ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ ތިން ސިޓީއަކަށް ޑިސްކައުންޓް ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުް ކުންފުނިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ޗައިނާއަށް މިވަގުތު އެ އެއާލައިނުން ދަތުރުކުރާ ތިން ސިޓީ ކަމަށްވާ ޗެންގްޑޫ، ޝަންހާއީ އަދި ބެއިޖިން އަށް ދަތުރުކުރަން ނަގާ ޓިކެޓަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 28 އިން ފެށިގެން ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ރިޓާން ޓިކެޓްގެ އަގަކީ 499 ޑޮލަރެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މި އެ ކުންފުނިން މިގޮތަށް ނިންމީ ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ އާއިލާތަކަށާއި ވިޔަފާރީގެ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަ ދިނުމުގެ ގޮތުން ކަމަށެވެ.

މި ޕްރޮމޯޝަން އަމާޒުކޮށްފައިވަނީ ޗައިނާއަށް އައުމުން 30 ދުވަހުގެ އޮން އެރީވަލް ވިސާ ލިބޭ ދިވެހިންނަށެވެ.