މިއީ އެއްވެސް ހާލެއްގައި ގޯސްކަމަކަށް ތައުރީފު ކުރުމުގެ ގަސްދެއްގައި ލިޔާ ލިޔުމެއް ނޫނެވެ. އެހެނަސް ހަގީގަތް ވާނީ ހަގީގަތަކަށް ނޫންތޯއެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަކިން ޚާއްޞަކޮށް ޒުވާނުންގެ ތެރޭގައި ހިނގަމުންދާ ބައެއް ކަންކަމަށް ނަޒަރު ހިންގާލާއިރު ހިތްތަކަށް ބަރުދާސްތު ކުރަން އުނދަގޫ ބޮޑެތި އެތައް ހިތާމައެއް ލިބެއެވެ. އިސްލާމީ ޝަރީޢަތާއި މާތް ރިވެތި ސަގާފަތުގެ ހަމަތަކާ ޚިލާފު ޢަމަލުތައް އާދަޔާ ޚިލާފަށް ގިނަވެ، އެކަންކަމަށް އާދަވެ، ބިރެއް ލަދެއް ނެތި ކުރާ މީހުން ގިނަވަމުންދާކަން ފާހަގަކުރެވެ އެވެ.

އަހަރެމެންގެ ޒުވާނުންގެ ތެރޭގައި އޮތް އިޖުތިމާއީ ފޭރާން އެއްކޮށްހެން ވީދި ކުދިކުދި ވެއްޖެއެވެ. އެ ފޭރާމުވެ ބަތާނަވެސް ކޮށިކޮށިގެން ދަނީއެވެ. ދީނީ އަގީދާގެ ބަލިކަށިކަމާއި، އިސްލާމީ އަޚްލާގުގެ އަސަރު ކުޑަކަމުގެ ސަބަބުން، ޒުވާނުން ތެދު މަގުން އެއްކިބާވެ، ބޮޑެތި ފާފަތަކަށް އަރައިގަންނަ މަންޒަރު ފެނުން ވެފައިވަނީ އާދައަކަށެވެ. ޒުވާނުންގެ ހިތްތަކުގައި އެއްވެސް ބިރެއް، ލަދެއް ނެތި ފާޙިޝް ޢަމަލުތަކަށް އަރައިގަނެ އެކަންކަމުން ހިތްވަރު ލިބިގަނެ ތަކުރާރު ކުރަމުންދަނީ މިއީ އިސްލާމީ ފަސްގަނޑެކޭ، މަށަކީ މުސްލިމެކޭ ވެސް ހީނުވާހާ ނުރައްކާތެރި ގޮތްގޮތަށެވެ.

ލޯބީގެ ނަމުގައްޔާއި ޒުވާންކަމުގެ ޖޯޝުގައި ޒުވާނުން ނުކުރާކަށް ކަމެއް މިއަދު ނެތެވެ. މާތްވެގެންވާ އިސްލާމްދީނުގައި ހިލޭ ފިރިހެނުންނާއި ހިލޭ އަންހެނުން އެކަހެރިވެ އުޅުން މަނާ ކުރައްވާފައިވާއިރު، މިއަދު ހިލޭ އަންހެން ކުދިންނާއި ފިރިހެން ކުދިން މަސްހުނިވެ ގައިގޯޅިވެ، ލެއްވިހާ ފާހިޝް ކަންކަމެއް ކުރަމުންދަނީ ބިރެއް ލަދެއް ނެތިއެވެ. މިއީ މުޖުތަމަޢުގެ ހަމަޖެހުން ނަގާލާ، އަމާންކަން ގެއްލުވާލާފަދަ ކަމެކެވެ. އަދުގެ ބައެއް ދިވެހި ޒުވާނުން ދީނީ ހައްދުތަކުން ބޭރުވެފައިވާ މިފަދަ ޢަމަލުތައް ކުރުމަށް ފަސްނުޖެހެއެވެ.

އާޚިރުގައި މިފަދަ ކަންކަން ހިނގާ ގޮތަކީ، އެ ކުރެވުނު ކަމަކަށް ދެފަރާތުން ރުހިއްޖެ ނަމަ، އެއީ ޒުވާންކަމުގެ ޖޯޝު ކަމުގައި ދެކި، އެކަމުގެ މައްޗަށް ފަހުރުވެރިވެ، އެކަންކަމުގެ ވާހަކަ ދައްކާ އުޅުމެވެ. ނުވަތަ، އެ ކުރެވުނު ކަމަކަށް ފަހުން ނުވަތަ ކުރިންވެސް ނުރުހިއްޖެނަމަ، އެއީ ތިމާގެ އަބުރާ އިއްޒަތާއި އިއްފަތްތެރިކަން ފޭރިގަތް ހާދިސާއެއްކަމަށް ކަނޑައަޅާ، އެއީ ރޭޕު ކުރުން ކަމުގައި ދެކި، ޝަރީޢަތަށް ހުށަހެޅޭ ކަމެކެވެ. މި ދެ ހާލަތުގައިވެސް ކުރެވިފައި އޮތީ އެއް ކަމެކެވެ. ތަފާތުވަނީ އެކަމުގެ މައްޗަށް އިންސާނާގެ ހިތުގައި އޮންނަ ރުހުމާއި ނުރުހުމެވެ.

މިކަމުން އެނގިގެންދަނީ، އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް ތަބާ ނުވުމުން މުޖުތަމަޢު ކޮޅުނެތްކޮޅަށް ގޮސް، ޒުވާނުން ހައްގު މަގުން އެއްކިބާވެފައިވާ މިންވަރެވެ. ކޮންމެ ޒުވާނަކަށްވެސް ދިރިއުޅުމުގެ ރަނގަޅު ގޮތްތައް އުނގަންނައިދީ، ދީނީ ތަރުބިއްޔަތު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ހައްގާއި ބާޠިލް ދެނެގަތުމުގެ ވިސްނުން ކުދިންނަށް އަށަގެންނެވުމަކީ މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ޒިންމާއެވެ.