ޣައްޒާގައި ހުންނަ ކޮވިޑަށް ޓެސްޓުކުރާ ލެބޯޓަރީ އަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
އަލްޖަޒީރާގެ ނޫސްވެރިޔަކު ރިޕޯޓު ކޮށްފައިވާ ގޮތުން އެ ލެބޯޓަރީ އަކީ ޣައްޒާގައި ހުރި ހަމައެކަނި ކޮވިޑް-19 ޓެސްޓު ކުރެވޭ ތަނެވެ.
މި އިމާރާތައް ގެއްލުން ވެފައިވަނީ ހޯމަ ދުވަހު ޣައްޒާގެ ކްލިނިކްތަކާ ހޮސްޕިޓަލުތަކަށް އަމާޒުކޮށް އިސްރާއިލުން ދިން މިސައިލް ހަމަލާތަކެއްގައެވެ.
ޣައްޒާގައި ހުރި އަލް-ރިމާލް ކްލިނިކަށް އިސްރާއިލުގެ މިސައިލް ހަމަލާއިން ގެއްލުން ވެފައިވާއިރު، ހެލްތް މިނިސްޓްރީ އާއި ޣައްޒާގައި ހުރި ގަތަރުގެ ރެޑް ކްރެސެންޓް އޮފީހަށް ވެސް ވަނީ ހަމަލައިގައި ގެއްލުން ވެފަައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހެލްތް މިނިސްޓްރީގެ ތަރުޖަމާނު ބުނެފައިވަނީ މިނިސްޓްރީގައި ތިބި ގިނަބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. ބައެއް މީހުން ޒަހަމްތަކުގެ ސަބަބުން ހާލު ސީރިއަސް ވެފައިވާއިރު، ހަމާސްގައި ފަސްޓް އެއިޑް ދިނުމަށް މަސައްކަތް ކުރާ މީހުންނަށް ވެސް އަނިޔާ ވެފައިވާ ކަމަށް ބުނެފައިވެއެވެ.
ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް ވަރުގަދަ ވުމުގެ ކުރިން ދުވާލަކު އެވަރެޖް ކޮށް 1،600 މީހުން ކޮވިޑަށް ޓެސްޓު ކުރާ ކަމަށް ބުނެފައިވެއެވެ. ކޮވިޑަށް ފައްސިވާ މީހުންގެ ރޭޓަކީ 28 އިންސައްތަ ކަމާއި ހޮސްޕިޓަލުތަކުގައި ގިނަ ބަޔަކު އެނދުމަތިކޮށް ފަރުވާ ދޭން އުނދަގޫވާ ފަހަރު އަންނަ ކަމަށް އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ.
އިސްރާއީލްގެ ހަމަލާގެ ސަބަބުން ޣައްޒާގައި ކޮވިޑަށް ޓެސްޓް ނުކުރެވޭނެހާ ބޮޑަށް އެ ލެބޯޓަރީއަށް ގެއްލުން ވެފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ.
