ދިރާގު ގޭމާރސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމްކޮށްގެން ބާއްވާ ކޯލް އޮފް ޑިއުޓީ މޯބައިލް މިނީ ސީރީޒް II އަށް ރަޖިސްޓަރީވުމުގެ ފުރުސަތު 27 އޯގަސްޓު 2025ގެ ރޭގަނޑު 10:00 އަށް އިތުރުކޮށްފިއެވެ.

ގޭމް ކުޅުންތެރިންގެ މެދުގައި މަގުބޫލް ކޯލް އޮފް ޑިއުޓީގެ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 30 އޯގަސްޓު 2025ގައެވެ. މި މުބާރާތް ކުރިއަށްދާނީ އޮންލައިންކޮށެވެ. މި މުބާރަތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 10،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ވަނީ ކަނޑައެޅިފައެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ގޭމް ކުޅުންތެރިންނަށް dgg.mv މެދުވެރިކޮށް ރަޖިސްޓަރީކުރެވޭނެއެވެ. 

ދާދި ފަހުން ޑީޖީޖީއިން ވަނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިންގް މުބާރާތް ކަމުގައިވާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ. މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1500އަށް ވުރެ ގިނަ ގޭމް ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ދިރާގުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ދިރާގު ގޭމާރސް ގިލްޑް (ޑީޖީޖީ) މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިންގ ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.