ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އިން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް، ރަސްމީ ދަތުރުފުޅެއްގައި، ރައީސް ޗައިނާއަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

އެމަނިކުފާނަށް އެއަރޕޯޓުން މަރުހަބާ ދެންނެވީ ޗައިނާގެ އެމަޖެންސީ މެނޭޖްމެންޓް މިނިސްޓްރު ވޯންގް ޒިއާންގެއެވެ. އަރިހުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސިޑާ ކޮންގް ޒިއަންހުއާ ވެސް މަރުހަބާ ދަންނަވާފައިވެއެވެ.

އެއާޕޯޓްގައި ރައީސް އަށް ވަނީ އޮނަރަރީ ގާޓެއް އަރުވާފައެވެ. އަދި ވަނީ ޗައިނާގެ ސަގާފީ ހަރަކާތެއް ވެސް ދައްކަވާލައްވާފައެވެ.

މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ބައްދަލުކުރައްވާނެއެވެ. އަދި އެހެނިހެން ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މީގެ އިތުރުން އެސްސީއޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.