ޗައިނާގެ ކުއިން ފެންގް ނަމަކަށް ކިޔާ މީހެއްގެ ގޭގައި ގެންގުޅޭ ރިންގ ނެކެއް ކަމަށްވާ 'ޝިއާއޯގުއި' އަށް ވަނީ ކުލަތައް ދެނެގަތުމުގައި ދުނިޔޭގެ ރެކޯޑެއް މިފަހުން ލިބިފައެވެ. މިއީ ގިނެސް ވޯލްޑް ރެކޯޑްސްއިން އެ ގުރައަށް ދީފައިވާ ޝަރަފެކެވެ.

މި ރެކޯޑު ގާއިމުކުރުމަށް ޝިއާއޯގުއި ކުރަންޖެހުނީ 10 ކުލައިގެ ތަފާތު ތަކެތި، އެ ކުލައާ ގުޅޭ ފޮށްޓަށް އެޅުމެވެ. އެ ގޮތުން 33.5 ސިކުންތުގެ ތެރޭގައި އެ ގުރާ ވަނީ 10 ކުލަ ދެނެގަނެ، އެ ކުލަތަކުގެ ތަކެތި އެކަށީގެންވާ ފޮށިތަކަށް އަޅާފައެވެ. މި މަސައްކަތުގެ ތެރޭގައި އެއް ފަހަރު ކުޑަ ގޯހެއް ހެދުނު ނަމަވެސް، އެ ގޯސް ވަގުތުން ރަނގަޅުކޮށް ރެކޯޑު ހޯދަން ބޭނުންވި ވަގުތުގެ ތެރޭގައި މަސައްކަތް ނިންމާލެވުނެވެ. މި ގޯހަކީ ގަދަ ފިޔާތޮށި ކުލައިގެ އެއްޗެއް، މަޑު ފިޔާތޮށި ކުލައިގެ ފޮށްޓަށް އެޅުމެވެ.

ޝިއާއޯގުއި ކުޑަ ގުރައެއްގެ ގޮތުގައި 2020 ވަނަ އަހަރު ބަލައިގަތް ފެންގް ބުނީ، އޭނާގެ ގުރާ ކުޑައިރުން ފެށިގެން ތަފާތު ކުލަތަކުގެ ބޯޅަތަކާ ކުޅުމަށް ވަރަށް ޝައުގުވެރިކަން ދެއްކި ކަމަށެވެ. އެހެންކަމުން، އޭނާ ނިންމީ ކުލަތައް ދެނެގަތުމަށް ގުރާ ތަމްރީނުކުރަން ފެށުމަށެވެ. މިހާރު ޝިއާއޯގުއި ވަނީ މިކަމުގެ ހުނަރުން ދުނިޔޭގެ ރެކޯޑެއް ހާސިލުކޮށްފައެވެ.