އޮންލައިން މަކަރާއި ހީލަތްތެރިޔެއްގެ ދަލުގައި ޖެހި، ޖަޕާނުގެ ހޮކައިޑޯއަށް ނިސްބަތްވާ އުމުރުން 80 އަހަރުގެ އަންހެނަކަށް 6 ލައްކަ ރުފިޔާ (5,000 ޕައުންޑް) ގެއްލިއްޖެއެވެ. މި އަންހެންމީހާ ފައިސާ ދީފައިވަނީ، އޭނާއަށް އޮންލައިންކޮށް ދިމާވި މީހަކީ އެސްޓްރޯނޯޓެއް ކަމަށް ހީކޮށް، އުޅަނދަކަށް ދިމާވެފައިވާ ކާރިސާއަކުން ސަލާމަތްވުމަށް އެހީތެރިކަން ބޭނުންވާކަމަށް ބުނުމުންނެވެ.
ޖަޕާނުގެ އުތުރުކޮޅުގައި އޮންނަ ހޮކައިޑޯގެ މި މީހާއަށް، މަކަރާއި ހީލަތުން ލަނޑު ދިމާވެފައިވަނީ މިދިޔަ ޖުލައި މަހު ސޯޝަލް މީޑިއާއިންނެވެ. އޭނާ ވަނީ އޭނާއަކީ ޖައްވީ އުޅަނދެއްގެ ފަޅުވެރިއެއް ކަމަށް ބުނެފައެވެ. ސީބީއެސް ނިއުސް ރިޕޯޓެއްގައިވާ ގޮތުން، އެކި ފަަހރު މަތިން އޮންލައިންކޮށް ޗެޓްކޮށް، އެސްޓްރޯނޯޓަކަށް ހެދިގެން އެމީހާ ވަނީ އަންހެންމީހާ ގާތު މިހާރު އޭނާ ހުރީ "ޖައްވުގައި، ސްޕޭސްޝިޕްއެއްގައި" ކަމަށާއި، ނަމަވެސް "ހަމަލާތަކެއް ދިމާވެ، އޮކްސިޖަން ބޭނުންވެފައިވާ" ކަމަށް ބުނެފައެވެ. އަދި އޮކްސިޖަން ގަތުމަށް އެހީތެރިވުމަށްޓަކައި ފައިސާ ފޮނުވުމަށް އެ މީހާ އާދޭސްކޮށްފައިވެއެވެ.
އެކަނި ދިރިއުޅޭ މި އަންހެނާއަށް، އޮންލައިންކޮށް ޗެޓް ކުރުމުގެ ތެރެއިން އެ މީހާދެކެ ލޯބިވެ، ފައިސާ ފޮނުވައިފިއެވެ. ނަމަވެސް، އެ މީހާ ފައިސާ ލިބުމުން ވަނީ އެ އަންއެންމީހާއާ ހުރިހާ ގުޅުމެއް ކަނޑާލައިފައެވެ.
މިފަދަ ހާދިސާތައް އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ ސަރަހައްދުގެ ފުލުހުންގެ އޮފިސަރަކު ވަނީ އާންމުންނަށް އިންޒާރު ދެއްވާފައެވެ. އެ އިންޒާރުގައި "ސޯޝަލް މީޑިއާއިން ދިމާވާ މީހަކު ފައިސާ ބޭނުންވާކަމަށް ބުނެފިނަމަ، އެއީ މަކަރެއްކަމަށް ޝައްކުކޮށް، ފުލުހުންނަށް ރިޕޯޓްކުރެއްވުން އެދެން،" މިގޮތަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގައި އުމުރުން ދޮށީ އާބާދީއެއް އެންމެ ގިނަ ދެވަނަ ގައުމަކީ ޖަޕާނު ކަމަށް ވުމުން، މިފަދަ މަކަރާއި ހީލަތްތައް އެ ގައުމުގައި އިތުރުވަމުންދެއެވެ. ޖަޕާނުގެ ނޭޝަނަލް ޕޮލިސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ ފުރަތަމަ 11 މަސް ދުވަހުގެ ތެރޭގައި 3,326 ލޯބީގެ ނަމުގައި ހިންގާ މަކަރާއި ހީލަތުގެ މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. މި އަދަދު 2023 ވަނަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓްކޮށްފައިވާ އަދަދަށްވުރެ ދެގުނަ އިތުރެވެ.
މިފަދަ ލޯބީގެ މަކަރާއި ހީލަތްތައް އުމުރުން ދޮށީ އަންހެނުންނަށް އަމާޒުކޮށް ހިންގާފައިވަނީ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މި އަހަރުގެ ފެބްރުއަރީ މަހު ވަނީ އޮސްޓްރޭލިއާގެ އަންހެނަކު އޮންލައިންކޮށް ލޯބިވެރިއެއް ހޯދަމުން ދަނިކޮށް، ސްކޭމްގައިޖެހި 7 ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލި، ގެއެއް ނެތި އުޅެން ޖެހިފައިވާކަން ހާމަވެފައެވެ. ޑޭޓިންގ އެޕްއަކުން ދިމާވި މީހަކު އޭނާ ގާތު ބުނީ މެލޭޝިއާގެ ކުއާލަލަންޕޫރުގައި އޭނާގެ ވޮލެޓް ވަގަށް ނަގާފައިވާ ކަމަށާއި، އެހެންކަމުން 2,75,000 ރުފިޔާ ($5,000) ބޭނުންވާ ކަމަށެވެ. ފައިސާއަށް އެދޭ ކޯލްތައް ތަކުރާރުވަމުން ދިޔައިރު، އޭނާއަށް ސްކޭމެއްކަން ޝައްކު ކުރެވުނުއިރު، އޭނާގެ އަމިއްލަ ސުޕަރ ފަންޑް ހުސްކޮށް، 3 ލައްކަ ގެއްލިފައިވެއެވެ. އަދި އަނެއްކާވެސް އެހެން މަކަރާއި ހީލަތްތެރިއަކު ބިޓްކޮއިން އޭޓީއެމްއަކަށް ފައިސާ ޖަމާކުރުމަށް ބުނުމުން، 2 ލައްކަ ރުފިޔާ ގެއްލިފައިވެއެވެ.