މި ކުޑަކުޑަ އާބާދީގައި ޒުވާނުންނާއި އެކި އުމުރުފުރާގެ މީހުން ހޯދާ ކާމިޔާބީތަކަކީ ނުހަނު ބޮޑު އެއްޗެކެވެ. އެހެން ގައުމުތަކުގެ ޒުވާނުންނަށްވުރެ މި ޤައުމުގެ ޒުވާނުންނާއި ޅަ ސިކުނޑިތައް ވަކި ދެރައެއް ނޫންކަން އެއް އަހަރުން އަނެއް އަހަރަށް ސާބިތުވަމުން އެބަދެއެވެ. އެހެން ނަމަވެސް ކުޑައިރުގެ އަޒުމް އޯލެވެލް ނިންމުމާއެކު ހާސިލުކުރަން ފެށެނީ މަދު ބަޔަކަށެވެ. މިފަހަރު މި ބަލާލަނީ ފާއިތުވެދިޔަ ހަފްތާގައި ގިނަ ދިވެހިންގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ސަމާލުކަން ހޯދި ރޭސް ކާރެއްގެ ވާހަކައެވެ. މި ރޭސް ކާރަކީ ދިވެއްސެއްގެ އަމިއްލަ އަތުން ތައްުޔާރުކުރި ރޭސް ކާރެކެވެ. ރިހި ކުލައިގެ މި ކާރަކީ ދިވެއްސެއް ތައްުޔާރުކުރި މިފަދަ ފުރަތަމަ ކާރެވެ. މި ކާރަަށް ވަކި ހާއްސަ ސަމާލުކަމެއް ލިބުނީ ކާރު އުފެއްދި ޒުވާނެއްގެ ވާހަކައިންނެވެ. ގއ. ގެމަނަފުށީގައި މިއަހަރުގެ އޯލެވެލް އިމްތިހާން ނިންމި ކުއްޖެއް ރޭސް ކާރެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށިއެވެ. މި ރޭސް ކާރު ގެމަނަފުށީގެ މަގުތަކުގައި ޓެސްޓް ކުރަން ފެށީ ގެމަނަފުށީގެ އެތައް ބައެއްގެ އެހީތެރިކަމާއެކުއެވެ.
އަޙްމަދު އައިޒަން އަމްޖަދު "ދަރިވަރު" ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި ކާރު އުފެއްދުމަކީ އޭނާ ކުޑައިރުއްސުރެެ ދުށް ހުވަަފެނެކެވެ. އޭނާއަކީ އިންޖީނުތަކާއި މެކޭނިކަލް މަސައްކަތަށް ޝައުޤުވެރިކަން ހުރި ކުއްޖެކެވެ. ޔޫޓިއުބުން ކަމާ ގުޅުންހުރި ވީޑިއޯތައް ބަލައިގެން ގިނަ މަޢުލޫމާތު އެއްކުރިއެވެ. އަދި ކުޑައިރު ގެންގުޅުނު ކުޅޭ ކާރުތައް ކުޑަކުޑަ އުމުރުގައި ރޫޅާ ހެދިއެވެ. ރޭސިންގ ކާރުތަކާ ބެހޭ ޓެކްނިކަލް މަޢުލޫމާތު އެއްކުރުމަށް މަސައްކަތްކުރިއެވެ. އައިޒަން ބުނިގޮތުގައި ރޭސް ކާރެއް އުފެއްދުމުގެ ހިޔާލު އޭނާގެ ބޮލު ތެރޭގައި އެނބުރެން ފެށީ ގްރޭޑް 8 އިން ފެށިގެންނެވެ. އޯ ލެވެލް ނިމުމާއެކު ރޭސް ކާރު އުފެއްދުމުގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް އައިޒަން ފެށިއެވެ. އެގޮތުން އޭނާ މި މަސައްކަތް ފެށިތާ 74 ދުވަސް ތެރޭގައި ރޭސް ކާރު އުފެއްދިފައިވެ އެވެ. އެ މަސައްކަތް ނިމުނީ ބުރާސްފަތި ދުވަހުގައެވެ. އައިޒަން ރޭސް ކާރު ތައްޔާރުކުރީ އޭގެ ބައިތައް އިމްޕޯޓްކޮށްގެނެއް ނޫނެވެ. އެތަން މިތަނުން އެއްކުރި އެއްޗެހީގެ އެހީގައެވެ. ކާރު ވެލްޑް ކުރީ އައިޒަންގެ ބޭބެގެ ސުޕަވިޝަންއާއި އެއްކޮށެވެ. ކާރު ޓެސްޓް ކުރަން އައިޒަންއަށް ގެމަނަފުށީގެ ފުލުހުން ހުއްދަވެސް ދިނެވެ. އައިޒަން ބުނީ އޭނާގެ އެ މަސައްކަތަށް ފުލުހުންގެ ވެސް ތައުރީފު ލިބުނު ކަމަށެވެ.
އޭނާގެ މި މަސައްކަތް ކުރުމަށް އަދި މިހާތަނަށް އެއްވެސް ރަސްމީ ތަމްރީނެއް ނުވަތަ އިލްމެއް ހޯދާފައިނުވި ނަމަވެސް އައިޒަން މި ކާރު ތައްޔާރުކުރީ އަމިއްލައަށް ދަސްކޮށްގެންނެވެ. މި ކާރު ތައްޔާރުކުރުމަށް މެނުވީ މީގެ ކުރިން ވެލްޑިން އާލާތެއްގައި އަތްލާފައި ވެސް ނުވާނެ ކަމަށް އައިޒަން ބުނެފައިވެ އެވެ. އެއަށްވުރެ ބޮޑު ގޮންޖެހުމަކަށްވީ ކާރަށް ބޭނުންވާ ސާމާނުތައް ހޯދުމެވެ. އަދި އަމިއްލަ ޑިޒައިނަކަށް ތައްޔާރުކުރާ އެއްޗަކަށް ބައިތައް ކަން ފާހަގަކުރިއެވެ. އެންމެ މީހަކަށް އެރޭ ގޮތަށް ފަރުމާކޮށްފައިވާ މި ކާރުގެ އޮނިގަނޑު ނިންމާލީ ވެސް ދަގަނޑުން ވެލްޑްކޮށްގެންނެވެ. މި ކާރުގެ ދިގުމިނުގައި 10 ފޫޓް، ފުޅާމިނުގައި 4ފޫޓް ހުންނަ ކަމަށް "ދަރިވަރު" ނޫހަށް ބުނެދީފައި ވެއެވެ.
އައިޒަން މިހާރު ވަނީ އިންޖިނިއަރިންގ ދާއިރާއިން ސެޓްފިކެޓް ލެވެލްގެ 4ގެ ކޯހެއްގައި ބައިވެރިވުމަށް މާލެ އައިސްފައެވެ.
އައިޒަން ބުނީ މުސްތަގުބަލުގައި މިފަދަ ތަކެތި އަދިވެސް އީޖާދުކުރާނެ ކަމަށެވެ. މިހާރުވެސް ރާއްޖޭގެ ރޭސިން އެސޯސިއޭޝަނުން ވަނީ އޭނާއަށް ފުރުސަތު ދޭން ތައްޔާރަށެވެ. އޭނާގެ މި މަސައްކަތަކީ ހަމަ ޔަގީނުންވެސް ވަރަށް ގިނަ ޒުވާނުންނަށް ލިބުނު އުންމީދަކަށް ވެގެންދާނެއެވެ. އަދި މި ކުޑަ ކުޑަ ރާއްޖެއަށްވެސް ލިބިގެންދިޔަ އުންމީދެއް މެއެވެ.