ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިޙްސާސް ކުރެވޭ ހޫނުމިން 38 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އަރާފައިވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީހުން) މިއަދު ހާމަކުރައްވައިފިއެވެ. މި ހޫނު މިނަކީ މި ދުވަސްވަރު ރާއްޖެއިން ފެންނަ އާދަޔާ ޚިލާފު މަތީ މިންވަރެކެވެ. މެޓް އޮފީހުން ވިދާޅުވާ ގޮތުގައި، ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި، މިއަދު ހުޅުލޭގެ ހޫނުމިން 32.0 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ 35.7 ޑިގްރީ ސެލްސިއަސްގައެވެ. ހދ. ހަނިމާދޫގެ ހޫނުމިން 30.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 33.1 ޑިގްރީ ސެލްސިއަސްގައެވެ. އެންމެ ބޮޑަށް ހޫނު އިޙްސާސްކުރެވުނު ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ލ. ކައްދޫއެވެ. ކައްދޫގެ ހޫނުމިން 32.2 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 38.7 ޑިގްރީ ސެލްސިއަސްގައެވެ.
މީގެ އިތުރުން ގދ. ކާޑެއްދޫގެ ހޫނުމިން 31.0 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 35.1 ޑިގްރީ ސެލްސިއަސްގައެވެ. އަދި އައްޑޫސިޓީ ގަމުގައި ހޫނުމިން 30.9 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 33.4 ޑިގްރީ ސެލްސިއަސްގައިކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި މަހަށް ރާއްޖެއަށް ވާރޭ ވެހޭނެ ވަރާއި ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވޭ ވަރު އާންމުކޮށްފައިވާއިރު، ވޭތުވެދިޔަ އަހަރުތަކުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު، މި ހިނގާ ސެޕްޓެމްބަރުމަހު ރާއްޖެއަށް ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ފިނިހޫނުމިން އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް އާންމުކޮށް ހުންނަ ވަރަށް ހުރި ނަމަވެސް، ދެކުނު ހިސާބުތަކަށް އާދަޔާ ހިލާފަށް މަތި ވާނެ ކަމަށްވެސް ލަފާކުރައްވައެވެ.
ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ޞިއްޙީ މައްސަލަތައް:
މޫސުމާބެހޭ އިދާރާއިން އިންޒާރު ދެއްވާ ގޮތުގައި، މިފަދަ ހޫނު މިންވަރެއްގައި ހޫނުން ރައްކާތެރިނުވެ ދިގު ވަގުތު އުޅެފިނަމަ، ވަރުދެރަވުން، އަކުނިވަޔަށްދެމުން، ބޮލުގައި ރިއްސައި ބޯއެނބުރުން، ހަށިގަނޑުގައި ފެންމަދުވުން، ލޮލަށް ލިބޭ ގެއްލުން، އަދި ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ، ފޮޅުނެގުން އަދި ކުދި ރަތް ބިހި ނެގުންފަދަ ޞިއްޙީ މައްސަލަތައް ދިމާވެދާނެއެވެ.
ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
މިފަދަ މޫސުމެއްގައި ހޫނުން ރައްކާތެރިވުމަށްޓަކައި، ބޭރަށްދާއިރު ކުޑަ ބޭނުންކުރުމަށް، ކުލަމަޑު އަދި ހަށިގަނޑު ނިވާވާފަދަ ދޫހެދުން ލުމަށް، ބޯ ނިވާވާނެފަދަ ފުޅާ ތޮތްޕެއް ބޭނުންކުރުމަށް، އަވީގައި އުޅޭއިރު ސަންލޯޝަން ބޭނުންކުރުމަށް، އަދި ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށް ކަރުނުހިއްކި ނަމަވެސް ގިނައިން ފެން ބުއިމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވައެވެ.
މީގެ އިތުރުން، އަވިއައިނު އެޅުމަށާއި، ހަށިގަނޑުން ފެން ބޭރުވިޔަ ނުދިނުމަށް ހަކުރު އެކުލެވޭ ބުއިންތައް މަދުކުރުމަށްވެސް އިރުޝާދު ދެއްވައެވެ.
ޚާއްޞަކޮށް، ހޫނު ގަދަ ވަގުތުތަކުގައި ކުޑަކުދިން ބޭރަށް ނުގެންދިއުމަށް ސަމާލުކަން ދިނުމަށާއި، ކޮންމެހެން ބޭރަށް ދާންޖެހިއްޖެ ޙާލަތެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ހޫނުގަދަ ވަގުތުގައި ބޭރުގަ އުޅޭވަގުތު މަދުކުރުމަށް މެޓް އޮފީހުން ނަސޭހަތްތެރިވެއެވެ. ތުއްތު ކުދިންނަށް ގިނައިން ދިޔާތަކެއްޗާއި ފެން ދިނުމަށް ސަމާލުވުމަކީވެސް މުހިންމު ކަމެކެވެ.