މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އަހަރަކަށް ބޭނުންވާ ބޭރު ފައިސާގެ ބޭނުންތައް ފުއްދުމަށް، އެކުންފުންޏަށް ލިބޭ އެމެރިކާ ޑޮލަރުގެ އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އިމްޕޯޓް ކުރާ މުދަލާއި ޑީސަލް އަށް ފައިސާ ދެއްކުމަށް ކޮންމެ އަހަރަކު ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު އެކުންފުންޏަށް ބޭނުންވާއިރު، ޑޮލަރުގެ އާމްދަނީ ލިމިޓް ވުމުން ފާއިތުވި އަހަރުތަކުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖްމަންޓުން ބުނާ ގޮތުގައި އެކުންފުނިން ދެމެހެއްޓެނިވި ޑޮލަރުގެ އާމްދަނީއެއް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، މި އަހަރުގެ ތެރޭގައި ނަތީޖާތައް ހާސިލްވާނެ ކަމަށް ބެލެވެ އެވެ. މިކަން ހާސިލް ކުރުމަށްޓަކައި އެކުންފުނިން އަންނަނީ މައިގަނޑު ދެ ދާއިރާއަކަށް ހާއްސަކޮށް އަމާޒު ކުރަމުންނެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ މިހާރު ވެސް ޑޮލަރުން އާމްދަނީ ލިބޭ ޓޫރިސްޓް ފެސިލިޓީތަކާއެކު އެއް ކަރަންސީއިން ފައިސާ ދެއްކޭނެ އިންތިޒާމުތަކެއް ހޯދަމުންދާ ކަމަށެވެ. މިހާރު ދިރާސާ ކުރަމުންދާ މި އިސްނެގުމަކީ ނިސްބަތުން ކުޑަ މިންވަރެއް ނަމަވެސް، މިކަމުން އެކުންފުންޏަށް ބޭނުންވާ ލުއިތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
މީގެ އިތުރުން އެމްޑަބްލިއުއެސްސީން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައި ހިންގާ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެފައިވެ އެވެ. އެމްޓީޑީސީން ތަރައްގީ ކުރަމުން އަންނަ ނާގޯށި ރިސޯޓުގައި މިހާރު ވެސް އެކުންފުނިން މަސައްކަތް ފަށާފައިވެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ޕްލޭންކޮށް، ޑިޒައިންކުރުމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނާތީ، މިފަދަ މަޝްރޫއުތައް ނެގުމުގެ ތަޖުރިބާ އެމްޑަބްލިއުއެސްސީއަށް އެބައޮތްކަން ފާހަގަކުރި އެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ކުންފުނީގެ މަސައްކަތް ފުޅާކުރުމުގެ ސަބަބުން ޑޮލަރުގެ އާމްދަނީގެ ގޮންޖެހުންތަކަށް ދެމިއޮންނަ ހައްލެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ގަބޫލުކުރެ އެވެ.