ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމްޕީއެލް އިން ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކާއި، މާލީ ޙާލަތުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތުދަށްވެފައިވާ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާ އަދި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސޯޝަލް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ސޮއިކުރި އެއްބަސްވުމެކެވެ.

މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކާއި، މާލީ ޙާލަތުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ދަށްވެފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ.

މި ފަހުމުނާމާއަކީ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުޖުތަމަޢުގެ އެންމެހައި ފަރުދުންނަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން، މުޖުތަމަޢުގެ އެކި ގިންތިތަކުގެ މީހުންނަށް ވަޒީފާގެ ދާއިރާގައި ކުރިއަށްދިއުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.