''ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، ޖިންނީންނާއި އިންސީންނަށް ތެދުމަގުދެއްކެވުމަށް މާތް اللَّه ފޮނުއްވެވި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުމަކީ، ޤުރުއާނާއި ސުންނަތުން ސާބިތުވާ ކަމަށެވެ.
ޚުތުބާގައި ވަނީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ރަސޫލުކަމާއިގެން ފޮނުއްވެވުމުގެ ކުރިން ދުނިޔެ އޮތް ޖާހިލުކަން ސިފަކޮށް، އެވާހަކަތައް ބަޔާންކޮށްދީފައެވެ.
ބާރު އޮތީ ތަނަވަސްކަމާއި ނުފޫޒުގަދަ މީހުންގެ އަތުގައި ކަމާއި، މީސްތަކުން ތިބީ، އެކި ފަންތިތަކަކަށް ބަހައިފައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ރިބާކެއުމާއި، ބުދަށް އަޅުކަންކުރުމާއި، ޣައިބު ދަންނަކަމަށް ދައުވާކުރުން އޮތީ އިންތިހާއަށް އޮތްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ އެ ޒަމާނުގައި ޖިންނި ޝައިތާނުންގެ އެހީގައި ކަހީނުކަންކޮށް، ފާލުބަލައި ރަމަލުޖަހާ މީހުން އުޅުނު ކަމަށާއި، އެ ބައިމީހުން މީސްތަކުންގެ ނަސީބު ހުރި ނެތް ގޮތް ކިޔައިދީ، މީސްތަކުންގެ ތަނަވަސްކަމަށް އަރައިގަންނަ ކަމަށެވެ. އަދި އޭރުގެ މުޖުތަމައުގައި އަންހެނުންނަށް އެއްވެސް މަގާމެއް އަގެއް ނެތް ކަމަށް ބުނެފައިވެއެވެ.
މީސްތަކުން މިފަދަ ހާލެއްގައި ވަނިކޮށް، މާތް اللَّه މީސްތަކުންގެ މައްޗަށް ދަރުމަވެރިވެވޮޑިގެން ތެދުމަގާއިގެން ފޮނުއްވި ބޭކަލަކީ، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ކަމާއި، އެކަލޭގެފާނު ގެނެސްދެއްވި ދީނުގައި އިންސާފު އޮތްކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ދީނުގެ ސަބަބުން ބައިބައިވެފައި އޮތް މުޖުތަމައު އެކުވެރިވެ، ނަރަކައިން މިންޖުވެ، ސުވަރުގެ ވަދެވޭނެ މަގު ފަހިވި ކަމަށެވެ.
މިސަބަބުތަކާ ގުޅިގެން ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވާންޖެހޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނު ގެނެސްދެއްވި ރިސާލަތަށް ތަބަޢަވުން ހިމެނޭ ކަމަށެވެ.
ޚުތުބާގައި ބުނީ، މިއަދު އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނުގެ ޝަޚުސިއްޔަތާއި، ސުންނަތް ދިފާއުކުރުމާއި، ސުންނަތުގެ މައްޗަށް ބަސްނުކިޔުމާއި، އެކަލޭގެފާނުގެ އަޞްހާބުބޭކަލުންނާއި، އަނބިއަނބިކަނބަލުން ދިފާއުކުރުން ހިމެނޭ ކަމަށެވެ.
ޚުތުބާގައި ބުނީ އިސްލާމް ދީން ފުރިހަމަވަނީ އެ މާތް ނަބިއްޔާގެ ސުންނަތާ ލައިގެން ކަމަށެވެ.
އެހެންކަމުން ކީރިތި ޤުރްއާނުގައި މާތް اللَّهގެ ފޮތާއި، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބުމަށް އުމުރުކުރައްވާފައިވެއެވެ.