ދިވެހިރާއްޖޭގެ ކަރަންޓުގެ ހިދުމަތް ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ސްޓެލްކޯއިން، ދަރިވަރުންނަށް ކަރަންޓު އުފެއްދުމުގެ މަރުހަލާތަކާއި ކުންފުނީގެ މަސައްކަތްތައް ކައިރިން ދަސްކޮށްދިނުމުގެ ގޮތުން ހާއްސަ ދެ ޒިޔާރަތެއް ވަނީ އިންތިޒާމުކޮށްފައެވެ. މިގޮތުން، ބުރޫޖް ޕްރީސުކޫލާއި ޣާޒީ ސުކޫލުގެ ދަރިވަރުންތަކެއް ވަނީ ސްޓެލްކޯގެ މާލެއާއި ހުޅުމާލޭގެ އިންޖީނުގޭއަށް ޒިޔާރަތްކޮށްފައެވެ.
ފާއިތުވި ދުވަސްތަކުގައި، ބުރޫޖް ޕްރީސުކޫލުގެ ދަރިވަރުންތަކެއް ވަނީ ސްޓެލްކޯގެ ހެޑް އޮފީހަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި، އެ ދަރިވަރުންނަށް ވަނީ މާލޭ އިންޖީނުގެ ދައްކާލައި، އިންޖީނުގޭގައި ކަރަންޓު އުފެއްދުމުގެ މަސައްކަތްތައް ކުރިއަށްދާގޮތާއި، ސްޓެލްކޯގެ ހިދުމަތްތަކާއި ބެހޭ މައުލޫމާތުތައް ފޯރުކޮށްދެވިފައެވެ. މި ފުރުސަތުގެ ބޭނުންކޮށްގެން ދަރިވަރުންނަށް ވަނީ ކަރަންޓު އުފެއްދުމުގެ މުހިންމުކަމާއި، އެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ވަރަށް ކައިރިން ދަސްކޮށްލުމުގެ ފުރުސަތު ލިބިފައެވެ.
ހަމައެފަދައިން، ޣާޒީ ސުކޫލުގެ ދަރިވަރުންތަކެއް ވެސް ވަނީ ސްޓެލްކޯގެ ހުޅުމާލޭ އިންޖީނުގޭއަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި ވެސް، ދަރިވަރުންނަށް ވަނީ ހުޅުމާލޭ އިންޖީނުގެ ތަފްސީލީކޮށް ދައްކާލައި، ކަރަންޓު އުފައްދާ ހިދުމަތް ދިނުމުގެ މަސައްކަތްތައް ކުރިއަށްދާގޮތާއި، ސްޓެލްކޯގެ މަސްއޫލިއްޔަތުތަކާއި ބެހޭ މުހިންމު މައުލޫމާތުތައް ދެވިފައެވެ. މިފަދަ ޒިޔާރަތްތަކަކީ ދަރިވަރުންގެ ތައުލީމީ ކުރިއެރުމަށް ބާރުއަޅާ، އަދި ކަރަންޓު އުފެއްދުމާއި ބެހޭގޮތުން ޢަމަލީ ގޮތުން ހޯދޭ ތަޖުރިބާއެކެވެ.