މާދަމާރޭ ހިފާ ހަނދުކޭތައާއި ގުޅިގެން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމަވައި، ކައުންސިލްތަކަށް އަންގަވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރެފައިވާ ސަރކިއުލާރއެއްގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މި އާދިއްތަ ދުވަހުގެ ރޭ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 20:28 ގައި ކަމަށެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެރޭ މެންދަމު އަލިވެ 23:11 ގައި ކަމަށް ވާއިރު، ހަނދުކޭތަ ވީއްލާނީ ރާއްޖެގަޑިން މެންދަމު އަލިވެ 01:55 ހާއިރު ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މިކަމާއި ގުޅިގެން، ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އެރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމު، މާދަމާރޭ 23:12 ގައި ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ ކައުންސިލްތަކަށް އަންގަވާފައެވެ.

މާލޭގައި ކޭތަނަމާދުކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައެވެ. ހުޅުމާލޭގައި ނަމަ މަސްޖިދުއް ޝައިޚް ޤާސިމް ބިން އަލްޘާނީ މިސްކިތް ނުވަތަ ގުއްބު މިސްކިތުގައި ކަމަށް އެވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މި އާދިއްތަ ދުވަހުގެ ރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ފުރިހަމައަށް ފެންނާނެ ކަމަށް ވެއެވެ. ދެން ރާއްޖެއަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނީ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައެވެ. މިއީ އިސްލާމް ދީނުގައި ބޮޑުވެގެންވާ ކުޅަދުންވަންތަކަމެއްގެ ގޮތުގައި ފާޅުވާ ނިޝާނެއްކަމުން، އެކަމަށް އިޢުތިރާފްވެ ﷲ ތަޢާލާގެ ހަޒުރަތުން ފާފަފުއްސެވުމަށް އެދި ދުޢާކުރުމަށް ވުޒާރާއިން ވަނީ ހަނދާންކޮށްދެއްވާފައެވެ.