މިފަހުން ރާއްޖޭގައި ޕިކްނިކް ދަތުރުތަކުގައި އެންމެ ޓްރެންޑިން އެއް ކަމަކީ ކޮބާހެއްޔެވެ؟ އެއީ ބަތް ދޮލަނގުގެ ޓްރެންޑެވެ. ބަތް ދޮލަނގު ޓްރެންޑް އެންމެ ފުރަތަމަ ވުޖޫދުކުރީ ކާކު ކަމެއް ނޭނގުނަސް މިއީ ރަށްރަށުގައި ވެސް އަދި މާލޭގައި ވެސް އެހާ މަގްބޫލުވި ކަމެކެވެ. ބަތް ދޮލަނގަކީ ކޮބާހެއްޔެވެ؟ ބަތް ދޮލަނގު ޓްރެންޑަކީ ދިވެހި ސޯޝަލް މީޑިއާގައި ކުއްލިއަކަށް މަޝްހޫރުވެ، ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމެކެވެ.

 

ބަތް ދޮލަނގު ޓްރެންޑް ފެށުނު ގޮތް


މި ޓްރެންޑް ފެށިގެން އައީ ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީގެ ތެރެއިންނެވެ. އެއީ 2022 ގައެވެ. ނަމަވެސް މިއަހަރު ތެރޭގައި މި ޓްރެންޑް އިތުރަށް ވައިގައި ހިފަމުން އެބަދެއެވެ. 

ބަތް ދޮލަނގުގައި ހިމެނޭ ތަކެތި


ބަތް ދޮލަނގަކީ ބޮޑު ދޮލަނގެއްގެ ތެރޭގަައި ރީތި ގޮތަކަށް މަސްބަތް ކަހަލަ  ބަތްގަނޑަކާއި އެހެނިހެން ކާއެެއްޗެހި އެތުރުމުގެ ޓްރެންޑެކެވެ. މީގައި ހިމެނެނީ އާންމު ގޮތެއްގައި ދިވެހި ކެއުމެވެ. އެއީ އާދައިގެ ބަތް ނުވަތަ ޓޮމާޓޯ ބަތެވެ. އެ ބަތުގެ ވަށައިގެން ތެލުލި ފަތާއި ކޮޕީ ފަތާއި ޒުވާރިއާއި ރިހާކުރާ މިރުސް، ލޮނުމެދު، ލުނބޯ އަދި ފިޔަލާ މަސްދަޅު ފަދަ ތަކެތި އަތުރައިގެން މޮޑެ ހަދައެވެ. ބައެއް ފަހަރު ރިހާކުރު ދިޔަ ފަދަ ދިވެހިވަންތަ ކާނާވެސް ކުޑަ ބޯތަށްޓަކަށް އަޅާ، ދޮލަނގުގެ މެދަށް ލައެވެ.  އަދި ފޮހުނު ސޮސެޖާއި ތަރުކާރީވެސް އާންމުކޮށް ބަތް ދޮލަނގުން ފެނެއެވެ. މިއީ ޕިކްނިކްތަކަށް ނުވަތަ ގޮނޑުދޮށަށް ގޮސްގެން މިފަހުން ގިނަ އާއިލާތަކުގެ މެދުގައި މަގްބޫލުވި ކަމެކެވެ.

ފޮޓޯ: ޔާސީ އިންސްޓަގްރާމް

 

 މި ޓްރެންޑްގެ މައިގަނޑު ހާއްސިއްޔަތުކަމަކީ ބަތް ދޮލަނގުގެ ފޮޓޯ ނުވަތަ ވީޑިއޯ ޓިކްްޓޮކަށް އަޕްލޯޑްކުރުމުންނެވެ. ރީތި މާތަކުން ދޮލަނގުގެ އެއްކައިރި ޖަރީކޮށް، ވިީޑިއޯއަށް ދިވެހިވަންތަ ކުރީ ޒަމާނުގެ ދިވެހި ލަވައެއްގެ ބެކްގްރައުންޑް ލުމަކުން ނުފުދެއެވެ. އަންހެންވެރިން ތައްޔާރުކުރާ މި ބަތް ދޮލަނގުތައް މޫދަށް ދޫކޮށްލައިގެން ލަނޑު ލިބޭތަން ވެސް ފެނެއެވެ.

