ދުލާއި ގަލަމުގެ މިނިވަންކަމަކީ، ޒަމާނީ ދިރިއުޅުމުގައި، ޚާއްޞަކޮށް ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ވަރަށް މުހިންމު އަސާސެކެވެ. މިއީ އިންސާނާގެ ހިޔާލުތަކާއި ފިކުރުތައް ހާމަކުރުމުގެ ހައްޤު ކަމުގައި ވިޔަސް، މިނިވަންކަމަކީ، އޭގެ އިންތައް ނެތިގެން ދާނަމަ، މުޅި މުޖުތަމަޢުގެ ހަމަޖެހުމާއި އެއްބައިވަންތަކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. ޚާއްޞަކޮށް ދިވެހި މުޖުތަމަޢަށް ބަލާއިރު، ދުލާއި ގަލަމުގެ މިނިވަންކަން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން، އިޖުތިމާޢީ އެއްބައިވަންތަކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން ދާކަން ފާހަގަކުރެވެއެވެ.
ދުލާއި ގަލަމުގެ މިނިވަންކަމުގައި ދިވެހިންގެ ހަލާކަކީ، "ގޮޅާބޯ" "ގަންޖާބޯ" ފަދަ ބަސްތައް ރައީސުންނަށް ކިޔުމަކީ ސިޔާސީ ކަމެއް ކަމަށް ޤަބޫލުކުރި ހިސާބު ކަމުގައި ބުނެވިދާނެއެވެ. ވެރިންނަށާއި، ދައުލަތުގެ މަތީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އިޙްތިރާމްކުރުމަކީ އަޅުގަނޑުމެންގެ ދީނުގައިވެސް އަދި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތަކުގައިވެސް ވަރަށް މަތީ ދަރަޖައެއް ދެވިފައިވާ ކަމެކެވެ. އެހެނަސް ދުލާއި ގަލަމުގެ މިނިވަންކަމުގެ ބިންގާ މިރާއްޖޭގައި އެޅިފައި މިއޮތީ ކައްޗަށެވެ. އިމެއް މިނެއް ނެތް ގޮތަށެވެ. އެ ބިންގަލުގެ މަތީގައި ފައްކާވަމުން އައި ޒަމާނީ ނޫސްވެރިކަންވެސް މިއަދު މިއޮތީ ކައްޗަށޭ ބުނުން ދޮގަކަށް ނުވާނެއެވެ. މިނިވަންކަމުގައި ވެސް ހައްދުފަނައަޅާ ގޮސްފައިވާއިރު، އަޅުވެތިކަމުގައިވެސް ނޫސްވެރިކަން މިއޮތީ ހައްދުފަހަނަ އަޅާފައެވެ. ވަކިބަޔަކު ބުނި ގޮތަކަށް ނޫނީ ހަބަރު ނުލިޔެވޭ ނޫސްތައް ވެސް ވަކި މަދެއް ނޫނެވެ. ދޮގެއް ތެދެއް ނުބަލާ ހަބަރު ފަތުރާ ނޫސްތައްވެސް މަދެއް ނޫނެވެ.
ދަންނަވަންތޯއެވެ! ދުލާއި ގަލަމުގެ މިނިވަންކަމުގެ ސަބަބުން، ވެރިންނަށް ކުރި އިހްތިރާމު ގެއްލިއްޖެއެވެ. އެކަމުގެ ސަބަބުން، ރައްޔިތުން ރައީސަކަށް، މިނިސްޓަރަކަށް އިޙްތިރާމެއް ނުކުރެއެވެ. މި ނަމޫނާއަށް ބަލައިގެން ސްކޫލު ކުދިން ޕްރިންސިޕަލަކަށް، ސުޕަރވައިޒަރަކަށް، ޓީޗަރަކަށްވެސް އިޙްތިރާމެއް ނުކުރެއެވެ. މިއީ މުޖުތަމަޢުގެ އަޚްލާޤީ ފޭރާމަށް ލިބެމުންދާ ވަރަށް ބޮޑު ގެއްލުމެކެވެ.
