މި ރާއްޖެއަކީ މުޅިންވެސް ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ގައުމެކެވެ. ރާއްޖޭގެ މި ސިނާއަތް ފެށުނީ ހަމަައެކަނި ސަރުކާރުގެ މިން ނެތް މަސައްކަތަކުން އެކަންޏެއް ނޫނެވެ. ބައެއް މީހުން ބުނާގޮތުންނަމަ ސަރުކާރުން މުއްސަނދިންނަށް ފަޅުރަށްތައް ވަރުވާއަށް ނުދިންނަމަ މިއަދު އެމީހުން އަތަކު ރިސޯޓެއް ނޯންނާނެއެވެ. އެކަމަކު ސަރުކާރުން ވަރުވާއަށް ފަޅުރަށްރަށް ދޫކުރަން ފެށީ 1980 ގެ ފަހުކޮޅުގައެވެ. ކުރީގައި ފަޅުރަށްތައް ވަރުވާ އުސޫލުން ގެންގުޅުނީ "ބޭފުޅު" މީހުން އެކަންޏެވެ. އޭގެ ކުރިން އދ. އާއި އަދި އެހެން ފަރާތްތަކުންވެސް ރާއްޖޭގައި ފަތުރުވެރިކަން ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރިއެވެ. އެހެން ނަމަވެސް އޭރު ވިޔަފާރި ކުރަން ޝައުގުވެރިކަން ހުންނެވި ޒުވާނުން ކަމުގައިވާ އެމްޔޫ މަނިކާއި ޗަމްޕާ އަފީފްމެން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ވުޖޫދުކުރުމަށް ކެނޑިނޭޅި މަސައްކަތްކޮށްފައެވެ. ވަރުވާ އުސޫލުން ފަޅުރަށްރަށް ގެންގުޅޭ ވެރިންނާ ވާހަކަދައްކައިގެން އެ ރަށްރަށުގައި ފަތުރުވެރިކަން ކުރުމުގެ ފުރުސަތު ދިނުމަށް އެ ޒުވާނުން އެތައް މަޝްވަރާއެއް ބޭއްވިއެވެ. އަމިއްލަ އަތުން ހަޓްތައް ޖެހިއެވެ. ކައްކަން ދަސްކޮށް އެކި ބަހުރުވަތައް ވެސް ދަސްކުރިއެވެ. ސިނާއަތުގެ މިންގަނޑުތައް ދިރާސާކުރި އެކަކުގެ ތެރޭގައި އޭރު 30 އަހަރުން ދަށުގެ އެމްޔޫ މަނިކު ހިމެނެއެެވެ.
"ކުޑަ ހުރާ" ފަދަ ރަށްތައް އެންމެ ފުރަތަަމަ ފަތުރުވެރިކަމަށް ހުޅުވުނުއިރު ޗަމްޕާ އަފީފް ފަދަ މީހުން ފަތުރުވެރިންނަށް ފެން ދިނުމަށް މިސްކިތް ވަޅުން ތާޒާ ފެން ހޯދުމަށް ބާލިދީތައް ހިފައިގެން ދުވިއެވެ. މިފަދަ ކިތަންމެ ކަންކަން މި ބާނީމެން ކުރުމުގެ ނަތީޖާއެއްގެ ގޮތުން އޭރު ރާއްޖޭގައި ފަތުރުވެރިކަމުގެ ކުރިބޯށި ފެޅިއެވެ. "އަހަރެމެންނަށް ވެސް ރަށެއް ލިބުނުނަމަ ފަތުރުވެރިކަން ކުރީސް" އަނގައިން ބުނެލަން މިހާރު ވަރަށް ފަސޭހަވާނެއެވެ. އެކަމަކު 1972 ވަނަ އަހަރުގައި ދުނިޔޭގައި ހުރި ޒުވާނެއް ނަމަ އަހަރެއްގެ މައްޗަށް 2 މިލިއަން ޑޮލަރު ލިބޭ، ދޯނިފަހަރުން ދަތުރުކޮށް އުޅޭ، އެއާޕޯޓާއި އިންފްރާސްޓްރަކްޗަރ ނެތި ތަރުކާރީއާއި މޭވާ ވެސް އިމްޕޯޓްނުކުރެވޭ ގައުމެއްގައި ފަތުރުވެރިކަން ކުރަން ކެރުނީސް ހެއްޔެވެ؟ ގިނަ ބަޔަކު އެ ހިޔާލަށް ހޭން ފަށާނެއެވެ. އޭރު އެމްޔޫ މަނިކްއެކޭ އެއްގޮތަށް ފަތުރުވެރިކަން ކުރަން މަދު ބަޔަކު މަސައްކަތް ފެށިޔަސް އެ ހިތްވަރު ކަށިން ނެރެވުނީ އޭގެއިން ވަރަށް މަދު މީހުންނަށެވެ.
ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މުޙައްމަދު ޢުމަރު މަނިކު އަވަހާރަވުމާ ގުޅިގެން، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ޚަބަރު އެއްސެވީ ވަރަށްފުން ހިތާމަޔާ އެކުގައި ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމަޔަށް ތަރައްޤީވެ ކުރިއަރައިގެންދިޔުމުގައި، މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރައްވާފައިވަނީ ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެއް ކަމަށެވެ. އެ މަނިކުފާނުގެ މެސެޖުގައި މަރްޙޫމް ޢުމަރު މަނިކުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި އެ މަރްޙޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވީ، އުމުރުފުޅުން 78 އަހަރުގައި މިއަދު ހެނދުނުގެ ވަގުތެއްގައި، ސިންގަޕޫރުގެ މައުންޓް އެލިޒަބަތް ހޮސްޕިޓަލްގައެވެ.
މަރްޙޫމް މުޙައްމަދު ޢުމަރު މަނިކަކީ، ރާއްޖޭގައި އެންމެ ފުރަތަމަ ފަތުރުވެރިކަމުގެ މަސައްކަތް ފެއްޓެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އަދި ރާއްޖޭގައި ފަތުރުވެރިކަން ފުރަތަމަ ފެށުނު ހިސާބުން ފެށިގެން ރާއްޖެއަށް ފައިދާހުރި އެކި ރޮނގު ރޮނގުން އެ މަސައްކަތް ތަރައްޤީ ކުރެއްވުމަށް ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 16 ފެބްރުވަރީ 1972 ގައި ރާއްޖެއަށް ފުރަތަމަ އައި ފަތުރުވެރިކަމުގެ ގްރޫޕެއް ރާއްޖޭގައި ތިބުމުގެ އިންތިޒާމްވެސް އެބޭފުޅާ ހަމަޖައްސަވައިފައިވެ އެވެ. ހަމަ އެއަހަރު އެބޭފުޅާ ވަނީ މިއުމަން ޓޫރިސްޓް ގެ ނަމުގައި ފަތުރުވެރިކަމަށް ހާއްސަ އެޖެންސީއެއް ހުޅުވާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޔުނިވަރސަލް އެންޓަރޕްރައިޒަސްގެ ޗެއަރމަން ކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއާއި ޔޫރަޕްގެ ޤައުމުތަކާ ގުޅުމުގެ މަސައްކަތް ފެށްޓެވުމުގެ ގޮތުން، ފުރަތަމަ ފަހަރަށް ޖަރުމަނުވިލާތުގެ ކޮންޑޯ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުގައި، މުޙައްމަދު ޢުމަރު މަނިކު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ހަމައެއާއެކު، ރާއްޖެއަކީ ފަތުރުވެރިންނަށް ޚާއްޞަ ޤައުމެއްގެ ގޮތުގައި އަދި ރާއްޖޭގެ ރިޒޯޓުތަކަކީ ވަރަށް ފެންވަރު ރަނގަޅު ރިޒޯޓުތަކަކަށް ހެއްދެވުމުގައި އެ މަނިކުފާނު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކާއި، މި މަސައްކަތުގައި އެ މަނިކުފާނުގެ ޙިއްޞާ ވަރަށްބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ.
އަލްމަރްޙޫމް މުޙައްމަދު ޢުމަރު މަނިކަކީ، 19 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އުމަރު މަނިކު ޚިދުމަތް ކުރައްވާފައިވަނީ އެގްރިކަލްޗަރގެ ދާއިރާގައެވެ. ދައުލަތުގެ ޚިދުމަތް ފެއްޓެވީ، 5 ޖޫން 1971 ގައެވެ. މިނިސްޓަރ އޮފް އެގްރިކަލްޗަރުގެ ނައިބު ކަމުގެ މަގާމުގައި ހުންނަވައިގެން، އެ މިނިސްޓްރީ ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތުވެސް އެމްޔޫ މަނިކު ވަނީ އަދާކުރައްވާފައެވެ. ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގަތީ، 31 ޑިސެންބަރު 1990 ގައެވެ. އޭގެ ފަހުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގައިވެސް ޚިދުމަތް ކުރެއްވިއެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ޗެއަރމަން ކަމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޗެއަރމަންކަންވެސް ކުރެއްވިއެވެ.
މަރްޙޫމް މުޙައްމަދު ޢުމަރު މަނިކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި މި ރޮނގުން ޝަރަފްވެރިކަމުގެ ޤައުމީ އިނާމު، 2002 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. އަދި މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައި ވެއެވެ. ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، އެ މަނިކުފާނަށް އެރުވީ، 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް ފާހަގަކުރުމުގެ ޙަފްލާގައި، މަރްޙޫމް މުޙައްމަދު ޢުމަރު މަނިކަށް ވަނީ ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްވެސް ލިބިވަޑައިގެންފައެވެ. މި އެވޯޑަކީ މުޙައްމަދު ޢުމަރު މަނިކަކީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވި އެއްބާނީ ކަމަށްވާތީއާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި އެރުވި ޝަރަފުވެރި އެވޯޑެކެވެ.