އާސަންދައިގެ ދަށުން ބޭސްފަރުވާއަށް އިތުރު ބަޔަކު އިންޑިއާއަށް ފުރައިފިއެވެ.

އާސަންދަ ކުންފުނިން ބުނީ މިއަދު ފުރި 5 ވަނަ ބެޗުގައި 18 ބަލިމީހުންނާއި 18 އެހީތެރިންނާއި 4 މެޑިކަލް އެސްކޯޓުން ގެންގޮސްފައިވާ ކަމަށެވެ. އަދި މި މީހުން ފުރާފައިވަނީ މިއަދު ހަވީރު 4:15 ގައި ކަމަށެވެ.

މި ބެޗްގެ ބަލި މީހުންގެ ފަރުވާ ހަމަޖެހިފައިވަނީ އަމްރީތާ ހޮސްޕިޓަލުން ކަމަށާއި އިންޑިއާ އަށް މިއަދު ދިޔަ ބަލި މީހުންނާއި އެހީތެރިކަން އެގައުމުން ކޮވިޑަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އާސަންދަ ކުންފުނިން ބުނެއެވެ. އަދި އެގައުމުގައި 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރާނެ ކަމަށާއި ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަހަށްފަހު ހަދާ ޓެސްޓުގެ ނަތީޖާ ބައްޔަށް ނެގެޓިވް ވުމުން ކަމަށްވެސް ބުންޏެވެ.

އާސަންދައިގެ ޚަރަދުގައި ބޭސްފަރުވާއަށް މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން އިންޑިއާ އަށް ފޮނުވާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. 

އާސަންދަ އިން ވަނީ މި ދަތުރުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީއާއި އިންޑިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.