ސިޔާސަތުތަކަަށް ފާޑުކިޔަން ޖެހޭނެކަން ޤަބޫލުކުރަން ޖެހެއެވެ. ނަމަވެސް، މީޑިއާގައި، ޚާއްޞަކޮށް ލައިވް ޓީވީގައި "ގޮޅާބޯ"، "ގަންޖާބޯ"، "ކާޅު"، "މުލިވަގު"، "ޗޯރު"، "ކައްޒާބު" ފަދަ ބަސްތައް ބޭނުންކުރުމަކީ އެއްގޮތަކަށްވެސް އަހުލާގީ މިންގަނޑަށް ފެތޭ ކަންކަމެއް ނޫނެވެ. އިޙްތިރާމާއެކުވެސް ފާޑުކިޔޭނެއެވެ. ސިޔާސަތަށް ފާޑުކިޔުމަކީ ޒާތީވުމެއް ނޫނެވެ. ޒާތީ ކަންކަމަށް ހަދައިގެން، ޢާއްމުންގެ ކުރިމަތީގައި ނުވަތަ މީޑިއާ މެދުވެރިކޮށް އެހެން މީހުންނަށް ދިމާކޮށް، ބަދުބަސް ބުނުމަކީ އިސްލާމީ އަޚްލާޤާވެސް ފުށުއަރާ ކަމެކެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން މުޖުތަމަޢުގައި އުފެދޭ ހަމަނުޖެހުންތަކާއި ފިތުނަ ފަސާދަތަކަށް މަގުފަހިވެއެވެ.
މިކަންކަމަށް ޙައްލެއް ހޯދުމަށްޓަކައި، އެންމެ ފުރަތަމަ ރެގިއުލޭޓް ކުރަންޖެހެނީ ބްރޯޑްކާސްޓިން މީޑިއާތަކެވެ. މީޑިއާތަކަކީ، ޢާއްމުންނަށް މުހިންމު މަޢުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކުރުވާ ވަސީލަތްތަކަށް ވާއިރު، އެތަންތަނުން ބޭނުންކުރާ ބަސްމަގާއި، ގެނެސްދޭ ޚަބަރުތަކުގެ ސައްހަކަމާއި، އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓިފައި ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިނިވަންކަމުގެ ނަމުގައި ބޭއަދަބީ ވާހަކަތަކާއި، އެއްބަޔަކު އަނެއްބަޔަކާ ދިމާކޮށް ބުނާ ބަދުބަސްތައް ދޫކޮށްލުމަކީ، އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢު ހަލާކުގެ ތެރެއަށް ވެއްދުމުގެ މަގު ފަހިކުރުމެވެ.
ހަލާކުވަމުންދާ އިޖުތިމާޢީ ފޭރާމުގެ ބަތާނަ ރަނގަޅުކުރަން ޖެހެއެވެ. މިއީ އެންމެންގެ ޒިންމާއެކެވެ. ދުލާއި ގަލަމުގެ މިނިވަންކަން ބޭނުންކުރަންވާނީ، މުޖުތަމަޢަށް ފައިދާކުރާ، އިޞްލާޙީ މަސައްކަތްތަކަށް މަގުފަހިކުރާ ގޮތަކަށެވެ. ޚިޔާލުފާޅުކުރުމުގެ ހައްޤު ރައްކާތެރިކުރެވި، އެހެން ނަމަވެސް، އަނެކުންގެ އިޙްތިރާމާއި ޤަދަރު ނަގާލާ ފަދަ ޢަމަލުތަކުން ދުރުހެލިވުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި ކޮންމެހެންވެސް ބޭނުންތެރި ކަމެކެވެ. އެހެން ނޫންނަމަ ހަމަޖެހުމާއި އަމާންކަން މުޖުތަމަޢުގައި ޤާއިމެއް ނުވާނެއެވެ.