ސްމާޓް ފޯން، އައިޕެޑް ނުވަތަ ޓެބްލެޓް ފަދަ ތަކެތި މިއަދު ވެފައިވަނީ ތުއްތު ކުދިންގެވެސް އެންމެ ގާތް އެކުވެރިންނަށެވެ. ދުވާލުގެ ވަރަށް ގިނަ ވަގުތު އެކުދިން ހޭދަކުރަނީ މިފަދަ އާލާތްތަކާއި އެކުގައެވެ. އެހެންގޮތަކަށް ބުނާނަމަ ކުދިންގެ ސްކްރީން ޓައިމް ކަންބޮޑުވާންޖެހޭ ވަރަށް މިހާރު މިވަނީ އިތުރުވެފައެވެ. 

ސްކްރީންޓައިމް ގިނަވުމަކީ ކުދިންނަށް ރަނގަޅު ގޮތެއް ނޫނެވެ. ވަކިން ހާއްސަކޮށް އެންމެ ތުއްތުއިރު ކުދިންނަށް އެއްގޮތަކަށްވެސް ސްކްރީން ޓައިމް ނުދިނުން ނުވަތަ ވަރަށް ބޮޑަށް ސްކްރީން ޓައިމް މަދުކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. ކުއްޖާގެ ހެދިބޮޑުވުމުގެ މަރުހަލާގެ ވަރަށް މުހިންމު ކަންކަން ހާސިލްކުރާ އެއް އުމުރުފުރައަކީ ކުއްޖާ އުފަންވުމާއި ހަމައިން ފެށިގެން ފަސް އަހަރާ ދެމެދެވެ. ކުއްޖާގެ ސިކުނޑި ތަރައްގީވުމުގެ މަރުހަލާގެ ބޮޑު ބައެއް ހިނގަނީ މި އުމުރުފުރާގެ ތެރޭގައެވެ. އެގޮތުން، ވާހަކަދެއްކުމާއި، ހިނގުން ފަދަ މުހިންމު ކަންކަން މިއުމުރުފުރާގެ ތެރޭގައި ކުދިން ދަސްކޮށް އެކަންކަން ކުރަން ފަށައެވެ. ޖަމާ ޕީޑިއެޓްރިކްސްގައި ޝާއިއުކޮށްފައިވާ ޖާނަލްއެއްގައި ވަނީ 7097 ކުދިން ބައިވެރިކުރުވާފައިވާ ދިރާސާއެއްގެ އަލީގައި މި ނަތީޖާ ސާބިތުކޮށްދީފައެވެ. މި ދިރާސާގައި ބައިވެރިކުރުވާފައިވަނީ 1 އަހަރު ފުރިފައިވާ ކުދިންނެވެ. މި ހުރިހާ ކުދިންނަށް 4 އަހަރު ފުރެންދެން ދިރާސާ ކުރިއަށް ގެންގޮސްފައިވެ އެވެ. ދިރާސާގައި ކުދިންގެ މަންމަމެންގެ ރިޕޯޓް ހިމަނާފައިވެ އެވެ. 

މިކަންކަމަކީ ހަމަ ހުރެފަ އޮޓޯއިން ދަސްވާ ކަންކަމެއް ނޫނެވެ. އެއީ ކުދިން ވަށައިގެން އުޅޭ މީހުންގެ އެހީތެރިކަމާއެކު ނުވަތަ އެމީހުންނާ ކުދިންނާ އޮންނަ ގުޅުމެއްގެ ތެރެއިން ކުދިންނަށް ހާސިލްވާ ކަންކަމެވެ. އެކަމަކު ކުދިންގެ ސްކްރީން ޓައިމް ގިނަވާނަމަ ވަށައިގެން އުޅޭ މީހުންނަށް ކުދިން ދޭ ސަމާލުކަން ކުޑަވެ، އެހެން މީހުންނާއި މުޢާމަލާތްކުރުމުގައި ކުދިން ހޭދަކުރާ ވަގުތު މަދުވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އެ އުމުރުގައި ކުދިންނަށް ދަސްވާންޖެހޭ ވަރަށް މުހިންމު ހުނަރުތައް ދަސްވުމަށް ހުރަސް އެޅެއެވެ.

މިފަހަކަށް އައިސް އެންމެ ގިނައިން ބެލެނިވެރިންގެ ފަރާތުން އިވޭ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުދިންގެ ވާހަކަދެއްކުން ލަސްވުމެވެ. އެހެންކުދިން ނުވަތަ މީހުންނާ ވާހަކަދައްކަން ކުދިން ބޭނުން ނުވުމެވެ. އެހެން ކުދިންނާ އެއްކޮށް އުޅެން ކުދިންނަށް ނޭނގުމެވެ. ހަގީގަތުގައި އެކަން އެހެންވުމުގައި އެކުދިންގެ މައްސަލައެއް ނެތެވެ.

