މާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާތީ މާދަމާ ހެނދުނާއި މެންދުރުފަހުގެ ވަގުތުތަކުގައި މާލޭ ސިޓީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން މިކަން ހާމަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެކުންފުނިން މާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާތީ 16 ޖޫން 2025 ވާ ހޯމަ ދުވަހުގެ (މާދަމާ) ހެނދުނު 09:30 އާއި 11:30 އަށް މާލެ ސިޓީގެ ދަނބުރުއް މަގާއި، އަނޯނާ ގޯޅީގެ އިތުރުން ކުދިމާ ގޯޅި ހިމެނޭ ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށެވެ.

މީގެއިތުރުން، 16 ޖޫން 2025 ވާ ހޯމަ ދުވަހުގެ (މާދަމާ) މެންދުރުފަހު 14:00 އިން 16:00 އާއި ހަމައަށް މާލެ ސިޓީގެ ބޮޑު ރަސްގެފާނު މަގާއި އެމަގު ހަނިގޯޅި ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ވެސް އެކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެންދާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.