ފަލަސްތީނާއި ދެކޮޅަށް އިސްރާއީލުން ދެމުން ގެންދާ ހަަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ވަގުތުން ވަގުތަށް އެ ހަަމަލާތައް ހުއްޓައިލުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯއޮޕަރޭޝަން، އޯއައިސީއިން ގޮވާލައިފިއެވެ.
އޯއައިސީއަކީ ރާއްޖެ ހިމެނޭގޮތަށް 57 ގައުމެއް އެކުލެވޭ ޖަމިއްޔާއެކެވެ. އޯއައިސީއިން އިސްރާއިލުން ހިންގަމުން ގެންދާ އަނިޔާވެރި ޖަރީމާތައް ހުއްޓާލުމަށް ގޮވާލައިފައިވަނީ އާދިއްތަ ދުވަހު ސައުދީ އަރަބިއާގައި ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިންނެވެ.
ސައުދީގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން ބިން އަބްދުﷲ އިސްވެ މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވާއިރު، މަޝްވަރާ ކުރެވިފައިވަނީ އިސްރާއިލުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ދެމުން ގެންދާ ހަމަލާ ތަކާއި، މަސްޖިދުލް އަގްޟާއަށް ދީފައިވާ ހަމަލާ ތަކުގެ އިތުރުން މި ހަމަލާތައް ދިގުދެމިގެން ދިއުމާއި ގުޅޭ ގޮތުން ކަމަށް ސައުދީގެ ރިޕޯޓުތަށް ބުނެއެވެ.
މި ހަމަލާ ތަކުގައި އެތައް ބަޔަކު އަމިއްލަ ގެދޮރު ދޫކޮށް ނިކުންނަން ޖެހިފައިވުމާއި، ކުޑަކުދިންނާއި އަންހެނުން އިސްރާއިލް ސިފައިން ދިން އަނިޔާވެރި ހަމަލާ ތަކުގައި ޝަހީދުވީ މީހުންގެ ތެރޭގައި ހިމެނޭތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް އޯއައިސީގެ ބައްދަލުވުމުގައި ވާހަކަ ދެކެވިފައިވެއެވެ.
އަސްކަރީ ހަރަކާތްތަައް ހުއްޓުމަަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ފަލަސްތީނުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ ޖަމާއަތްތަކަށް މި ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.
ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންގެ ފުރާނައާއި ގުދުސް ރައްކާތެރިކުރުމަކީ އެންމެންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ. އޭގެ އިތުރުން ފަލަސްތީނުގައި ހަމަލާބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް ބުނެފައިވެއެވެ.
