ފަލަސްތީނާއި އެކު ތިބިކަން ހާމަކުރުމަށާއި، އެމެރިކާގެ ސަރުކާރުން އިސްރާއީލްގެ އަމަލުތަކަށް ހިތްވަރު ދެމުން ގެންދާތީ، އެމެރިކާ ސަރުކާރުގެ އެ އަމަލުތައް ކުށްވެރިކުރުމުގެ ގޮތުން އެމެރިކާގެ ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ނިކުމެ އަޑުއުފުލައިފިއެވެ.

އެމެރިކާ ސަރުކާރުގެ އަމަލުތައް ކުށްވެރިކޮށް، ފަލަސްތީން ރައްޔިތުންނަށް ތާއިދު އޮތްކަން ހާމަކުރުމަށް އެމެރިކާގެ އެންމެ ބޮޑެތި ސިޓީތައް ކަމަށްވާ ލޮސް އެންޖެލިސް، ނިއުޔޯކް، ބޮސްޓަން، ފިލަޑެލްފިއާ އާއި އަދި މީގެ އިތުރުންވެސް އެތައް ސިޓީއެއްގައި ވަނީ މުޒާހަރާކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ފަލަސްތީނަށް މިނިވަންކަން ހޯދައިދިނުމަށް ގޮވާލާ އަޑުއުފުލާފައެވެ. އަދި ކުށެއްނެތް އާއްމުންނާއި އަންހެނުންނާއި އަދި ކުޑަކުދިން ޝަހީދު ކުރުމަށް އެމެރިކާ ސަރުކާރުން ދިން ހިތްވަރު މިހާރުން މިހާރަށް ހުއްޓާލަން ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އެމެރިކާ އިން ތަކުރާރުކޮށް އިސްރާއީލްގެ އަނިޔާވެރި އަމަލުތަކަށް ހިތްވަރު ދެމުން ގެންދާތީ އެކަން ހަރުކަށިއިބާރާތުން ކުށްވެރިކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އަކީ ވެސް މިހާރު އިސްރާއީލުން ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތަކުގެ ބައިވެރިއެކެވެ.

އެމެރިކާއިން ބުނެފައިވާ ގޮތުގައި އިސްރާއީލުން ފަލަސްތީނަށް ދޭ ހަމަލާތަކަކީ އަމިއްލަ ދިފާއުގައި ދޭ ހަމަލާތަކެކެވެ. އިސްރާއީލަށް އަމިއްލަ ދިފާއުގައި ފަލަސްތީނަށް ހަމަލާ ދިނުމުގެ ހައްގު އޮންނާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މީގެ ކުރިން އެތަކެއް ފަހަރަކު ވިދާޅުވެފައެވެ.