައްގު ނޫން ވަޒީފާތައްވެސް ހިމެނެއެވެ. ބައެއް ވަޒީފާތައްް ސީދާ ބޭނުންކުރެވެނީ ހަރާމް ކަންކަމުގައެވެ. މިސާލަކަށް، ރާ ވިއްކާ ތަންތަނުގައި މަސައްކަތްކުރުން ނުވަތަ ރިބާގެ މުއާމަލާތްތައް ހިންގާ ބޭންކުތަކުގައި މަސައްކަތްކުރުން ފަދަ ކަންކަމެވެ. އެ ވަޒީފާއިން ލިބޭ އާމްދަނީއަކީވެސް ހަރާމް އާމްދަނީއަކަށް ވެދާނެއެވެ. އަދި މީގެ އިތުރުން ވަޒީފާގެ ތެރެއިން މަކަރާއި ހީލަތް ހެދުމާއި، ރިޝްވަތު ނެގުމާއި ދިނުމާއި، މަސައްކަތަށް ފަރުވާކުޑަ ކުރުމާއި، ދޮގު މައުލޫމާތު ދިނުން ފަދަ ކަންކަން ހިމެނޭ ވަޒީފާތަކަކީވެސް ހައްގު ނޫން ވަޒީފާތަކެވެ. އަދި ތިމާގެ ގާބިލުކަމެއް ނެތި، ނުފޫޒާއި ބާރުގެ ތެރެއިން ތިމާއަށް ބަޔަކު ހޯދައިދޭ ވަޒީފާ ތަކަކީވެސް ހަގީގަތުގައި ތިމާއަށް ހައްގު ވަޒީފާތަކެއް ނޫނެވެ. ގާބިލު މީހުން ތިއްބާމެ، ސިޔާސީ ނުފޫޒުގެ ތެރެއިން ހަމަޖެހޭ ވަޒީފާތައްވެސް ހަމަ އެފަދައެވެ. އެފަދަ ވަޒީފާތަކުން ލިބޭ ފައިސާއަކީ ހަލާލު ނޫން ފައިސާއެކެވެ. މާތް ﷲ އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވަނީ ރަނގަޅު އަދި ހަލާލު ގޮތްތަކުން މުދާ ހޯދުމަށެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ވަޒީފާގެ ސައްހަކަން ކަށަވަރު ކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.
އަދި މި ވިޔަފާރީގެ ދުނިޔެއަކީވެސް ހައްގު ގޮތްތަކާއި ނުގުޅޭ ކަންކަން ހިނގާ ދުނިޔެއެކެވެ. ހުއްދަ ނޫން ވިޔަފާރިތަކަކީ ހަރާމް މުއާމަލާތްތަކުން ފައިސާ ހޯދާ ވިޔަފާރިތަކެވެ. މިސާލަކަށް، ދީނުގައި ހަރާމް ކުރައްވާފައިވާ ބާވަތްތައް (ރަލާއި، އޫރުމަސް ފަދަ ތަކެތި) ވިއްކުމާއި، ޖުވާ ކުޅުމާއި، މަކަރާއި ހީލަތުން މީސްތަކުންގެ މުދާ އަތުލުމާއި، އަދި ހަރާމްކޮށް ފައިދާ ނެގުންފަދަ ކަންކަން ހިމެނެއެވެ. ވިޔަފާރީގައި އޮޅުވައިލުމާއި، މިނެކިރުމުގައި މަކަރު ހެދުމާއި، މައުލޫމާތު ވަންހަނާ ކުރުމަކީވެސް ހަރާމް ކަންކަމެވެ. މިފަދަ ވިޔަފާރިތަކުން ލިބޭ ފައިދާއަކީ ހަރާމް ފައިދާއެކެވެ. އެ ފައިދާގައި ބަރަކާތެއް ނުވާނެއެވެ. އަދި އެ ފައިދާއިން ދިރިއުޅޭ މީހާގެ ހަށިގަނޑާއި ރޫހަށް އެކަމުގެ ނޭދެވޭ އަސަރުކޮށް، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް ހުރަސް އަޅައެވެ. އިސްލާމީ ޝަރީޢަތުގައި ވިޔަފާރީގެ ހަމަތަކާއި އުސޫލުތައް ކަނޑައަޅުއްވާފައިވަނީ، ހުރިހާ ފަރާތްތަކަށްވެސް އިންސާފުވެރިކަމާއި އަމާނާތްތެރިކަން ކަށަވަރު ކުރުމަށެވެ.
ފުރިހަމަ މުސްލިމަކަށް ވާން ބޭނުންނަމަ، ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ހައްގު ގޮތް އިޚްތިޔާރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މަދުވިޔަސް ހަލާލު ގޮތުގައި ހޯދާ ފައިސާގައި ބަރަކާތްތަކެއް ވެއެވެ. ހަރާމް ގޮތުގައި ގިނަ ފައިސާ ހޯދުމަށްވުރެ، ހަލާލު ގޮތުގައި މަދު ފައިސާ ހޯދުމަކީ، ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގަތުމަށް މަގުފަހިވާނެ ކަމެކެވެ. އެހެންކަމުން، އަޅުގަނޑުމެން ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ ހައްގު ގޮތުގައި ނޫނީ ބައިރުފިޔާވެސް ނުހޯދުމަށެވެ. އޭރުން ދިރިއުޅުމުގައި ހަމަޖެހުމާއި، އުފާވެރިކަން ލިބި، އަދި މާތް ﷲ ގެ ރަޙްމަތް ލިބިގަތުމުގެ ހެޔޮ ތައުފީޤު ލިބޭނެއެވެ.