މިހާރު ގިނަ މައިންބަފައިން ވަރަށް ތުއްތު އިރުއްސުރެ ކުދިންނަށް ކާންދެނީ އެކުދިން ގަޔާވާ ކަހަލަ ކޮންމެވެސް އެއްޗެއް ސްކްރީނުން ދައްކައިގެންނެވެ. 6 މަހުގެ ތުއްތު ކުއްޖާ ނިންދެވެނީ ވެސް ޓެބެއްގެ އެހީގައެެވެ.  ކާންދޭން އިންނަ މަންމަ ނުވަތަ ބައްޕައާ މާގިނަ ވާހަކައެއް ނުވަތަ ބައެއް ފަހަރު އެއްވެސް ވާހަކައެއް ކުއްޖާއާ ނުދައްކައެވެ. ކުދިން އިސާހިތަކު ކައި ނިންމާލަނީ ސްކްރީނަށް ގެއްލި ތިބެއެވެ. މިގޮތަށް ކަން ދިމާވުމުގެ ނަތީޖާއަކަށް ވަނީ ކުދިންނާއި، މައިންބަފައިން ނުވަތަ ބެލެނިވެރިންނާ ވާހަކަދެކެވޭ މިންވަރު މަދުވުމެވެ.

ކުދިންނަށް ވާހަކަ ދައްކަން ދަސްވާނީ އެކުދިންނާ ވީހާވެސް ގިނައިން ވާހަކަ ދައްކައިގެންނެވެ. އެކުދިންނަށް ވާހަކަދައްކާނެ ފުރުސަތު ފަހިކޮށްދީގެންނެވެ. ނުވަތަ އެކަހަލަ މާހައުލެއް އުފައްދައިގެންނެވެ. ސްކްރީންޓައިމް ގިނަވުމުގެ ސަބަބުން މި މުހިންމު ފުރުސަތު ކުދިންނަށް ގެއްލެއެވެ.

ކުދިންގެ ވާހަކަދެއްކުން ލަސްވުން ނުވަތަ ބުނަން ބޭނުންވާ އެއްޗެއް ބުނަން ނޭނގުމަކީ އެކުދިންގެ އިޖުތިމާޢީ އެހެން ހުނަރުތައް ތަރައްގީ ކުރުމަށްވެސް ހުރަސްއެޅޭ ކަމެކެވެ. މިގޮތުން ވާހަކަދެއްކުމުގައި ބުނަން ބޭނުންވާ އެއްޗެއް ބުނަން ނޭނގުމަކީ އެކުދިންގެ އިޖުތިމާޢީ އެހެން ހުނަރުތައް ތަރައްގީ ކުރުމަށްވެސް ހުރަސް އެޅޭ ކަމެކެވެ. މިގޮތުން ވާހަކަދެއްކުމުގައި ގެއިން ބޭރަށް ނުކުންނަން ބޭނުން ނުވުމާއި، އަވަހަށް ރުޅިއައުންފަދަ ކަންކަން ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިއީ އަދި ސްކްރީން ޓައިމް ގިނަވުމުގެ ސަބަބުން ކުދިންނަށް ކުރިމަތިވާ ގެއްލުންތަކުގެ ތެރެއިން ވަރަށް ކުޑަ މިންވަރެކެވެ.

އެހެންކަމުން، ކުޑަކުދިންގެ ހެދިބޮޑުވުމަށް އެންމެ ރަނގަޅު ގޮތަކީ ސްކްރީން ޓައިމް މަދުކޮށް، އެހެން މީހުންނާއި އެކު އެކުދިން ކުރާ މުޢާމަލާތްތައް އިތުރުކުރުމެވެ. އެގޮތުން އެކުދިންނާއެކު ވާހަކަދައްކައި، ކުޅެހަދާ، ފޮތް ކިޔައިދީ، އަދި އެކުދިންނާއެކު ގިނަ ވަގުތު ހޭދަކުރުމަކީ ކުދިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ވެސް ވަރަށް މުހިންމު ކަމެކެވެ.

ކުދިންގެ ހެދިބޮޑުވުމުގެ މުހިންމު މަރުޙަލާތަކުގައި، އެކުދިންނަށް ބޭނުންވާ އަޅާލުމާއި އެކުދިންނާއި އެކު ގިނަ ވަގުތު ހޭދަކުރުމަކީ މައިންބަފައިންގެ އެންމެ އިސް އެއް ޒިންމާއެވެ. މިކަމަށް އަހައްމިއްޔަތުކަން ދިނުމަކީ ދުޅަހެޔޮ، ހުނަރުވެރި އަދި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.