މިއީ ފެޝަނެއް ނަމަވެސް މި ޓްރެންޑް އެހެން ބާވަތުގެ ދޮލަނގުތަކަށްވެސް ބަދަލުކޮށްފައި އެބަހުއްޓެވެ. ދިވެހި ހެދިކާ ދޮލަނގާއި އަނބު މަޖާ ދޮލަނގާއި ބިސްކޯދާ ކޭކު ފަދަ ހަވީރު ސަޔަށް ފައްކާ ދޮލަނގުތައް ވެސް ފެންނަލެއް މަދެއް ނޫނެވެ. ނުވީތާކަށް މި ފެޝަން ޖޯކަކަށް ހެދުމުގެ ގޮތުން ވެއްޔާއި ފަތުގެ ދޮލަނގާއި، އިލެކްޓްރިކް ބައިތައް ދޮލަނގަށް ލައިގެން ވެސް ބައެއް މީހުން ސޯޝަލް މީޑިއާއަށް ލައިހަދައެވެ. މި ޓްރެންޑްގެ ސަބަބުން ބަތް ދޮލަނގަކީ ދިވެހި ސޯޝަލް މީޑިއާގައި މަޝްހޫރު ކާއެއްޗަކަށް ވެގެން ދިޔައެވެ. އަދި ގިނަ ޒުވާނުން މިކާއެތި ތައްޔާރުކޮށް ކެއުމަށް ޝައުޤުވެރިކަން ދައްކަން ފެށިއެވެ. މިހާރު ރެސްޓޯރެންޓް ކެފޭތަކުގެ މެނޫގައިވެސް ބަތް ދޮލަނގު ހިމަނާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. 

ފޮޓޯ: ތީރު---އާމިނަތު މާވީ ޙަސަން ވަހީދު

 

ކޮންމެއަކަސް، މިހާރު ސޯޝަލް މީޑިއާގައި ފެންނަނީ ބަތް ދޮލަނގުތަކެއް ނޫނެވެ. އެވޭލާ ދިވެހިންނަށް މިއަދު މި ފެންނަ ދޮލަނގުތަކުން އާޝޯހުކަމެއް އިހުސާސްކުރެވޭނެވަރު މިހާރުގެ ސޯޝަލް މީޑިއާއިން ފެނިގެންދާނެއެވެ. މިހާރު ބަތް ދޮލަނގު މި ވަނީ ފައިސާގެ ނޫޓްތަކުގެ ދޮލަނގާއި ސެންޓު ދޮލަނގަށް ވެސް އަޕްގްރޭޑްވެފައެވެ. އަދި ކިއެއްތޯއެވެ! މި ޓްރެންޑްގައި އެސްޓީއޯގެ މާކެޓިން ޓީމުން ވެސް ބައިވެރިވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އެސްޓީއޯއިން ސީދާ ތައްޔާރުކުރީ ސިމެންތިއާއި ބުރުމާއާއި އެހެނިހެން ކޮންސްޓްރަކްޝަން ސާމާންތައް އަޅާފައިވާ ދޮލަނގެކެވެ! ބަތް ދޮލަނގު ޓްރެންޑް މުޅިން އެފުށް މިފުށަށް ޖެހި ބައެއްގެ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ވައިރަލްވިއެވެ. އެއީ ދިވެހި ފިރިހެންވެރިންތަކެއް ތައްޔާރުކުރި 'ބަތް ބަރޯ'އެވެ. ވީޑިއޯގައި ފެނިގެންދަނީ ބަރޯއެއްގެ ތެރެއަށް ބޮޑު، ސާފު އަލަ ފަތެއް އަޅާ، އެ ފަތް، ޓޮމާޓޯ ބަތާއި ވަޅޯމަސް ރިހައާއި ވަޅޯ މަހާ ލެޓިއުސް އަދި ކެބެޖުން ފުރާލާތަނެވެ. ހުރިހާ ސާމާންތައް ރީތިކޮށް ފަތުރާ މަންޒަރެވެ. ނުވީތާކަށް ދެފަޅިކޮށްފައިވާ ތާޒާ ކަރައަކާއި ފަޅޮލެއްވެސް މި ބަރޯއިން ފެނިގެންދެއެވެ. މި ވީޑިއޯ ފެނުމާއެކު ވަރަށް ގިނަ ބަޔަކު ވަނީ ސަމާސާ ރާގަށް ކޮމެންޓްތައް ކޮށްފައެވެ. އެގޮތުން ދެން ބަތް ލޮރީއާއި ބަތް ގާޑިޔާއާއި ބަތް ފިކަޕްވެސް ފެނިގެންދާނެ ކަމަށް މި ވީޑިއޯއަށް ލިބުނު ކޮމެންޓްތަކުގައިވެ އެވެ.